އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި މިސްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް ސީސީއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި ބްލިންކެން ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ މެދުކަނޑައިލައި ދެ ދައުލަތުގެ ހައްލަކަށް ދިއުމަށް އެމެރިކާއިން ގޮވައިލައި ގޮވައިލުން ތަކުރާރުކުރައްވައިފައެވެ.
ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ބޭއްވި އެ ބައްދަލުވުންތަކަކީ ހަނގުރާމަ ފެށުނު ފަހުން މެދުއިރުމައްޗަށް ބްލިންކެން ކުރައްވާ ހަވަނަ ދަތުރުފުޅުގެ ބައެކެވެ.
ޖިއްދާގައި ސައުދީގެ ވަލީއަހުދާ އެކު ކުރެއްވި މަޝްވަރާތަކުގައި ބްލިންކެން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވައިފައެވެ.
ސައުދީގެ އިތުރުން މިސްރުގެ ރައީސް ޢަބްދުލްފައްތާހު އަލް ސީސީއާވެސް ބްލިންކެން ވަނީ ބައްދަލުކުރައްވައިފައެވެ. ސީސީއާއެކު މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މަދުވެގެން ހަ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމާއި ހުރިހާ ރަހީނުން ދޫކޮށްލުން ހިމެނޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.
އެ ދަތުރުފުޅުގައި އަރަބި ގައުމުތަކުގެ އިތުރު އޮފިޝަލުންނާ ވެސް ބްލިންކެން ވަނީ ބައްދަލުކުރައްވައިފައެވެ.
ބްލިންކެން ވަނީ ޣައްޒާއަށްދޭ އިންސާނީ އެހީތެރިކަން ނާޖާއިޒު ގޮތުގައި ބޭނުން ނުކުރުމަށް އިސްރާއީލަށް ގޮވައިލައިފައެވެ. މިލިއަނަކަށްވުރެ ގިނަ މީހުން ތޮއްޖެހިފައިވާ ޣައްޒާގެ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައިގަންނަން އިސްރާއީލުން ތައްޔާރުވަމުން އަންނައިރު، އެމެރިކާއިން ވަނީ އެކަން ވެސް ކުށްވެރިކޮށްފައެވެ.
ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން މަރުވެ، ޣައްޒާގެ ބޮޑެތި ސަރަހައްދުތައް ސުންނާފަތި ކުރަމުން ދިޔަ ނަމަވެސް، އެމެރިކާއިން އަންނަނީ މާލީ އަދި އަސްކަރީ އެހީތެރިކަން އިސްރާއީލަށް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާރު ވެސް 14 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އަސްކަރީ އެހީ އިސްރާއީލަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމެރިކާއިން އަންނަނީ ކުރަމުންނެވެ.
އޭގެ އިތުރުން ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އދ ގެ ސަލާމަތީ މަޖިލީހަށް ދެ ފަހަރެއްގެ މަތިން ހުށަހެޅި ހުށަހެޅުން ވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 32،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.