ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހައި ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން

ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ހުންނަ އެގައުމުގެ ހައި ކޮމިޝަނުގައި ފާހަގަކޮށްފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އެގައުމުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚްތާރާއެކު މާލޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިން ވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރައީސް މަސްއޫދު އިމާދާއި އެ ޖަމުއިއްޔާގެ ނައިބު ރައީސުންނާއި އެގްޒެކެޓިވް މެންބަރުން ހިމެނެއެވެ.

އެ ހަފުލާގައި ސަފީރު ވިދާޅުވީ މިނިވަން ދުވަސް ފާހަގަ ކުރަނީ ގައުމުގެ އުސޫލުތަކާއި ސަރަހައްދީއިން ދިފާއު ކުރުމުގައި ޝަހީދުވި މީހުންގެ ހަނދާން އާ ކުރުމަށް ކަމަށެވެ. އަދި ގައުމުގެ ތަރައްގީއަށް ޓަކައި މަސައްކަތް ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށާއި ގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހް ވިދާޅުވި ގޮތަށް އެއްބައިވަންތަކަމާއި އިތުބާރު ދަމަހައްޓަން ޖެހޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހައި ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚްތާރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން

މީގެ އިތުރުން ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަ ކުރި ނަމަވެސް ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންގެ ހާލަތާ މެދު ހިތާމަ ފާޅު ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ކަޝްމީރާ ބެހޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ހޯދުމަށްޓަކައި އެމީހުން ކުރާ މަސައްކަތަށް ޕާކިސްތާނުގެ ރައްޔިތުން ތާއިދު ކުރާ ކަމަށް ސަފީރު ވިދާޅުވިއެވެ.

މި އަހަރު ޕާކިސްތާނުގެ މިނިވަން ކަމަށް 75 އަހަރު ފުރޭ އިރު، ރާއްޖެއާއި އެގައުމުގެ ގުޅުމަށް ވެސް އަހަރުތަކެއް ވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެ ގުޅުންތައް ބިނާވެފައި ވަނީ ދެ ގައުމުން ވެސް ބަލައިގަންނަ އުސޫލުތަކާއި ގަބޫލުކުރުންތަކާއި ދީނީ، ތާރީޚީ އަދި ސަގާފީ ކަންތައްތަކުގެ މައްޗަށް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހައި ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން
ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހައި ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު ވާހަކަ ދައްކަވައި، ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނަށް މިނިވަން ދުވަހު ތަހުނިޔާ ފޮނުއްވިއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންގެ ޚިދުމަތްތައް ފާހަގަކުރައްވައި ދިވެހިންނަށް ތަރައްގީއާއި ކުރިއެރުން އެދޭ ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނެގުމާއި، ގައުމީ ލަވަތައް ކިޔުމާއި، ކޭކު ފެޅުން ވެސް އޮތެވެ.

comment ކޮމެންޓް