ޗާގޯސް ރަށްތަަކުގެ އެއްބަސްވުމާ ގުޅިގެން ސުވާލު އުފެދިއްޖެ

ޗާގޯސް ރަށްތަކުގެ އެންމެ ބޮޑު ޑިއެގޯ ގާސިއޭގެ އޭރިއަލް ވިއުއެއް. ފޮޓޯ/އޭޕީ

ޗާގޯސްގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރާނެ ކަމާމެދު ސުވާލު އުފެއްދިޖެއެވެ.

ސުވާލު އުފެދިފައި ވަނީ އެ ރަށްތައް އިސްތިއުމާރުކުރި އިނގިރޭސިވިލާތުން ރަށްތައް މޮރިޝަޝްއާ ހަވާލުކުރާނެކަން އިއުލާނުކޮށްފައިވަނިކޮށް މޮރިޝަސްގެ ވެރިކަން ބަދަލުވެ، އާ ބޮޑު ވަޒީރަކު ވަޑައިގެން އަނެއްކާވެސް އާ ޝަރުތުތަކެއް ހުށަހެޅުއްވުމުންނެވެ.

އިނގިރޭސި ސަރުކާރުން މިހާރު ނިންމާފައި އޮތީ 60 ރަށް ހިމެނޭ ޗާގޯސްގެ ކޮންޓްރޯލު މޮރިޝަސްއަށް ދިނުމަށެވެ. ނަމަވެސް އެ މީހުން ވަނީ އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއޭގޯ ގާސިއާގައި ހުންނަ ސްޓްރެޓެޖިކް ޖޮއިންޓް، އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު މަދުވެގެން 99 އަހަރަށް އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ޝަރުތުކޮށްފައެވެ.

ނަމަވެސް މިދިޔަ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި މޮރިޝަސްގެ ބޮޑު ވަޒީރު ނަވީން ރަމްގޫލަމް ވަނީ އެ އެއްބަސްވުމާމެދު ޝައްކު އުފެދޭ ކަމަށާއި އެއްބަސްވުން އަދިވެސް ފައިނަލް ނުވާ ކަމަށް ވިދާޅުވެފައެވެ.

މޮރިޝަސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ރަމްގޫލަމް ވިދާޅުވީ އޭނާގެ ސަރުކާރުން އިނގިރޭސިވިލާތާ އެކު އެއްބަސްވުމެއް ހަދަން އަދިވެސް ތައްޔާރަށް އޮތް ކަމަށާއި އިތުރު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޭރުގެ ސަރަހައްދުތަކާ ބެހޭ މިނިސްޓަރު ސްޓީވަން ޑޯޓީ ބުދަ ދުވަހު ވިދާޅުވީ އެއްބަސްވުން ފައިނަލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި މޮރިޝަސްގެ އާ ސަރުކާރުން އެ ތަފްސީލުތައް މުރާޖައާ ކުރުމަށް ވަގުތު ބޭނުންވާނެކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޑޯޓީ ވަނީ އެއްބަސްވުމާ ގުޅިގެން ވޮޝިންޓަނުން ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ލީޑަރު ނައިޖެލް ފަރާޖް ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ.

ޗާގޯސް ރަށްތަކަކީ 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށްތަކެކެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި ވިއެޓްނާމް، އިރާގު އަދި އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ޖާގަ ދިނުމަށްޓަކައި އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުން މީހުން ބާލުވާފައެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަޑަކަށް 2،000 މީހުންނެވެ.

ގެދޮރު ދޫކޮށް ދާންޖެހުނު މީހުން ވަނީ އެމީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ހޯދުމަށް އިނގިރޭސިވިލާތުގެ ކޯޓުތަކުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްފައެވެ. އާ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން އެމީހުންނަށް އަނބުރާ ވަޒަނަށް ދެވޭނެއެވެ. ނަމަވެސް ޑިއެގޯ ގާސިއާގައި މީހުން ވަޒަންވެރިއެއް ނުކުރާނެއެވެ.

ޗާގޯސް ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވީ މީގެ ދެމަސްކުރިންނެވެ.

ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ވަކިކޮށް، އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުން ނިންމީ 1965 ވަނަ އަހަރުއެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޓީފުޅެއް އެ ގައުމަށް ވަނީ ފޮނުއްވައިފައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.

comment ކޮމެންޓް