އަރަބި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ މިސްރުގެ އާބާދީ މިދިޔަ އަހަރު 1.4 އިންސައްތައަށް ދަށްވެފައިވާ ކަމަށް އެ ގައުމުގެ ތަރައްގީއާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިސްރުގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު 106 މިލިއަނަށްވުރެ ގިނައެވެ.
ފެނުގެ ދަތިކަމާއި ވަޒީފާގެ ފުރުސަތު ނެތުމާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ތޮއްޖެހިފައިވާ މިސްރުގައި ގާތްގަނޑަކަށް 60 އިންސައްތަ ރައްޔިތުން ދިރިއުޅެނީ ފަގީރުކަމުގައެވެ.
ވޯލްޑް ބޭންކުގެ 1961 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިސްރުގެ އާބާދީ އިތުރުވުން 1984 ވަނަ އަހަރާއި 1985 ވަނަ އަހަރާއި ދެމެދު 2.8 އިންސައްތައަށް އިތުރުވެފައިވާއިރު، 2006 ވަނަ އަހަރު ވަނީ 1.9 އިންސައްތައަށް ދަށްވެފައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އަނެއްކާ ވެސް 2.3 އިންސައްތައަށް އިތުރުވެފައިވެއެވެ.
އޭގެފަހުން އަނެއްކާ ވެސް މަޑުމަޑުން ދަށްވެ، 2022 ވަނަ އަހަރު ވަނީ 1.6 އިންސައްތައަށް އާބާދީ ދަށްވެފައެވެ.
އާބާދީ ދަށްކުރަން މިސްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް ސީސީ ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އާބާދީ ދަށްކުރުމުގެ ގޮތުން 2019 ވަނަ އަހަރު މިސްރުން ވަނީ "ޓޫ އިޒް އިނަފް" ކިޔާ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.