އިސްލާމް ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ ކޯޓުގައި ކުށަށް އިއުތިރާފް ވުމުން ތިން ދުވަސް ތެރޭގައި ހުކުމް ކުރަން ނިންމައިފިއެވެ.
ރުސްތުމްގެ މައްޗަށް އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރިކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ތަހުގީގު މަރުހަލާގައި ރުސްތުމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެއްބަސްވެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް ބުނެފައިވަނީ ތަހުގީގު މަރުހަލާގައި ވެފައިވާ އިއުތިރާފް ދަމަހައްޓަން ބޭނުންވާ ކަމަށެވެ.
އެހެން ކަމުން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ އެ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ނުދައްކައެވެ. އެހެން ކަމުން އެކަމަށް ތިން ދުވަސް ތެރޭގައި ވަކި އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ރުސްތުމް އެންމެ ފުރަތަމަ ހައްޔަރު ކުރީ ކުރި ޓްވީޓަކާ ގުޅިގެންނެވެ. ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި ބާއްވައި އަދި ޒުވާނުންނަށް ދީނާ ދެކޮޅު ވާހަކަތައް ކިޔައިދޭނެ ކަމަށް އޭނާ ކުރި ޓްވީޓްގައިވެއެވެ. އަދި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ވެސް އޭނާ ކުރި ޓްވީޓުގައިވެއެވެ.