އައްޑޫއަށް އެރި ސީލް ފައިބައިފި

އައްޑޫ ސިޓީއަށް އެރި ސީލް --- ފޮޓޯ: ނަޖް

މީގެ ހަފްތާއެއް ކުރިން އައްޑޫ ސިޓީގެ މޫދުން ފެނުނު ސީލް ގޮނޑުދޮށުގައި ދެ ތިން ދުވަހު އޮތުމަށްފަހު ފައިބައިފިއެވެ.

ދިގުމިނުގައި އަށް ވަރަކަށް ފޫޓް ހުންނަ އެ ސީލް އެންމެ ފުރަތަމަ ފެނުނީ ހިތަދޫ ކަންބިހަ ބީޗް ސަރަހައްދުންނެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެނުނު އެ ސީލް ފަހުން ވަނީ އެ ސަރަހައްދުން ގެއްލިފައެވެ. އޭގެ ހަފްތާއެއް ފަހުން އެ ސީލް އަރާފައިވަނީ އައްޑޫ ސިޓީގެ ކިނބިވާ ސަރަހައްދުގެ ފުއްޓަރު ފަރާތަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހަތަރު ދުވަސް ފަހުން މިއަދު އެ ސީލް ވަނީ ފައިބައިގެން ގޮސްފައި ކަމަށެވެ.

އައްޑޫ ސިޓީއަށް އެރި ސީލް --- ފޮޓޯ: ނަޖް

އެކަމާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން މީގެ ކުރިން ބުނީ ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދަށް ޒިޔާރާތްކޮށް އެއަށްކާންދޭން މަސައްކަތްކޮށް، ކައިރިން ފޮޓޯނަގާކަން ފާހަގަކުރެވޭކަމަށެވެ.

އައްޑޫ ސިޓީއަށް އެރި ސީލް ބަލަން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒިޔާރަތް ކޮށްފައި ---

އެހެން ކަމުން އެ ސީލަށް އެއްވެސް ވަރަކަށް ގޯނާކޮށް ކާންދީ ނުހެދުމަށް ވެސް ކައުންސިލުން އެދުނެވެ.

ސީލްއަކީ އޭގެޒާތުގައި އަމިއްލައަށް އުޅޭ އެއްޗެކެވެ.

ސީލްއަކީ ފިނި ސަރަހައްދުތަކުގެ ކަނޑުތަކުން ފެންނަ އެއްޗެކެވެ. އާންމުކޮށް ސީލް އުޅެނީ އާކްޓިކް އަދި އެޓްލާންޓިކް ކަނޑުގެ ސަރަހައްދުތަކުގައެވެ. އެހެންކަމުން ރާއްޖެ ފަދަ ހޫނުގަދަ ގައުމަކުން ސީލް ފަދަ ޖަނަވާރުތައް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.

comment ކޮމެންޓް