ގއ. ގެމަނަފުށިން ފުރައިގެން އެ އަތޮޅު ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެއެވެ.
ގެމަނަފުށީ ސިއްޚީ މަރުކަޒުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ, މޫދަށް ވެއްޓުނު ޒުވާނަކު މިއަދު ހައެއް ޖަހާލިހާއިރު އެ މަރުކަޒަށް ގެނައި ކަމަށެވެ.
އުމުރުން 24 އަހަރުގެ ކަނޑުހުޅުދޫއަށް ނިސްބަތްވާ އެ ޒުވާނާ މަރުކަޒަށް ގެނައިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި މަރުވެފައިވަނީ ގެނބިގެން ކަމަށް ޑޮކްޓަރާ ހަވާލާދެއްވާ އޭނާ ވިދާޅުވިއެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ, ގެމަނަފުށިން ފެރީ ފުރި ފަހުން އެ ޒުވާނާ ވެއްޓުނީ އެ ރަށުގެ ނެރުތެރެއަށް ކަމަށެވެ.
ފެރީގެ ކުރީކޮޅުގައި ހުރި ޒުވާނާ މޫދަށް ވެއްޓުމާ އެކު ހުރި ގޮތަށް ދިޔައީ އަޑިއަށެވެ. ދޯނި ތެރޭގައި ހުރި ދެ މީހަކު ވަގުތުން މޫދަށް ފުންމާލައިގެން އޭނާ ނެގި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ. ނެރު ތެރޭގައި ތިން ވަރަކަށް މީޓަރު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި އެއީ ފިޓް ޖެހޭ ޒުވާނެކެވެ. އަދި މިއަދު ފެރީގެ ކުރީ ކޮޅުގައި ހުއްޓައި އޭނާ މޫދަށް ވެއްޓުނީ ވެސް ފިޓް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ކަނޑުހުޅުދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.