އާ އައިފޯނަށް ކެތް ނުކުރެވިގެން އެ ގަންނަން ދުބާއީއަށް

ދީރަޖު ޕައްލިޔިލްއަކީ އައިފޯނެއް ގަތުމަށްފަހު ދައްކާލަނީ ---

ސްމާޓްފޯނުތަކާއި ޓެބްލެޓުތަކުގެ މި ޒަމާނުގައި ބައެއް މީހުންނަށް ޓެކްނޮލޮޖީ ވަގުތުން ވަގުތަށް އަތަށް ލިބެން ޖެހެއެވެ. އެހެން މީހަކަށް ލިބުމުގެ ކުރިން އެ ހޯދަން ބައެއް މީހުން ވަރަށް މަސައްކަތް ކުރެއެވެ. އިންޑިއާގެ ކެރެލާގެ ޒުވާނެއް ވެސް ކަންތައް ކޮށްފައިވަނީ މިގޮތަށެވެ. އާ އައިފޯނު، އައިފޯނު 14 ގަންނަން ވެގެން ގައުމުގައި ނުހުރެވިގެން އޭނާ ދިޔައީ ދުބާއީއަށެވެ.

އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ ދީރަޖު ޕައްލިޔިލްއަކީ އެޕަލް ކުންފުނީގެ ވަރަށް "ލޯޔަލް" ކަސްޓަމަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެޕަލްގެ ޕްރޮޑަކްޓެއް ނެރޭ އިރަށް އެ ވަގުތުން ދީރަޖުގެ އަތަށް އަރަން ޖެހެއެވެ.

އެޕަލް އިން މިދިޔަ ހަފުތާގެ ތެރޭގައި އެކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު "އައިފޯން 14" ވަނީ ދުނިޔޭގެ ބައެއް މާކެޓުތަކަށް ނެރެން ފަށާފައެވެ. އެއާއެކު ދީރަޖު ބޭނުންވީ އައިފޯން ސީރީޒްގެ އެންމެ އަގުބޮޑު ފޯނު އައިފޯނު 14 ޕްރޯ މެކްސް ގަންނާށެވެ.

ނަމަވެސް އެ ފޯނު މާކެޓަށް ނެރެން ފެށިއިރު އިންޑިއާގައި އެ ފޯނު ނެރެން ފަށާ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް ދީރަޖު އެ ފޯނަށް އިތުރަށް އިންތިޒާރު ކުރަން ބޭނުމެއް ނުވިއެވެ. އިންޑިއާ އާ އެންމެ ގާތް ހިސާބަކަށް އެ ފޯނު މާކެޓަށް އެންމެ ފުރަތަމަ ނެރުނީ ދުބާއީގައެވެ. އެއާއެކު ދީރަޖު އެ ފޯނު ގަންނަން ވެގެން ދުބާއީއަށް ދާން ނިންމިއެވެ.

އިންޑިއާއިން ދުބާއީ އަށް ދާން ވެގެން ދީރަޖު 400 ޑޮލަރު ހޭދަކުރިއެވެ. އަދި އެއަށްފަހު ދުބާއީ އިން އޭނާ އެ ފޯނު، 1،500 ޑޮލަރަށް ގަތެވެ.

"ވަރަށް އެކްސައިޓިން ކަމެއް އަސްލު އައިފޯނު ގަންނަން އެންމެން އެޕަލް ފިހާރަ ކުރިމަތީ އެއްވެގެން ތިބެން. އެހެންވެ އެހެން މީހުންނަށް ވުރެ ކުރިން ގަންނަން ބޭނުންވެގެން ދުބާއީ އަށް ދިޔައީ،" އޭނާ ބުންޏެވެ.

އައިފޯނެއް ގަންނަން ދީރަޖު، ދުބާއީއަށް ދިޔަ މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރީން ވެސް ތިން ފަހަރެއްގެ މަތީން އޭނާ ވަނީ ދުބާއީއަށް އައިފޯނު ގަންނަން ގޮސްފައެވެ. އޭނާ އެންމެ ފުރަތަމަ ގޮސްފައިވަނީ 2017 ވަނަ އަހަރުގައެވެ. އެއަށްފަހު 2019 ވަނަ އަހަރާއި މިދިޔަ އަހަރު ވެސް އޭނާ ވަނީ އައިފޯނު ގަންނަން ދުބާއީ އަށް ގޮސްފައެވެ.

comment ކޮމެންޓް