އަލީ ޞާލިހަށް ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

އަލީ ޞާލިހުއަށް ހަމަލާ ދިން މީހާ---- ފޮޓޯ: ދައުރު

ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް އިއްޔެ ތޫނު އެއްޗަކުން ހަމަލަދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް މިއަދު ޖަހައިފިއެވެ.

އަލީ ޞާލިހަށް އިއްޔެ މެންދުރު ހުޅުމާލޭ މަގުމަތިން ވަނީ މީހަކު ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައެވެ. އޭނާ މަސައްކަތް ކުރީ އަލީގެ ކަރުގައި ތޫނު އެއްޗަކުން އެޅުމަށެވެ. އެކަން ކާމިޔާބު ނުވުމުން އޭނާ ވަނީ އަލީގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކުރި 43 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ހުޅުމާލޭ ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ, ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލޯގޯ ޖަހާފާއި ހުރި ޖުއްބާއެއް ލައިގެން ހުރެ، ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅުމުން ހައްޔަރުކޮށް ފަހުން ދޫކޮށްލި މީހާއެވެ. އެފަހަރު އޭނާ ދޫކޮށްލީ އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ބުނެއެވެ.

އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޖީދީމަގުގައި ތިބި ޓްރެފިކް ދެ ފުލުހުންނަށް މަރުގެ އިންޒާރުދީފައެވެ. އެ މަންޒަރު ވަނީ އެރޭ އަތުނުގައި ތިބި ނޫސްވެރިންނަށް ވެސް ފެނިފައެވެ.

އިއްޔެ އަލީއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ އިތުރުން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތޫނު އެއްޗެއް ހިފައިގެން މަގުމަތީ އޭނާ އަޑުގަދަ ކޮށްވެސް ހެދިއެވެ.

comment ކޮމެންޓް