ނަޝީދަށް އިންސާފު ހޯދައިނުދެވުމަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް

ކުރީގެ ރައީސް ނަޝީދު: އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށް އިންސާފު ނުލިބޭތީ އެ މަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސްއިން ވަނީ ނުރުހުން ފާޅުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް މިއަދަށް ތިން އަހަރު ފުރުނުއިރު، އެ މަނިކުފާނަށް އިންސާފު ހޯދައިދެވިފައިނުވުމަކީ ގައުމުގެ ޙާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ދަ ދިމޮކްރެޓްސްއިން މިއަދު ބުނެފިއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދިނީ މޭ 6، 2021 ގައެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ތިން އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިން ކަމަށް އިއުތިރާފުވި މީހުން ފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވާކަން ފާހަގަކޮށްފައެވެ.

އަދި، އެއީ ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެ މައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް"ކުރުމުގެ އަމަލެއްކަމުގައި ދެކޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

"ހަމަލާގެ މައްސަލައިގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވަ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ނުހޯދި، އިންސާފު ގާއިމުނުވެ، އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ،" އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމުން ކަންބޮޑުވުން ފާޅުކޮށް، އެ ކަން ކުށްވެރިކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތިން ކުރިން ވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފަށް ލިބުނެވެ. ނަމަވެސް، އެ މަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްކަން ފާހަގަކޮށް ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެކަން ތަކުރާރުކޮށް ކުށްވެރިކުރާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ އޭގެ އެންމެ ފުންމިނަށް ބަލައި، އެ ކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދޭން ގޮވާލައިފައެވެ. އަދި، ނަޝީދަށް އިންސާފު ހޯދައިދިނުން އަވަސްކުރަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ވަނީ ގޮވާލައިފައެވެ.

https://sun.mv/152280

ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއްދިނީ، އެ މަނިކުފާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މޭ 6، 2021 ގެ އިރާކޮޅުގެ ވަގުތެއްގައެވެ.

އެ ރޭގެ އިރާކޮޅު ވަގުތެއްގައި އެ މަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތު، ސައިކަލެއްގައި ހަރުކޮށްފައިހުރި ބޮން ގޮއްވާލުމުގެ ސަބަބުން އެ މަނިފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ.

އެ ގޮތުން ބޮމުގެ ރޭޒާފުއްތައް އެ މަނިކުފާނުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވަން ޖެހިވަޑައިގަތެވެ. މި ހަމަލާގައި އެ ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވީއިރު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް އެ މަނިކުފާނު ހޭދަ ކުރެއްވިއެވެ.

comment ކޮމެންޓް