ސަރުކާރުގެ ރައްދު ގާސިމަށް: ކޯލިޝަން އެއްބަސްވުން ތަންފީޒު ކުރަން

ރައީސް ޞާލިޙު އަދި ޖޭޕީގެ ލީޑަރު ގާސިމް --- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީ އިސްވެ ހިންގާ ކޯލިޝަން ސަރުކާރުން ޕާޓީތަކާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަރުކާރު ކޯލިޝަންގައި ބޮޑު ދައުރެއް އަދާ ކުރާ ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ކޯލިޝަން އެއްބަސްވުމުގެ 90 ޕަސެންޓް ތަންފީޒު ނުވާ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ކޯލިޝަން ހަދަނީ ވެރިކަން ކާމިޔާބު ކުރަން ކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށް ފަހު ކޯލިޝަން މަތިން ހަނދާން ނެތޭ ކަމަށެވެ.

ހަމައެއާއެކު، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން ރަސްމީ ސިފައެއްގައި ކޯލިޝަނެއް ނެތް ވާހަކަ އިއުލާން ނުކުރި ނަމަވެސް އެއްބަސްވި ގޮތާ ގާތް ކުރާ މިންވަރަށް ވެސް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށް ރަައްދު ދެއްވައި ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކާއެކު ހަދައިފައިވާ އެއްބަސްވުމަށް ސަރުކާރުން އިހުތިރާމު ކުރާ ކަމަށެވެ. އަދި އެއާ އެއްގޮތަށް އަމަލު ވެސް ކުރާ ކަމަށެވެ.

"ވަކި އިންސައްތައެއްގެ ވާހަކަ ބުނި ނަމަވެސް ރައީސް ދަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރައްވަމުން،" އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ދަނީ މިހާރު ވެސް މަސައްކަތްތައް ކުރެވެމުން ކަމަށާއި އެކަންކަމާ މެދު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާ ވެސް ކުރަމުންދާ ކަމަށެވެ.

ކޯލިޝަންގެ ތަންފީޒު ކުރެވެނީ ހަމައެކަނި 10 ޕަސެންޓް ކަމަށް ގާސިމް ވިދާޅުވެފައިވާއިރު، މިހާރު އޮތް ކޯލިޝަން ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ދެވަނަ ޕާޓީ އަކީ ޖޭޕީއެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން ކުންފުނިތަކުގެ ވެރިންގެ ގޮތުގަޔާއި ސިޔާސީ އެތައް މަގާމެއްގައި އެ ޕާޓީގެ މެމްބަރުން އެބަތިއްބެވެ.

މީގެ އިތުރުން، ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހްލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް މިސަރުކާރުން ވަނީ ދީފައެވެ.

comment ކޮމެންޓް