ޒަވާޖީ ހަޔާތެއް ރޫޅެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކައިވެނީގެ ތެރޭގައި އެކަކު އަނެކަކަށް ދޭ ގެވެށި އަނިޔާކަމަށާއި އިސްލާމްދީނުގައި އެއީ އެއްވެސް ހާލެއްގައި ހުއްދަ ކުރައްވައިފައިވާ ކަމެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ހުޅުމާލެ ސިންތެޓިކު ޓްރެކުގައި މެންކް ދެއްވި ދަރުހުގައި އަލިއަޅުވައިލާފައި ވަނީ އާއިލީ މައްސަލަތައް ހައްލުކުރުމުގެ މައްޗަށެޗެ.
ދަރުސް ދެއްވަމުން މެންކު ވިދާޅުވީ ޒަވާޖީ ހަޔާތެއްގެ ތެރޭ އުޅޭއިރު އެއް ބައިވެރިޔަކު އަނެއް ބައިވެރިޔާއާ އަޅައިލައި ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގައި އިރުޝާދު ދެއްވައިފައިވާ ގޮތް ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_166724315021qjfg.jpg)
ދަރުސް އަޑުއެއްސެވުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ އިސްވެރިން ހުޅުމާލޭ ޓްރެކްގައި: ދަރުސް ދެއްވީ މުފްތީ މެންކް-- ސަން ފޮޓޯ: ނާއިލް ހުސައިން
ކައިވެނީގެ ތެރޭ ދިމާވާ ހާލަތްތަކުގައި ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާފަދަ ކަންކަމުން ދުރުހެލި ވުމަށް ވެސް މުފްތީ ވަނީ އިރުޝާދު ދެއްވައިފައެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ނިންމުންތައް އަމިއްލައަށް ނިންމުމުގެ އިޚްތިޔާރު ލިބިގެންވާއިރު އެހެން މީހެއްގެ އަތްމައްޗަށް ތިމާގެ ނަފްސުގެ ހަމަޖެހުން ދޫކޮށްނުލުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
"މައްސަލަ ގޯސްވެ ހިނގައިދާނެ ފަހު ވަގުތު ކައިވެނި ރޫޅޭ ހިސާބަށް ވެސް. އެހެން ނަމަވެސް އެެއީ ﷲގެ ހަޟްރަތުން އެ މީހަކަށް ލިބޭ ހެވެއްގެ ގޮތުގައި ވާ ކަމެއް. ސަބަބަކީ އެއްވެސް މީހަކަށް ތަހައްމަލުކުރަން ދަތިވާފަދަ ހާލަތެއް ، އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާފަދަ ކަމެއް މެދުވެރި ނުކުރައްވާނެތީ،" މެންކު ވިދާޅުވިއެވެ.
އެފަދަ ހާލަތެއްގައި އަމިއްލަ ދަރިންވާނަމަ، އެ ކަމެއް ތަހައްމަލުކޮށް، ހަނު ތިބެން ހިތްވަރު ދިނުމުގެ ބަދަލުގައި ފިޔަަވަޅު އަޅައި ދަރިން ސަލާމަތްކުރުމަށް މުފްތީ މެންކު ވަނީ އިރުޝާދު ދެއްވައިފައެވެ.
"ލޮބުވެތި މައިންބަފައިން، ތިޔަ މައިންބަފައިންގެ ދަރިން މިފަދަ ދަތި ހަލާތެއް ތަހައްމަލުކުރަމުން އަންނަ ނަމަ، އެ މީހުންނަށް ނުބައި އިރުޝާދެއް ނުދެއްވާ. އަދި އާއިލީ މައްސަލަ ހައްލުކުރުމުގެ ނަމުގައި، އެ ކަން ސިއްރު ނުކުރައްވާ. އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ހިސާބަށް ވިސްނުން ގެންދިޔުމަށް ފުރުސަތު ނުދެއްވާ،" އިތުރަށް ވާހަކަަދައްކަވަމުން މެންކު ވިދާޅުވިއެވެ.
މުފްތީ މެންކް ދެއްވި ދަރުސް އަޑުއެހުމަށް ގިނަ ބަޔަކު އެއްވެފައި-- ސަން ފޮޓޯ: ނާއިލް ހުސައިން
މުފްތީ މެންކު ވަނީ ރަނގަޅު ނިޔަތަކާއެކު މައްސަލަތައް ހައްލުކުރުމުގެ މުހިންމުކަން ވެސް ހިއްސާ ކުރައްވައިފައެވެ. އަދި ވަރި ގިނަވަމުން އަންނައިރު އެ ހިސާބަށް ވާސިލް ނުވެ ކަންކަން ނިންމޭނެ ގޮތެއް ހޯދަން މަސައްކަތް ކުރުމަށް ވެސް އިރުޝާދު ދެއްވިއެވެ.
މުފްތީ މެންކް ވިދާޅުވީ ވަރިވުމަށްފަހު ވަރަށް ގިނައިން ދަރިން އެކަކު އަނެކަކަށް ނުދައްކާ، އުޅޭތަން މުޖުތަމައުތަކުން ފެންނަކަމަށެވެ. އެހެންނަމަވެސް ދަރިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭގެ ދަރުސް އަޑުއެއްސެވުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުން ވެސް ވަޑައިގެންނެވިއެވެ. އަދި އޭގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން އެއްވިއެވެ.