އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ސާބިތުވުމުން ދެ އަހަރާއި ނުވަ މަހަށް އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރުގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ މިހާރު ވެސް އަންނަނީ ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އަލަމްގީރުގެ މައްޗަށް އުފުލި އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. ދައުލަތުން އެދުނީ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. އެއީ 1080 ދުވަހެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަލަމްގީރުގެ މައްޗަށް އިއްވާފައިވަނީ ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.
އަލަމްގީރުގެ އިތުރުން މި މައްސަލައިގައި ހިމެނޭ ތިން ދިވެއްސެއްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އެއީ ޤާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.
މި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު އަލަމްގީރާއެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، ކުށަށް ތައުބާވެފައިވާތީވެ ކުރިމިނަލް ކޯޓުން ވަނީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ. އަދި އަބްދުއްރަހްމާން ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.