މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދީނީ އިލްމު ފެތުރުއްވުމުގައި އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެންކަށް ތައުރީފުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އަރިހަށް މެންކް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުން ރައީސް ވިދާޅުވީ، އޭނާއަކީ ދިވެހިން ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް ކަމަށެވެ. އަދި މެންކްގެ ދަތުރުފުޅަކީ ދިވެހިން ވަރަށް އުންމީދު ކުރަމުންއައި ދަތުރުފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

މުފްތީ މެންކް ރައީސްއާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެ ފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތައުރީފުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މެންކް ވަނީ އޭނާ ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާ ބެހޭ ގޮތުން މައުލޫމާތާއި ބައެއް ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކެއްގެ ހުންނަ ތަފާތުތަކަށް އިހްތިރާމުކޮށްގެން ކުރިއަށް ދިއުމުގެ މުހިންމުކަން މެންކް ފާހަގަކުރެއްވިއެވެ.
މެންކް ރާއްޖެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށެވެ.

އެންޒައިޓީ އާއި ޑިޕްރެޝަންގެ އިތުރުން ހާސްވުމާ ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިރޭ ކާނިވަލްގައި ދެއްވި ދަރުހުގެ ތެރެއިން: މި ދަރުސް އަޑުއެހުމަށް އެތައް ސަތޭކަ ބަަޔަކު އެއްވި— ސަން ފޮޓޯ: މުހައްމަދު ހައްޔާން
މިދިޔަ ބުރާސްފަތި ދުވަހި ރާއްޖެ ވަޑައިގެން މެންކް ވަނީ މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ދަރުސް ދެއްވާފައެވެ. އަދި މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ވެސް އޭނާއެވެ.
މެންކްގެ ފުރަތަމަ ދަރުސް އޮތީ ހުކުރު ދުވަހުގެ ރޭ މާލޭގެ އަލިމަސް ކާނިވަލުގައެވެ. އެ ދަރުހުގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.
އެއަށް ފަހު ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި އޭނާ ދެއްވި ދަރުހުގެ މައުޟޫއަކީ "އިސްލާމްކަމާއި އޯގާތެރިކަން" އެވެ. އަދި އާދިއްތަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި ދަރުސް ދެއްވީ "ޕްރޮޑަކްޓިވް މުސްލިމް" މި މައުޟޫއަށެވެ.
މެންކްގެ އެންމެ ފަހު ދަރުސް ދެއްވީ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ރޭގެ މައުޟޫއަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ.