ބަޓަރުގެ ބާވަތެއް ކަމަށްވާ ގިތެލަކީ ޒަމާނުއްސުރެ އޭޝިއާގެ ގައުމުތަކުގައި ކެއްކުމަށް ބޭނުންކޮށް ކެއުމުގައި ހިމަނާ މުހިއްމު ބާވަތެކެވެ.
ޚާއްސަކޮށް އަވަށްޓެރި އިންޑިއާ އަދި ލަންކާގައި ވަރަށް ގިނަ ކެއުންތައް ތައްޔާރު ކުރުމަށް ގިތެޔޮ ބޭނުންކުރެއެވެ. ކެއުންތަކުގެ އިތުރުން މި ގައުމުތަކުގައި ތައްޔާރުކުރާ ސަގާފީ ބޭސްވެރިކަމުގައި ވެސް ގިތެޔޮ ބޭނުންކުރެއެވެ.
އާދައިގެ އެހެން ބަޓަރުތަކާ އަޅައި ބަލާއިރު ގިތެލުގައި ހިމެނޭ ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން އަދި ފެނުގެ މިންވަރު މަދުވުމުން މިއީ އެއްވެސް ކަހަލަ ޕްރިޒަވޭޓިވްއެއް ނެތް ސަރުބީ ހުންނަ ބާވަތެކެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަ ގޮތުން ގިތެޔޮ ބޭނުން ކުރާނަމަ ބަރުދަން އިތުރުވެ ހަށިގަނޑުގެ ކޮލެސްޓްރޯލް އިހުނަށްވުރެ މަތިވުމުގެ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް މިއީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިން، ވިޓަމިން އޭ ހަށިގަނޑަށް ލިބި، ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހަށިގަނޑުގެ ދިފާޢީ ބާރު އިތުރުކޮށް ގައިގެ ހަންގަނޑު ރީތިކޮށްދޭ ބާވަތެކެވެ.
ހަމައެއާއެކު ގިތެލަކީ އޮމެގާ-3 ފެޓީ އެސިޑްސްއިން މުއްސަނދިވެފައިވާ ބާވަތެކެވެ. މީގެ ސަބަބުން ގަޓް އިންފްލެމޭޝަން ދަށްކޮށްދީ ހިތުގެ ބަލިތަކުން ރައްކާތެރިކަން ލިބުމަށް އެހީވެއެވެ.
ގިތެލުން ލިބޭ މުހިއްމު ފައިދާތަކުގެ ތެރޭގައި ކާނާ ހަޖަމުވުމަށް ލުއި ލިބުމާ އެކު ފަސޭހައިން ހަށިގަނޑަށް ލިބޭ ކުދިކުދި ޒަޚަމްތަކަށް މިއީ އަވަސް ފަރުވާއެކެވެ. ހަމައެއާއެކު މިއީ ބޮޑެތިވަމުން އަންނަ ތުއްތު ކުދިންގެ ހެދިބޮޑުވުމަށް ވެސް ނުހަނު ގިނަ ފައިދާތަކެއް ކުރުވާ ބާވަތެކެވެ.
ނަމަވެސް ބޭޑް ކޮލެސްޓްރޯ މަތިވާ މީހުން ދުވާލަކު ގިތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ. އެގޮތުން ދުވާލަކު 1-2 ސަމުސާގެ ގިތެޔޮ ބޭނުންކުރުން އެންމެ ރަނގަޅު ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވައެވެ.
ގިތެލުގައި އެއްވެސް ވަރަކަށް ކިރުގެ ބާވަތެއް ހިމެނިފައިނުވާތީ އައިސްއަލަމާރިއަށް ނުލައި އާދައިގެ ފިނި ހޫނުމިން ހުންނަ ތަނެއްގައި ބެހެއްޓުމަކީ އެންމެ ރައްކާތެރިގޮތެވެ.
ކެއްކުމަށާއި ކެއުމުގައި ގިތެޔޮ ހިމެނިދާނެ ވަރަށް ގިނަ ގޮތްތަކެއް ހުރިއިރު ރިހަ، ސޫޕް އަދި ތަފާތު ވައްތަރުގެ ސުރުވާ ތައްޔާރު ކުރާއިރު ތެލުގެ ބަދަލުގައި ގިތެޔޮ ބޭނުންކުރެވިދާނެއެވެ. ހަމައެއާއެކު ޕޮޕް ކޯން، އަދި ޕާން ފަދަ ތަކެތި ޓޯސްޓްކުރުމަށް ވެސް ގިތެޔޮ ބޭނުން ކުރެވިދާނެއެވެ.