މިސްރުގެ ރައީސް ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

މިސްރުގެ ރައީސް ދައުޙާ އެއާޕޯޓްގައި

ދައުޙާ (14 ސެޕްޓެމްބަރު 2022) : މިސްރުގެ ރައީސް ޢަބްދުލް ފައްތާޙުއައްސީސީ ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީ އާ ބައްދަލުކުރައްވައިފިއެވެ.

މިއީ ފާއިތުވި ނުވަ އަހަރު ތެރޭގައި މިސްރުގެ ރައީސަކު ގަތަރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިސްރާއި ގަތަރުގެ ގުޅުންތައް ގޯސްވީ މިސްރުގެ ޑިމޮކްރެޓިކް ރައީސް، ޑރ. މުހައްމަދު މުރުސީގެ ޑިމޮކްރެޓިކް ވެރިކަން އަސްކަރީ އިންގިލާބެއް ގެނެސް ބަޣާވާތަކުން ވައްޓާލި މައްސަލާގައި ގަތަރުގެ ފާޑުކިޔުންތަކާއި ގަތަރުގެ އަލްޖަޒީރާގެ މިޑިއާ ހަމަލާތައް މިސްރަށް އަމާޒުވުމުންނެވެ.

މީގެ އިތުރުން އެ ބަޣާވާތުގައި ވެރިކަމުން ދުރުކުރި ރައީސް މުރުސީގެ ސިޔާސީ ޖަމާއަތްކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ގަތަރުން އެހީތެރިވެ އެ ޖަމާއަތުގެ ލީޑަރުންނަށް ގަތަރުން ހިމާޔަތާއި ރައްކާތެރިކަމާ އަދި މަދަދު ދެމުން ގެންދިޔުމަކީ ވެސް މުރުސީގެ ވެރިކަމަށްފަހު މިސްރުގައި އުފެދުނު ސަރުކާރާއި ގަތަރުގެ ގުޅުންތައް ގޯސްވެގެންދިޔަ މައިގަނޑު ސަބަބެކެވެ. އެންމެފަހުން 2017 ވަނަ އަހަރު އެގުޅުންތައް އެއްކޮށް ކެނޑިގެން ދިޔައެވެ.

މިސްރުން ގަތަރާ ގުޅުންތައް ކަނޑާލީ ގަލްފުގެ ތިން ގައުމުކަމަށްވާ ސައޫދީ، ޔޫއޭއީ އަދި ބަހްރައިން އިން ގަތަރާ ގުޅުންތައް ކަނޑާލި ވަގުތުގައެވެ. އެއީ ގިނަ ތުހުމަތުތަކެއް ގަތަރުގެ ބޮލުގައި އަޅުވައި އަލްޖަޒީރާ ޓީވީ ވެސް ބަންދުކުރުން ފަދަ ޝަރުތުތަކެއް ގަތަރުގެ މައްޗަށް ކުރުމަށްފަހުގައެވެ.

މިސްރާއެކު އެ ތިން ގައުމުން ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ވެސް އެޅިއެވެ. ނަަމަވެސް އެ ގައުމުތަކުން ކުރިމަތިކުރި އެއްވެސް ޝަރުތަކަށް ބޯލެނބުމަށް ގަތަރުވަނީ ދެކޮޅު ހަދާފައެވެ. އަދި ސަރަހައްދީ ދެބާރުކަމަށްވާ ތުރުކީއާއި އީރާނުގެ މަދަދު ގަތަރުން ހޯދިއެވެ. މިއާއެކު މަގްސަދު ހާސިލް ނުވެ އެހަތަރު ގައުމަށް ވެސް ޖެހުނީ 2021 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ގަތަރާ އަލުން ގުޅުންތައް އުފައްދާށެވެ. އެއީ އެ ހަތަރު ގައުމުގެ ޝަރުތުތަކަށް ދުވަހަކުވެސް ގަތަރުން އިޖާބަ ނުދޭނެކަން ކަށަވަރު ވުމުންނެވެ.

އެ ހަތަރު ގައުމުގެ މައްޗަށް ގަތަރު ކުރިހޯދީ ގަތަރަށް ލިބިފައިވާ މުއްސަނދި ކަމުގެ ސަބަބުންނާއި އެމެރިކާ ވަކިކޮޅަކަށް ނުޖެހުމާ އަދި ސަރަހައްދީ ދެ ބާރުކަމަށްވާ ތުރުކީއާއި އީރާން ގަތަރުގެ ހިމާޔަތުގައި އޮތުމުންނެވެ.

މިސްރުގެ ޑިމޮކްރެޓިކް ރައީސް، ޑރ. މުހައްމަދު މުރުސީގެ ޑިމޮކްރެޓިކް ވެރިކަން އަސްކަރީ އިންގިލާބެއް ގެނަސް ބަޣާވާތަކުން ވައްޓާލުމުގައި އިސްކޮށް އުޅުއްވީ އަދި އެކަން ލީޑުކުރެއްވީ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއެވެ.

މިކަމުގައި ސީސީއަށް ވާގިވެރިވީ އެމެރިކާއާއި ސައޫދީ އަރަބިއާ އަދި ޔުނައިޓެޑް އަރަބި އިމަރޭޓްސް (ޔޫއޭއީ) ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ގަތަރާއި މިސްރުގެ ގުޅުންތައް ރަނގަޅުވާން ފެށީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު މިސްރާއި ގަތަރުން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން އުފައްދާފައެވެ.

ގަތަރުން ދެކޭ ގޮތުގައި އަބްދުލްފައްތާހް އައްސީސީގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުންތައް ރަނގަޅު ވަމުންދާކަމުގެ ހެއްކެކެވެ. ގަތަރު ވެސް މިހާރު ވަނީ މިސްރުގައި މިހާރު މަނާކޮށްފައިވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާއެކު ބާއްވަމުން ގެންދިޔަ ގުޅުންތައް ކުރިއަށްވުރެ ކުޑަކޮށްލުމަށްފަހު މާލީ ގޮތުން މިސްރަށް އެހީތެރިވާން ފަށާފައެވެ.

ސީސީގެ މިދަތުރުފުޅުގައި ގަތަރާއި މިސްރުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ގަތަރުގެ އަމީރާ މަޝްވަރާ ކުރައްވާނެއެވެ. އަދި ދެ ގައުމުގެ އިގްތިސާދީ ގުޅުންތައް ހަރުދަނާ ކުރުމާބެހޭ އެއްބަސްވުންތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން ސޮއި ކުރައްވާނެއެވެ.

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ވެސް މިދިޔަ ޖޫން މަހު މިސްރަށް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ޝައިޚް ތަމީމް ވަނީ ގަތަރުން އެތައް ބިލިޔަން ޑޮލަރެއް މިސްރުގައި އިންވެސްޓް ކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ގަތަރުން މިސްރުގެ އިގްތިސާދުގައި މިހާރުވެސް އެތައް ބިލިޔަން ޑޮލަރެއް އިންވެސްޓްކޮށްފައިވެއެވެ.

comment ކޮމެންޓް