ދެ ދައުރު ފަހުން ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް: އިމްރާން

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله: ދެ ދައުރަށް ފަހު ރާއްޖޭގެ ރައީސްކަން ކުރާނީ އެ ޕާޓީން ކަމަށް އޭނާ ވަނީ ބުނެފައި ---

ދެ ދައުރު ފަހުން ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް 10 އަހަރަށް އަދާލަތު ޕާޓީގެ ސްޓްރެޓިޖިކް ޕްލޭން އެކުލުވާލުމަށް ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ފޮޓޯތައް ޓްވިޓާގައި ހިއްސާ ކުރައްވަމުން މިއަދުއެވެ.

"މާތް الله އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް," އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި އަދާލަތު ޕާޓީން ވާދަ ނުކުރި ނަމަވެސް ހުރިހާ ވެރިކަމެއްގައި ވެސް އަދާލަތު ޕާޓީގެ ހިއްސާ އޮވެއެވެ. ނަމަވެސް މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބަށް ބެލި ނަމަވެސް އެ ޕާޓީއަކަށް މިހާތަނަށް މާބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ.

އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ވެސް އަދާލު ޕާޓީގެ ތާއީދާއެކުއެވެ. ދައުރުގެ މެދުތެރެއިން އެވެރިކަން ބަދަލުވެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުވާކުރެއްވިއިރު ވެސް ފަހަތުގައި އަދާލު ޕާޓީ އޮތެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ހެއްދެވި ކޯލިޝަނުގައި ވެސް އަދާލަތު ޕާޓީގެ ހިއްސާ ބޮޑެވެ. އަދި މިހާރު މި އޮތް ވެރިކަމުގައިވެސް އަދާލަތު ޕާޓީ ހިމެނެއެވެ.

އަދާލަތު ޕާޓީގެ ރޭގެ ނިންމުމާއި އެކު ކުރިއަށް އޮތް ދެ ދައުރުގައި ވެސް އެ ޕާޓީގެ ފަރާތުން ސީދާ ކެނޑިޑޭޓަކު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަކަށް ނުބެލެވެއެވެ.

comment ކޮމެންޓް