ސަމަރުގަންދު (17 ސެޕްޓެމްބަރު 2022): ގިނަ ބާރުތަކެއް ލީޑުކުރާގޮތަށް މިހާރަށްވުރެ އިންސާފުވެރި ބައިނަލްއަގްވާމީ ނިޒާމެއް ގާއިމް ކުރުމަށް ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ އިސްވެރިންގެ ސަމިޓުން ގޮވާލައިފިއެވެ.
އުޒްބަކިސްތާނުގެ ތާރީޚީ ރަށެއްކަމަށްވާ ސަމަރުގަންދުގައި އިއްޔެފެށި ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަންގެ ސަމިޓްގައި ޗައިނާއާއި ރަޝިއާ އަދި ތުރުކީގެ ލީޑަރުންވަނީ ގިނަ ބާރުތަކެއް ލީޑުކުރާ މިހާރަށްވުރެ އިންސާފުވެރި ބައިނަލްއަގްވާމީ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރުުމަށް ގޮވާލައިވައި އެކަމަށް އެއްބަސްވެވަޑައިގެންފައެވެ.
އަދި އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާކޮށްފައިވާ ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ބަދަލުގައި އައު މާލީ ނިޒާމެއް ގާއިމް ކުރުމާބެހޭގޮތުންވެސް ސަމިޓްގައި ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
ޝެންގްހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންއަކީ ޗައިނާ، ކަޒަގިސްތާން، ކިރިގިސްތާން، ރަޝިއާ، ތަޖިކިސްތާން، ޕާކިސްތާން އަދި އީރާން ބައިވެރިވާ ސަރަހައްދީ ޖަމާއަތެކެވެ. މިޖަމާއަތުގައި އީރާން ބައިވެރިވީ މިދިޔަ އަހަރުއެވެ. އޭގެކުރިން އީރާން ބައިވެރިވަމުން ދިޔައީ އޮބްޒާވަރެއްގެ ގޮތުގައެވެ. ތުރުކީ މިޖަމާއަތުގައި އަދި ބައިވެރިވަނީ އޮބްޒާވަރެއްގެ ގޮތުގައެވެ. މިޖަމާއަތަށް ވަނުމަށް އެދި ހުށަހަޅާފައިވާ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން ހިމެނެއެވެ.
ތުރުކީގެ އިތުރުން މިސްރާއި ޔޫއޭއީ އަދި ސައޫދީ އަރަބިއާވެސް ހިމެނެނީ މިޖަމާއަތުގެ އޮބްޒާވަރުންގެ ތެރޭގައެވެ. މިޖަމާއަތަކީ މެދުތެރޭއޭޝިއާ ސަރަހައްދުގެ ސަލާމަތާއި އިގްތިސާދީ އަދި ސިޔާސީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމާއަތެވެ.
ސަމަރުގަންދުގައި ކުރިޔަށްދާ ޝެންގްހާއީ ކޯޕަރޭޝަން ސަމިޓްގެ އަރިމަތީގައި ޗައިނާގެ ރައީސް ޝީޖިންޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވަނީ ވަކިން ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޕޫޓިންވެސް ވަނީ ވަކިން ބައްދަލުކުރައްވައިފައެވެ. މީގެއިތުރުން ތުރުކީގެ ރައީސްވެސް ޗައިނާއާއި ރަޝިއާގެ ރައީސުންނާ ވަކިން ވަނީ ބައްދަލުކުރައްވާފައެވެ.
މިސަމިޓްގައި ޕޫޓިންވަނީ ރަޝިއާގެ ގޭސް ޗައިނާއަށް ފޯރުކޮށްދިނުމަށްޓަކައި ގޭސް ހޮޅިއެއް ބިނާކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. ޔޫކްރެއިން ހަނގުރާމައާއެކު ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާވަނީ ޔޫރަޕަށް ފޮނުވާ ގޭހުގެ މިންވަރު ކުޑަކޮށް ޗައިނާއާއި އިންޑިއާ އަށް އެކްސްޕޯޓްކުރާ ގޭހުގެ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
މޯދީއާއި ޕޫޓިންގެ ބައްދަލުކުރެއްވުމުގައި ޕޫޓިން ވަނީ މެދުތެރޭ އޭޝިއާގެ ގައުމުތައް ހުރަސްކޮށް ރަޝިއާގެ ގޭސް އިންޑިއާއަށް ފޮނުވުމަށްޓަކައި އިންޑިއާއާއި ރަޝިއާ އާ ދެމެދު ގޭސް ހޮޅިއެއް އެޅުމާބެހޭގޮތުން މޯދީއާ މަޝްވަރާ ކުރައްވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން، ޝީ އާއި ޕޫޓިން އަދި މޯދީގެ ބައްދަލުވުމެއްވެސް މިސަމިޓްގެ އަރިމަތީގައި ބާއްވާނެއެވެ. މި ސަމިޓްގައި މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި އިގުތިސާދީ ބިޔަ މަޝްރޫއުތަކެއް ފަށާނެކަން އެތިން ލީޑަރުން އިއުލާން ކުރައްވާނެއެވެ.
ރަޝިއާއާއި ޗައިނާ ތަންކޮޅެއް ކުރިންވެސްވަނީ ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާ ބޭނުންކޮށްގެން އެދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް އެއްބަސްވެފައެވެ. ޝެންގްހާއީ ކޯޕޮރޭޝަން ގެ ސަމިޓްގެ އަރިމަތީގައި ޕޫޓިންއާއި ޝީ ވަނީ މިކަން އިތުރަށް ކަށަވަރުކުރައްވާފައެވެ.
މީގެތެރޭގައި ރަޝިއާއިން ޗައިނާ އަށް ފޯރުކޮށްދޭ ގޭހުގެ އަގު ދެއްކުމުގެ ކަންތައް އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމުގައި ވާ ޔުއާން އާއި ރަޝިއާގެ ފައިސާ ކަމުގައި ވާ ރުބެލް އިން ހަމަޖެއްސާގޮތަށް ކުރިން އެއްބަސްވެފައިވާ އެއްބަސްވުން ކުރިޔަށް ގެންދިޔުމާއި ޗައިނާއާއި ރަޝިއާ ދެމެދު ކުރެވޭ އެނޫން ވިޔަފާރީގެ މުއާމަލާތްތަކުގައިވެސް އެދެގައުމުގެ ފައިސާ ބޭނުންކުރުމަށް އެދެބޭފުޅުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ސަމަރުގަންދުގައި ކުރިއަށްދާ ޝެންގްހާއީ ކޯޕޮރޭޝަން ގެ ސަމިޓްގެ މައިގަނޑު އެއްބޭނުމަކީ އެޖަމާއަތުގެ ގައުމުތަކުގެ މެދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކުރަން ރަސްމީ ގޮތުން އެއްބަސްވުމަކަށް އައިސް އެކަން ކުރިއަށް ގެންދެވޭނެ މެކޭނިޒަމްތަކާއި މާލީ ނިޒާމްތައް މެންބަރު ގައުމުތަކުގެ މެދުގައި ގާއިމް ކުރުމެވެ.
ޝެންގްހާއީ ކޯޕޮރޭޝަން ގެ ގައުމުތަކުގެ އާބާދީއަކީ މުޅި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެވެސް ބޮޑު އާބާދީއެވެ. ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ގައުމު އަދި ދުނިޔޭގެ ދެވަނަ އިގްތިސާދުކަމަށްވާ ޗައިނާ އަކީ މިޖަމާއަތުގެ ލީޑިން ގައުމެކެވެ. ދުނިޔޭގައި ގުދްރަތީ ރިސޯސް އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާއާއި އީރާން ހިމެނެނީވެސް މިޖަމާއަތުގައެވެ.
ދުނިޔޭގެ ފަސްވަނަ އިގްތިސާދީ ބާރުކަމަށްވާ އިންޑިއާ އަކީވެސް މިޖަމާއަތުގެ ގައުމެވެ. އެހެންކަމުން ޝެންގްހާއީ ކޯޕަރޭޝަންގެ އިގްތިސާދަކީ އެމެރިކާއަށްވުރެވެސް އަދި ޔޫރަޕްގެ އިއްތިހާދަށް ވުރެވެސް މާބޮޑު އިގްތިސާދެކެވެ.