މުޅި އުމުރު ފިޓް ޖެހުމަށް ފަރުވާ ހޯދުމުގައި، ފިޓްޖެހި މޫދު އަޑީގައި އަށް މިނެޓް!

އިރުފާން: ކުޑައިރުއްސުރެވެސް ފިޓް ޖެހޭ އެ ޒުވާނާ މަރުވީ ފިޓް ޖެހި މޫދަށް ވެއްޓިގެން-- ފޮޓޯ: ސޯޝަލް މީޑިއާ

ފިޓް ޖެހުމަކީ އިރުފާން، 24، އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ވަޒީފާގައި ހުއްޓާވެސް އަދި މަގުމަތީ ހުއްޓާ ވެސް އެ މައްސަލަ ކުރިމަތިވެއެވެ. ރަނގަޅު ވަނީ ވެއްޓޭތާ ދެތިން މިނެޓެއް ފަހުންނެވެ. ކުޑައިރުން ފެށިގެން ވެސް އުޅެމުން ދިޔައީ އެހާލުގައެވެ. އެންމެ ފަހުން އޭނާއަށް އިއްޔެ ފިޓް ޖެހުނީ އުފަން ރަށް، ގއ. ކަނޑުހުޅުދޫއަށް ދިއުމަށް ފެރީގައި ހުއްޓާއެވެ. ގއ. ގެމަނަފުށީ ފަޅުތެރެއަށް ފިޓް ޖެހިގެން އިރުފާން ވެއްޓުނެވެ. ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު 24 އަހަރުގެ އެ ޒުވާނާ ވަނީ މަރުވެފައެވެ.

އިރުފާނަކީ ކަނޑުހުޅުދޫ ފެނަކަ އޮފީހުގެ މަސައްކަތު މީހާއެވެ. މަޑުމައިތިރި އަދި އެންމެންނާ ވެސް ގުޅޭ މިޒާޖެއްގެ އިރުފާންގެ ކުއްލި ވަކިވުން ވެފައި ވަނީ އޭނާ ދަންނަ މީހުންނާއި އެ ރަށަށް ވެސް ބޮޑު ހިތާމައަކަށެވެ. ކުޑައިރުން ފެށިގެން ހުންނަ ފިޓް ޖެހުމުގެ ބަލިން ރަނގަޅުނުވެ އޭނާ އުޅެމުން ދިޔަ ހާލަކީ އެ ރަށު އެންމެންގެ ހަމްދަރުދީ ވެސް އިރުފާނަށް އޮންނަ ކަމެކެވެ.

https://sun.mv/168318

ވޭދުވެދިޔަ ފަސް ދުވަހު ވެސް އިރުފާން އުޅެމުން ދިޔައީ ސިއްހީ ފަރުވާ ހޯދުމަށް ގދ. ތިނަދޫގައެވެ. ސީދާ ކޮން މައްސަލައަކަށް ކަމެއް ނޭނގެއެވެ. އިއްޔެ އެމްޓީސީސީ ފެރީއަށް އޭނާ އެރީ އެނބުރި ރަށަށް ދިޔުމަށެވެ. ތިނަދޫއިން ފެރީ ފުރިއިރު އެކި ރަށްރަށަށް ޖައްސަމުން ގޮސް ގެމަނަފުއްޓަށް ފަހު ފެރީ ދެން ދަނީ އިރުފާންގެ ރަށް ކަނޑުހުޅުދުއަށެވެ.

އިރުފާން: ކުޑައިރުއްސުރެވެސް ފިޓް ޖެހޭ އެ ޒުވާނާ މަރުވީ ފިޓް ޖެހި މޫދަށް ވެއްޓިގެން-- ފޮޓޯ: ސޯޝަލް މީޑިއާ

މަންޒަރު ފެނުނު މީހުންނާ ވާހަކަ ދެއްކެވުމަށް ފަހު، ކަނޑުހުޅުދޫ ކައުންސިލް މެންބަރު ސިމާހް އިބްރާހީމް އެ ހާދިސާ "ސަން"އަށް ކިޔައިދެއްވަމުން ވިދާޅުވީ ފެރީ ގެމަނަފުށިން ނައްޓާލުމާއެކު އިރުފާނާއި އޭނާގެ ތިމާގެ އެހެން ކުއްޖެއް ފެރީގެ ކުރީކޮޅަށް ދިޔަ ކަމަށެވެ. އިރުފާން ހުރީ މޫދާވީ ފަޅީގެ ޗެންޗެއިން ކައިރީގައި ކަމަށާއި ފެރީ ނައްޓާލިތާ މާ ގިނައިރުތަކެއް ނުވެ ފިޓް ޖެހިގެން އިރުފާން ވެއްޓުނީ ގެމަނަފުށީ ފަޅުތެރެއަށް ކަމަށް ސިމާހް ވިދާޅުވިއެވެ.

"އެ ވަގުތު އޭނާ ދިޔައީ ސީދާ އަޑިޔަށް. ފިޓް ޖެހުނީމަ ދާނީ އަޑިޔަށް ނޫންތޯ. ދެން އެ ފެރީގެ މުވައްޒަފަކާއި ކުރިން މި ދެންނެވި އިރުފާންގެ ތިމާގެ މީހާ ވަގުތުން މޫދަށް ފުންމާލީ އިރުފާން ނަގަން،" ސިމާހް ވިދާޅުވިއެވެ.

"ސީދާ އަޑިޔަށް ދިޔައީމަ ހޯދަން ވަގުތު ނެގި ކަމަށް އެ މީހުން ބުނީ. އެހެންވެ އަށް މިނެޓް އިރުފާން މޫދު ތެރޭގައި ވި ކަމަށް ނަގަން މަސައްކަތް ކުރި މީހުން އަޅުގަނޑު ގާތުގައި ބުނި."

އަށް މިނެޓް ފަހުން މޫދުން ނެގުމަށް ފަހު އިރުފާން ގެންދިޔައީ ބަނދަރުގައި ހުންނަ ގެމަނަފުށީ ސިއްހީ މަރުކަޒަށެވެ. އެ ޒުވާނާ މަރުކަޒަށް ގެންދިޔައިރު އެއްވެސް ހަރަކާތެއް ނެތެވެ. އަދި މަރުވެފައި ވަނީ ގެނބިގެން ކަމަށް ޑޮކްޓަރުން ނިންމިއެވެ.

އިރުފާން: އިއްޔެ މަރުވީ ފިޓް ޖެހިގެން-- ފޮޓޯ: ސޯޝަލް މީޑިއާ

އެމްޓީސީސީގެ އެހީތެރިކަމާއެކު ރޭ ވަނީ އިރުފާންގެ ހަށިގަނޑު ކަނޑުހުޅުދޫއަށް ގެންގޮސްފައެވެ. ކަށުނަމާދު ރޭ 12 ޖަހާކަންހާއިރު ބާއްވައި އޭނާ ވަނީ ވަޅުލައިފައެވެ.

އިރުފާނަކީ އާންމުކޮށް ވެސް ފިޓް ޖެހޭ މީހަކަށް ވާތީ އެ މައްސަލަ ދެން އިތުރަށް ތަހުގީގުކޮށް ބަލަން އާއިލާއިން ބޭނުން ނުވާ ކަމަށް ސިމާހް ވިދާޅުވިއެވެ.

"އާއިލާއިން ގަބޫލު ކުރޭ ފިޓް ޖެހިގެންކަން ނިޔާވީ. އެހެންވެ އިތުރަށް ތަހުގީގު ހިންގާކަށް ބޭނުމެއް ނުވޭ،" ސިމާހް ވިދާޅުވިއެވެ.

އިރުފާންގެ އާއިލާގައި އޭނާގެ މަންމައާއި އެއްބަނޑު ހަ މީހުން ތިބެއެވެ. އެއީ ތިން ފިރިހެނުންނާއި ތިން އަންހެނުންނެވެ.

comment ކޮމެންޓް