އިއްޔެ މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
އިއްޔެ 14:50ހާއިރު އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ޒަމާނީ މަންޒިލް ގޭގެ ތިން ވަނަ ފަންގިފިލާގައެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ގޭގެ ދެ އެޕާޓްމަންޓަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ އާ ގުޅިގެން ބޮޑަށް ގެއްލުން ވެފައިވަނީ އެ ގޭގެ ކަރަންޓް ވަަޔަރިންއަށް ކަމަށެވެ.
"ތަނެއްގެ ރޯވީމަ ހުންނާނެ އަދި އިތުރު ކުދިކުދި ގެއްލުންވެސް. އެގޮތުން ދުމާ ގުޅިގެން ހުރި ކަންކަން. އެކަމު އެންމެ ބޮޑަށް ކަރަންޓު އިޝޫސް އުޅެނީ،" އޭނާ ވިދާޅުވިއެވެ.

އިއްޔެ ގ. ޒަމާނީ މަންޒިލް ގޭގައި ރޯވި އަލިފާން ނިއްވާލެވެފައި --- ފޮޓޯ/ އެމްއެންޑީއެފް
އެ ގޭގެ ތިން ވަނަ ފަންގިފިލާގައި އެ ހާދިސާ ހިނގި ނަމަވެސް ވަގުތީ ބޯހިޔާވަހިކަން ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ އާއިލާއަށް ވެސް އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ.
އެގޮތުން އެމްއެންޑީއެފްގެ އިރުޝާދާއެކު ކަރަންޓް ވަޔަރިންއަށް ދިމާވެފައިވާ މައްސަލަތައް ރަނގަޅުކޮށް، ގޭތެރެ ސާފުކޮށް ހެދުމަށް ބޭނުންވާ ދެ ދުވަހަށް އެ ދެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ފައިސާ ދީފައިވާ ކަމަށް އެންޑީއެމްއޭގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ތިން ވަނަ ފަންގިފިލާއިން ވަގުތީ ހިޔާއަށް ބަދަލުކުރި އާއިލާގައި ހިމެނެނީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނާއި އަދި ކުޑަ ދެ ކުދިންނެވެ.
ހަމައެއާއެކު ހަތަރު ވަނަ ފަންގިފިލާއިން ދެމަފިރިންނާއި ކުޑަ ދެ ކުދިން ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ.
އެންޑީއެމްއޭއިން ބުނީ ދެ ދުވަހަށް ފަހު ދެ އާއިލާވެސް އަނބުރާ ގެއަށް ބަދަލުކުރެވޭނެ ކަމަށެވެ.