މާލޭގެ ގެއެއްގައި އަލިފާން ރޯވެ، މީހުންނަށް ދިރި ނޫޅެވޭ ވަރަށް އަނދައިފި

ގ. ޒަމާނީ މަންޒިލް ގޭގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ --

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހުންނަށް ދިރި ނޫޅެވޭ ވަރަށް އަނދައިފިއެވެ.

މިއަދު 14:50ހާއިރު މި އަލިފާނުގެ ހާދިސާ ހިނގީ، ގ. ޒަމާނީ މަންޒިލް ގޭގެ ތިންވަނަ ފަންގިފިލާގައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ މުޙައްމަދު، "ސަން"އަށް ވިދާޅުވީ އެ ގޭގައި ރޯވި އަލިފާން މިހާރު ނިއްވައިލެވިފައިވާ ކަމަށެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް ހަނާ ވިދާޅުވިއެވެ.

އަލިފާނުގެ މި ހާދިސާއާ ބެހޭގޮތުން ޒަމާނީ މަންޒިލް ގޭގެ މީހަކު "ސަން"އަށް ބުނިގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އެގޭގެ ތިން ވަނަ ބުރީގެ ސިޓިން ރޫމްގައި ހުރި ކަރަންޓު ބޯޑެއްގައި އަލިފާން ރޯވެގެންނެވެ.

"އެތަނުގައި އޮތް ކަރަންޓު ބޯޑެއްގައި ޝޯޓުވެގެން އަލިފާން ހިފީ ކަމަށް ބެލެވެނީ. މި ހާދިސާގައި ސިޓިން ރޫމްގެ ސީލިން އެއްކޮށް ވަނީ އަނދާފައި. ފާރު ތަކަށް ވެސް ހުރީ ދެލި އަރާ ކަޅުވެފަ. މި ތަނުގައި ބަޔަކު ދިރިއުޅެން ފަށޭވަރު ވާނީ އަދި ދެތިން ދުވަސް ފަހުން،" އެ ގެއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެގޭގައި އަލިފާން ރޯވި އިރު އެޕާޓްމަންޓުގައި ފަސް ވަރަކަށް މީހުން ތިއްބެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެ ގޭގެ ސިޓިން ރޫމުގައި އަލިފާން ރޯވުމުން ލިބުނު މާލީ، އަދި މާއްދީ ގެއްލުމުގެ ތަފުސީލެއް އަދި ނޭނގެއެވެ.

އަލިފާން ނިއްވާލެވުނަސް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެތަނުގައި މިހާރު ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް