ފަތުރުވެރިކަމުގެ ދާއިރާއަކީ އަންހެނުންނަށް ގޮންޖެހުންތައް ބޮޑު އަދި "ޖެންޑާ ބޭސްޑް" ދާއިރާއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެއް އޮތް ދާއިރާއެކެވެ. ނަމަވެސް، މިއަދު ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހި ރާއްޖޭގެ ޒުވާން އަންހެންކުދިންނަށް ވެސް ރާއްޖެއާއި ރާއްޖޭން ބޭރުގައި ކާމިޔާބީތައް ހޯދޭނެ ދައިރާއެއްކަން, މާލެއަށް އުފަން ނީނާ މުހައްމަދު ވަނީ ސާބިތުކޮށްދީފައެވެ.
ޒުވާން ޖީލަށް ނަމޫނާ ދައްކާނެ ބަޔަކަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ނީނާ ވަނީ މެދުއިރުމަތީގައި ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ނުފޫޒުގަދަ މީހުން ހިމެނޭ ދެ ލިސްޓެއްގައި ހިމެނި، ރާއްޖޭގެ ނަން މެދުއިރުމަތީގައި ފަވައިލާފައެވެ.
އޭނާ ހިމެނިފައިވަނީ، މި އަހަރުގެ މެއި މަހު ނެރުން ހޮޓެލިއާ މިޑްލް އީސްޓް މާކެޓިން ޕަވާ 2024 އަދި އޮކްޓޯބަރު މަހު ނެރުން ޓޮޕް 30 ހޮސްޕިޓާލިޓީ ހޮޓްޝޮޓްސް 2024 ގައެވެ.
މާކެޓިން ޕަވާ ލިސްޓަކީ މެދުއިރުމަތީގައި ފަތުރުވެރިކަމުގައި މާކެޓިންގެ ދާއިރާއިން ފާހަގަކޮށްލެވޭ މީހުންގެ ލިސްޓެކެވެ. ކޮންމެ އަހަރަކު އާންމުކުރާ މި ލިސްޓު އެކުލަވައިލަނީ މެދުއިރުމަތީގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން، ލިސްޓަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހުއެވެ. މި ލިސްޓުގައި މި އަހަރު 101 މީހުން ހިމެނިފައިވެއެވެ.
ހޮސްޕިޓާލިޓީ ހޮޓްޝޮޓަކީ ވެސް މިފަދަ ލިސްޓެކެވެ. ނަމަވެސް، މި ލިސްޓުގައި ހިމެނޭނީ ހަމައެކަނި ޕަބްލިކް ރިލޭޝަންސް ދާއިރާއިން ފާހަގަކޮށްލެވޭ 30 މީހުންނެވެ. މި ލިސްޓު އެކުލަވައިލުމުގައި ބަލާނީ ރިސޯޓެއް ނުވަތަ ހޮޓެލަކަށް އެ އަހަރަކު ލިބިފައިވާ ކާމިޔާބީތަކަށާއި މާކެޓް ކުރެވިފައިވާ މިންވަރަކަށެވެ. މި ލިސްޓަށް މީހުން ހޮވުމުގައި ވެސް އިންޓަވިއުކުރެއެވެ. ލިސްޓަށް ނޮމިނޭޓްވާ ފަރާތްތަކުގެ އިންޓަވިއު މަރުހަލާގައި އެ މީހެއް މަސައްކަތްކުރާ ރިސޯޓެއް ނުވަތަ ހޮޓަލެއްގެ ޖެނެރަލް މެނޭޖަރުންގެ ބަސް ވެސް ހޯދައެވެ.
މި ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސެއް ހިމެނުން ޚާއްސަވަނީ، މިއީ މެދުއިރުމަތީގެ ހުރިހާ ގައުމެއްގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ މީހުންގެ ތެރެއިން ވެސް ހޮވާލެވޭ ބަޔަކު ހިމެނޭ ލިސްޓަކަށް ވާތީއެވެ.
މިދިޔަ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި 1200އަށްވުރެ ގިނައިން ރިސޯޓާއި ހޮޓެލްތައް ހިމެނެއެވެ. ހަމަ އެކަނި ދުބާއީގައި ވެސް 800އަށްވުރެ ގިނަ ހޮޓެލްގައި ފަތުރުވެރިންނަށް ޚިދުމަތްދެއެވެ.
މި ލިސްޓަށް ވާދަކުރާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް، އޮމާން، ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރައިން، މިސްރު، ޖޯޑަން، ތުރުކީފަދަ ފަތުރުވެރިކަން ކުރިއަރާފައިވާ ގިނަ ގައުމުތައް ހިމެނެއެވެ.
މިއީ އުންމީދުނުކޮށް ހުއްޓައި ލިބުނު ބޮޑު ކާމިޔާބީއެއް
އެކޯގެ މޫވެންޕިކް އަލްމަރްޖާން އައިލެންޑް ރިސޯޓުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާ ނީނާ ގަބޫލުކުރީ މި ދެ ލިސްޓުގައި އޭނާގެ ނަން ހިމެނުމަކީ ނާދިރުކަމެއްގެ ގޮތުގައެވެ. މިއީ އުންމީދު ނުކޮށްހުއްޓައި އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
"ހިތަކަށް ވެސް ނާރާ [މި ލިސްޓުގައި ހިމެނިދާނެކަމަށް]. މިއީ ޔޫއޭއީގައި މަސައްކަތްކުރާ ފުރަތަމަ އަހަރު. ކުރިން މަސައްކަތް ކުރީ އޮމާންގައި. އަނެއްކާ މި ރިސޯޓް ހުޅުވިތާ ވެސް މިއީ ދެވަނަ އަހަރު،" ނީނާ ބުންޏެވެ.
އެހެންކަމުން މި ލިސްޓުގައި ހިމެނި މި ޚާއްސަ އެވޯޑު ލިބޭނެކަމަށް އޭނާއަށް އުންމީދު ނުކުރެވުނީއެވެ.
މި ލިސްޓުގައި ހިމެނުމަކީ މެދުއިރުމަތީގައި މަސައްކަތްކުރާ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ. މިކަމުގެ ސަބަބުން އެތައް ފުރުސަތެއް ހުޅުވި، މެދުއިރުމަތީގެ ކޮންމެ ބްރޭންޑަކުން ވެސް މީހާ ބަލައިގަންނަން މަގުފަހިވެއެވެ.
ފަތުރުވެރިކަމަށް ހުޅުވުނު ދޮރުން ވަދެ، އަމާޒު ހިފީ ކާމިޔާބީއަށް
ދެ ދާއިރާއަކުން ނީނާ މަތީ ތައުލީމު ހާސިލުކުރިއެވެ. އެއީ، އިންޓިރިއާ ޑިޒައިނިން އަދި މާކެޓިންއެވެ.
" 2010 ވަނަ އަހަރު ކިޔަވައިގެން އައިއިރު، އިންޓީރިއާ ޑިޒައިނިން ރާއްޖޭގައި އެހާ ވެލިއުއެއްނުކުރޭ. އެހެންވީމާ މާކެޓިން ދާއިރާއިން ކުރިއަށްދިޔައީ،" އޭނާ ބުންޏެވެ.
ފުރަތަމަ މަސައްކަތް ފެށީ މާލޭގައި ވިލާ ކުންފުނީގައެވެ. އަދި، 2014ވަނަ އަހަރުގެ ފަހުކޮޅު ޝަންގަރިއްލާގެ ދަށުން ހިންގާ ހޮޓެލް ޖެންއަށް އެސިސްޓެންޓް މާކެޓިން މެނޭޖަރެއްގެ ވަޒީފާއަށް ގުޅުނެވެ.
ޝަންގަރިއްލާގައި ފަސް އަހަރު މަސައްކަތްކުރުމަށް ފަހު އޭނާއަށް ފުރުސަތު ލިބުނީ، ސިންގަޕޫރުގެ ޝަންގަރިއްލާއިންނެވެ. އެ ތަނުގައި ކްލަސްޓާ ހައިބްރިޑް ރޯލެއްގެ ގޮތުގައި އޭނާ ވަޒީފާ އަދާކުރީ މާލޭގައި ހުރެގެން ހޮޓެލް ޖެން ވެސް ބަލަހައްޓަމުންނެވެ. އެގޮތަށް ނުވަ ވަރަކަށް މަސް ދުވަހު ނީނާ މަސައްކަތްކުރިއެވެ.
"ނުވަ މަސް ފަހުން ޝަންގަރިއްލާ މަސްކެޓްގެ ޑައިރެކްޓާ އޮފް މާކެޓިން ރިޒައިން ކުރީމާ އެތަން ހޭންޑްއޯވާ ނަގަން ދާން ރީޖަނަލް އޮފީހުން އޮފާކުރީ. ދެ މަހަށް އައީ އެކޮޅުން އެ މީހުން އެހެން މީހަކު ނަގަންދެން،"
ނަމަވެސް، ދެ މަސްފަހުން ކަންތައްވީ ހީކުރި ގޮތާ ޚިލާފަށެވެ. އެ ދެ މަސް ދުވަހު ނީނާގެ މަސައްކަތް ފެނި އެ މީހުން އޭނާއަށް ހުށަހެޅީ ޝަންގަރިއްލާ މަސްކެޓްގެ ކްލަސްޓާ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރުގެ މަގާމު އަދާކުރުމަށެވެ.
"އަހަރެން ބުނީ ވިސްނާލަން ވަގުތު ދޭށޭ. މުޅި އާއިލާ މާލޭގައި ތިބީމަ ރާއްޖޭން ބޭރަށް ބަދަލުވާން ނިންމުން އެއީ ވަރަށް އުނދަގޫވި ނިންމުމެއް. އެކަމަކު، ބޭނުންވީ ޗެލެންޖެއް ނަގަން، އެންމެ ބޮޑު އެއް އިންވެންޓޮރީ އެއީ ޝަންގަރިއްލާގެ. ތިން ރިސޯޓު އެއްކޮށްލާފައި އިންނާނީ،" ދާއިރާގައި މި ކާމިޔާބީއަށް ވާސިލްވާން ކުރި ދަތުރު ހިއްސާކުރަމުން ނީނާ ބުންޏެވެ.
ޝަންގަރިއްލާ މަސްކެޓްގައި މަސައްކަތް ކުރުމަށް އޮމާނަށް ބަދަލުވީތާ އެއް އަހަރު ފަހުން އެކޯއިން މޫވެންޕިކް އަލް މަރްޖާން އައިލެންޑުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުށަހެޅިއެވެ.
"ޝަންގަރިއްލާގައި 10 އަހަރު މަސައްކަތް ކުރުމަށް ފަހު ޝަންގަރިއްލާއިން ކެނޑިގެން އިކޯއާ ގުޅުނީ،"
އިކޯއާ އެކު މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރަކަށް މަސައްކަތްކުރަން ފެށިއިރު ނީނާއަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، އަލަށް ހުޅުވި ރިސޯޓަކަށްވުމުން ގިނަ ބައެއްގެ މަގުބޫލުކަން ރިސޯޓަށް ހޯދުމެވެ. ނަމަވެސް، މިހާރު އޭނާ ވަނީ އެކަން ކާމިޔާބުކޮށްފައެވެ.
އެއީ މިހާރު ދުބާއީގައި އެންމެ މަޝްހޫރު އެއް ވީކެންޑް ގެޓްއަވޭ ޑެސްޓިނޭޝަނެވެ.
ގޮންޖެހުންތަކާ އެކު ވެސް ހިތްވަރު އެލުވައިނުލާ، މިއަދު ޒުވާނުންނަށް ނަމޫނާއެއް
ފަތުރުވެރިކަމުގެ ދާއިރާގައި މާކެޓިން މަސައްކަތް ކުރުންވީ ނީނާ ހީކުރިވަރަށްވުރެ ގޮންޖެހުން ބޮޑު ކަމަކަށެވެ. ޚާއްސަކޮށް އަންހެނަކަށްވުމުން އަންނަ ގޮންޖެހުންތަކާ އޭނާ ވެސް ކުރިމަތިލާން ޖެހުނެވެ.
"ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް ނުކުރެވޭނެ ކަމެއް ނޯންނާނެ. މިހާރު އަސްލު ފަތުރުވެރިކަމަށް ވަރަށް ގިނައިން އަންހެން ކުދިން ވެސް ވަންނަތަން ފެނޭ. އަހަރެމެން ފެށިއިރުގައި އެއީ ގޮންޖެހުމެއް،" އޭނާ ބުންޏެވެ.
މީގެ އިތުރުން، މީހަކާ އިނދެ ދަރިން ލިބުމުން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ އަންހެނުން ފަތަހަށް ޖެހޭ މަންޒަރު ފެންނަކަން އޭނާ ފާހަގަކުރިއެވެ.
ނަމަވެސް، ދާއިރާގައި ކުރިއެރުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް މި ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އޭނާ ނަސޭހަތްދިނެވެ. ނީނާ ހަނދާންކޮށްދިނީ ފުރުސަތަކީ އަބަދު ލިބޭނެ އެއްޗެއް ނޫންކަމެވެ.
މި ކާމިޔާބީ އޭނާއަށް ހާސިލުކުރެވުނީ އާއިލާގެ އެހީތެރިކަމުގެ ސަބަބުންކަން ފާހަގަކޮށް ނީނާ ބުނީ، ކޮންމެ ކަމެއްގައި ވެސް އެންމެ މުހިންމީ އާއިލީ ހިތްވަރު ކަމަށެވެ.މި ދަތުރުގައި އެތައް ގޮންޖެހުމެއް ކަނޑައްތުކޮށް، ނީނާ މިއަދު ވަނީ މެދުއިރުމަތީގައި ރާއްޖޭގެ ނަން ފަވައިލާފައެވެ. އޭނާއަކީ ދިވެހި ޒުވާނުންނަށް ނަމޫނާއެކެވެ. މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ވަރުގަދަ ޝަހުސެކެވެ.