ލަންޑަން (19 ސެޕްޓެމްބަރު 2022) : މިމަހުގެ އަށް ވަނަ ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގެ އެންމެ ފަހުގެ ކަންކަން ރާވާފައިވާ ގޮތަށް ކުރިޔަށްދާކަމަށާއި އެލިޒަބަތު ފަސްދާނުލާނީ އިނގިރޭސިވިލާތުގެ ގަޑިން މިއަދު ހަވީރުގައި ކަމަށް އެ ގައުމުން ބުނެފިއެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ބުނިގޮތުގައި އެލިޒަބަތު 2 ގެ ޖަނާޒާގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން 500 އަށްވުރެ ގިނަ ބޭފުޅުން ރޭގެ ނިޔަލަށް ވަނީ ލަންޑަނަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ތެރޭގައި ގައުމުތަކުގެ އެންމެ އިސްވެރިންގެތެރޭގައި ހިމެނޭ ރަސްރަސްކަލުންނާއި ރައީސުންނާ އަދި ބޮޑުވަޒީރުން ހިމެނެއެވެ.
އަދި ގައުމުތަކުގެ އިސްވެރިންގެ ބަދަލުގައި އެބޭފުޅުން ތަމްސީލު ކުރައްވާ މަންދޫބުންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ އިސްބޭފުޅުން ކަމަށްވާ ޚާރިޖީ ވަޒީރުންނާއި ވަލީއުލްއަހްދުން އަދި އެލެވެލްގެ މަގާމުތަކުގެ ބޭފުޅުން ވެސް މީގެތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
ބަކިންހަމް ޕެލަސް ބުނާގޮތުން އިނގިރޭސި އާ ރަސްގެފާނު ކިންގް ޗާލްސް 3 ވަނަ މިއަދު ހަވީރު، އެލިޒަބަތުގެ ޖަނާޒާ ބޭއްވުމުގެ ކުރިން ބަކިންހަމް ގަނޑުވަރުގައި މި ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ.
ރާނީ އެލިޒަބަތުގެ ސަންދޯއް މީގެ ތިން ދުވަސް ކުރިން ވަނީ ސްކޮޓްލެންޑުން ލަންޑަނަށް ގެނެސްފައެވެ. އެކަމަނާގެ ސަންދޯއް ބަހައްޓާފައި ވަނީ ލަންޑަންގެ ވެސްޓްމިންޓަރ އަބޭ ގައެވެ. މިއީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުންނާ ގުޅޭ ދީނީ ރަސްމިއްޔާތުތައް ބާއްވާ ފައްޅިއެވެ. އިނގިރޭސިވިލާތުގެ އާންމުން މީގެ ތިން ދުވަސްކުރިން ފެށިގެން ގެންދަނީ ކިޔު ހަދައިގެން ކިޔުގެ ތެރެއިން ވެސްޓްމިންޓާ އަބޭއަށް ވަދެ އެލިޒަބަތުގެ ސަންދޯކަށް އެންމެ ފަހުގެ ވަދާއީ ސަލާމް އަދާކުރަމުންނެވެ.
ލަންޑަންގެ ފުލުހުން ބުނާގޮތުން އެލިޒަބަތުގެ ޖަނާޒާގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ސަލާމަތީ އޮޕަރޭޝަނަކީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް އެގައުމުގެ ފުލުހުން ކުރިޔަށްގެންދާ އަމަނާބެހޭ އެންމެ ބޮޑު އޮޕަރޭޝަނެވެ. މިއޮޕަރޭޝަންގައި ލަންޑަންގެ ފުލުހުންގެ އިތުރުން އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުން ވެސް ދެ ހާހަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެއެވެ.
އެލިޒަބަތުގެ ޖަނާޒާގައި ބޭރުގެ އިއްޒަތްތެރިންގެ 500 އަށްވުރެ ގިނަ މީހުން ބައިވެރިވާއިރު އިނގިރޭސިވިލާތުގެ ރަސްގެފާނާއި ވަލިއުލްއަހްދާއި ޝާހީ އާއިލާގެ މެންބަރުންނާ އަދި އިނގިރޭސި ބޮޑުވަޒީރާއި ކެބިނެޓްގެ މެންބަރުންނާ ކުރީގެ ބޮޑުވަޒީރުންނާ އަދި އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ހިމެނޭ ގައުމުތަކުގެ ބޮޑުވަޒީރުންނާ އެ ނޫން ވެސް އިނގިރޭސި ދައުލަތުގެ އިސް މުއައްސަސާތަކުގެ މެންބަރުންނާއި ވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެއިތުރުން އާންމުންގެ އެތައް ހާސް ބަޔަކު ވެސް ބައިވެރިވާނެއެވެ.
ރާނީ އެލިޒަބަތު 2 ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރުއެވެ. އެކަމަނާ އިނގިރޭސި ރަސްކަމުގެ ތަޚްތަށް އިސްވެވަޑައިގެންނެވި 1952 ވަނަ އަހަރު އެކަމަނާގެ ބައްޕާފުޅު ކިިންގް ޖޯޖް 6 ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ. ހަތް ދިހަ އަހަރުގެ ދިގު މުއްދަތެއްގައި ރަނިކަން ކުރެއްވުމަށްފަހު މުސްކުޅި ބަލީގައި އުމުރުފުޅުން 96 އަހަރުގައި އެލިޒަބަތު އަވަހަރަވީ މިމަހުގެ އަށެއް ވީ ބުރާސްފަތި ދުވަހު ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރެއް ކަމަށްވާ ބެލްމޯރަލް ކާސަލް ގައެވެ.
އިނގިރޭސި ރާނީ އެލިޒަބަތު 2 ފަސްދާނު ލުމަށް ހަމަޖެހިފައިވަނީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަ ވަނަގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގައެވެ. މިފައްޅި ހުންނަނީ ޝާހީ ކިއްލާއެއް ކަމަށްވާ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައެވެ. ވިންޑްސާ ކާސަލް ހުންނަނީ ވެސްޓް މިނިސްޓަރު އަބޭއާ ގާތުގައެވެ. ބަކިންހަމް ޕެލަސްއިން ހާމަކޮށްފައިވާ ގޮތުގައި އެލިޒަބަތު 2 ފަސްދާނުލާއިރު މީގެ ދޮޅު އަހަރުކުރިން އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކްއޮފް އެޑިމްބަރާ ވެސް އެކަމަނާގެ ކައްވަޅުގެ ކައިރީގައި އެހެން ކައްވަޅެއްގައި ފަސްދާނުލާނެއެވެ.
ޕްރިންސް ފިލިޕް އަވަހާރަވީ 2021 ވަނަ އަހަރުގެ އެޕްރީލްމަހުގައެވެ. ފިލިޕްގެ ހަށިކޮޅު ސަންދޯކުގައި އެޅުމަށްފަހު ބާއްވާފައި ވަނީ ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ކިންގް ޖޯޖް 6 ގެ ހަނދާނީ ފައްޅީގެ ބިންގަރާހުގައި ހުންނަ ތަނެއްގައެވެ. އެލިޒަބަތުގެ ހަށިކޮޅު އެފައްޅީގެ ގޯތިތެރޭގައި ފަސްދާނުލާއިރު، ފިރިކަލުން ޕްރިންސް ފިލިޕްގެ ސަންދޯއް ވެސް އެތަނުން ނަގައިގެން ގެންގޮސް، ރާނީގެ ކައްވަޅުގެ ކައިރީގައި އެހެން ވަޅެއް ކޮނެފައި ފަސްދާނުލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ދިޔުމުގެ ދައުވަތު ނާރުވަނީ ވަރަށް މަދު ގައުމުތަކަކަށެވެ. އެގައުމުތަކަކީ ރަޝިއާ، އަފްޣާނިސްތާން، ސޫރިޔާ، އަދި އުތުރު ކޮރެއާއެވެ. މިއީ އިނގިރޭސިވިލާތާ ސިޔާސީ ގުޅުންތައް ކުޑަ އަދި އިނގިރޭސި ދައުލަތުން އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކާމެދު ހިތްހަމަނުޖެހޭ ގައުތަކެވެ.