އިސްރާއީލު ފައުޖުތަކުން ޣައްޒާގެ ރަފަހް ސިޓީއަށް މިހާރު ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާއާއި މިސްރުގުޅޭ ސަރަހައްދީ ރޮނގު ހުރަސް ކުރަން ޖެހިއްޖެ ހާލަތެއްގައި ޣައްޒާގެ އާންމުންނަށް އެ ސަރަހައްދުގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިސްރުން ކުރަން ފަށައިފި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެފަދަ އިންތިޒާމް ނުކުރާ ކަމަށް މިސްރުން ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުން ފައިބަންޖެހި، މިސްރުގެ ސިންއާއަށް ބަދަލުވެދާނެ ކަމަށް މިސްރުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިސްރުން ބުނެއެވެ.
ފަލަސްތީނު މީހުން ޣައްޒާއިން ބޭރުވުމާ ދެކޮޅު ހަދާނެ ކަމަށް އެމެރިކާއިންވެސް ވަނީ ތަކުރާރުކޮށް ބުނެފައެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިސްރާއި ގަތަރު މެދުވެރިވެގެން، ހަނގުރާމަ ހުއްޓައިލުމާބެހޭ މަޝްވަރާތަކާމެދު މިސްރުގެ އުންމީދު އޮތް ނަމަވެސް ވަގުތީ ގޮތުން ބޭނުން ކުރުމަށް ސަރަހައްދީ ރޮނގު ކައިރީ މީހުން ދިރިއުޅެވޭނެ އިންތިޒާމު މިސްރުން އަންނަނީ ކުރަމުންނެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ބަޔަކު ފިލަން ގޮސްތިބި ރަފަހަށް އަރައި ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. ހަމަލާތައް ދިނުމުގެ ކުރިން އެ ސަރަހައްދުގައިތިބި މީހުން ހުސްކޮށް ޣައްޒާގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.
ނަމަވެސް އދގެ އެހީދޭ އިދާރާގެ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވީ ޣައްޒާގެ މީހުން ރައްކާތެރި ތަނަކަށް ބަދަލުވެދާނެ ކަމަށް ހީކުރުމަކީ ވަހުމެއް ކަމަށެވެ. އަދި އިސްރާއީލުން ރަފަހުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފިނަމަ ފަލަސްތީނު މީހުން މިސްރަށް ފޭބުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.