މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް) މިފަހަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެއްވާ އެންމެ ފަހު ދަރުސް މިރޭ ހުޅުމާލޭގައި އޮންނާނެއެވެ.
މުފްތީ ރާއްޖެ ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެގޮތުން އޭނާ ދެއްވި އެންމެ ފުރަތަމަ ދަރުސް އޮތީ މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭ ކާނިވާ ސަރަހައްދުގައެވެ. އެ ދަރުހުގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.

އެންޒައިޓީ އާއި ޑިޕްރެޝަންގެ އިތުރުން ހާސްވުމާ ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ކާނިވަލްގައި ދެއްވި ދަރުހުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު ހައްޔާން
އޭގެ ފަހުން މުފްތީ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ "އިސްލާމްކަމާއި އޯގާތެރިކަން" މި މައުޟޫއަށް ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދަރުސް ދެއްވާފައެވެ.
އެންމެ ފަހުން އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި "ޕްރޮޑަކްޓިވް މުސްލިމް" މި މައުޟޫގެ މައްޗަށް އަލިއަޅުވާލައި އޭނާ ދަރުސް ދެއްވީ ރޭގައެވެ.
މި ފަހަރު މުފްތީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެއްވާ އެންމެ ފަހުގެ ދަރުހަކީ އިސްލާމިކް މިނިސްްޓްރީއާ އެޗްޑީސީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދަރުހެކެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު އިމާމްވެ އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
އެ ދަރުސް އޮންނާނީ މިރޭ 8:45ގައި ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.
އެ ދަރުހުގެ މައުޟޫއަކީ އާއިލީ މައްސަލަ ހައްލުކުރާނެ ގޮތެވެ.
މުފްތީ ރާއްޖެ ވަޑައިގެން ދެއްވާ ހަތަރުވަނަ އަދި އެންމެ ފަހު ދަރުސް މިރޭ އޮންނައިރު މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވީ ވެސް އޭނާއެވެ.