މައިކްރޯސޮފްޓުގައި ތާނައިން ހުންނަ ލިޔުންތައް ދިވެހި ބަހުން ކިޔައިދޭ ޓޫލްބާއެއް ތައާރަފުކޮށްފި

މައިކްރޯސޮފްޓުގައި ތާނައިން ލިޔެފައި ހުންނަ ލިޔުންތައް ދިވެހި ބަހުން ކިޔައިދޭ 'ޓޫލްބާ'އެއް ތައާރަފުކޮށްފިއެވެ.

'ދިވެހި ޓޫލްބާ'ގެ ނަމުގައި އެ ޚިދުމަތް ތައާރަފު ކުރީ 'ދިވެހި.އެމްވީ' އިންނެވެ. ދިވެހި.އެމްވީ އަކީ ލިޔެކިޔުމުގެ މަސައްކަތްތައް ކޮމްޕިއުޓަރުން ކުރާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތަފާތު އޮންލައިން ޚިދުމަތްތައް އުފައްދަމުންދާ ވަރަށް ތަފާތު ވެބްސައިޓެކެވެ.

އެ ވެބްސައިޓުން މިހާރުވެސް ދިވެހި ޓޫލްބާ ފަދަ 11 ޓޫލެއް ހިލޭ ލިބެން ހުރެއެވެ.

ދިވެހި ޓޫލްބާ ދެ ކަމަކަށް ބޭނުންކުރެވިދާނެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ތާނައިން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހުން ކިޔާގޮތަށް ފަރުމާކޮށްފައިވާ "ޓެކްސްޓް ޓު ސްޕީޗް" ފީޗާ ބޭނުންކުރުމެވެ.

ޓެކްސްޓް ޓު ސްޕީޗް ފީޗާ ފަރުމާ ކޮށްފައިވަނީ 'މޮޒިއްލާ ކޮމަން ވޮއިސް' ބޭނުންކޮށްގެންނެވެ. މޮޒިއްލާ ކޮމަން ވޮއިސްއަކީ ހަގީގީ މީހުން ވާހަކަ ދައްކާ ގޮތް، މެޝިންތަކަށް ދަސްކޮށްދިނުމަށް އެހީތެރިވުމަށް މޮޒިއްލާއިން ފަށާފައިވާ ޕްރޮގްރާމުގައެވެ.

އެ ޕްރޮގްރާމަށް ދިވެހިން ވެސް އަޑުއަޅައި، އޭގައި ދިވެހި ބަހުން ވާހަކަ ދައްކާ އަޑުގެ ޑޭޓާބޭސްއެއް ވެސް ވަނީ އުފައްދާފައެވެ. އެހެންކަމުން ތާނަ ޓެކްސްޓް ޓު ސްޕީޗުގައި އެ ޕްރޮގްރާމް ބޭނުންކުރެވެއެވެ.

އޭގެ އިތުރުން ދިވެހި ޓޫލްބާގައި ހިމެނެނީ 'ޑޭޓް އިންސާޝަން' ފީޗާއެކެވެ. އެ ފީޗާގައި، ދިވެހި އަދަބިއްޔާތުގައި އާންމުކޮށް ތާރީޚު ލިޔާ ގޮތްތައް ދައްކާފައިވެއެވެ. އެ ފީޗާ ބޭނުން ކުރުމުން، ތަފާތު ގޮޮތަކަށް ލިޔެފައިވާ ތާރީޚު އާންމުކޮށް ލިޔަން ޖެހޭ ގޮތަށް ބަދަލުކޮށްދޭނެއެވެ. އަދި މީލާދީ ތާރީޚު ހިޖުރީ ތާރީޚަށް ބަދަލު ކުރުމާއި ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލު ކުރުމަށް ވެސް ބޭނުން ކުރެވިދާނެއެވެ.

ދިވެހި.އެމްވީ އިން ވަނީ މުސްތަގުބަލުގައި ވެސް އެފަދަ ބޭނުންތެރި ޚިދުމަތްތައް ތައާރަފު ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ތާނައިން ބަސްތައް ލިޔެފައި ވަނީ ރަނގަޅަށްތޯ ބެލުމަށް 'ސްޕެލްޗެކް' ތައްޔާރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ދިވެހި.އެމްވީ އިން ބުނެފައިވެއެވެ.

ދިވެހި ޓޫލްބާ ބޭނުން ކުރަން ފެށުމަށް ޓަކައި މައިކްރޯސޮފްޓް ހުޅުވުމަށް ފަހު، 'އިންޒާޓް'އަށް ފިތައި، 'ގެޓް އެޑް-އިންސް'އަށް ގޮސް، ދިވެހި ޓޫލްބާ ޚިޔާރު ކުރުމުން ބޭނުންކުރެވޭނެއެވެ.

comment ކޮމެންޓް