ހަންކެޑެ މަޝްރޫއު: ގިނަ ވަސީލަތްތަކާ އެކު ފަސް ގިންތިއެއްގެ ހޮޓެލް ތަރައްގީކުރާނެ

ހަންކެޑެ---

ރިއަލް އެސްޓޭޓް ޓޫރިޒަމް އައްޑޫގައި ތަރައްގީކުރާ ހަންކެޑެ މަޝްރޫއުގެ ދަށުން ގިނަ ވަސީލަތްތަކާ އެކު ފަސް ގިންތީގެ ހޮޓެލް ތައާރަފުކުރާނެ ކަމަށް މޯލްޑިވްސް ފަންޑު މެނޭޖެމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން މިއަދު ބުނެފިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ އެމްއެފްއެމްސީއާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ ގުޅިގެންނެވެ.

އެމްއެފްއެމްސީން ބުނީ، މި މަޝްރޫޢުގެ ތެރެއިން ތައާރަފުކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި ދެ ގްރޭންޑް، ދެ ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި، 64 ސާވިސްޑް އެޕާޓްމަންޓްތަކުގެ އިތުރުން، ހަތް ބީޗް ވިލާ ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެއެވެ.

މީގެ އިތުރުން، މި މަޝްރޫއު ނިމިގޭއިރު ނޮލެޖް ސެންޓަރުތަކާއި، މިކްސްޑް ސްޕޯޓް ބިލްޑިންއަކާއި، އައުޓްޑޯ ބީޗް ސްޕޯޓްސް އަދި ތިއޭޓަރު ފަދަ ގިނަގުނަ މުނިފޫހިފިލުވުމުގެ ޙިދުމަތް ވެސް ތަޢާރަފުކުރާނެ ކަމަށް އެމްއެފްއެމްސީން ބުންޏެވެ. އަދި، ކުދި ވިޔަފާރިތަކުގައި އާންމުންނަށް ހަރަކާތްތެރިވެވޭ ގޮތަށް ފުޑް ކޯޓާއި ރެސްޓޯރެންޓު ފަދަ ތަންތަން ވެސް އިމާރާތްކުރާނެއެވެ.

މި މަޝްރޫޢު ނިމޭއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީކުރާނެއެވެ. ހަންކެޑެ މަޝްރޫއުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.

މި މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފަންޑު މެނޭޖްމަންޓް ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)ގެ މަންދޫބެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ސީއެންއީއީސީންނެވެ.

ހަންކެޑެ ހުރިހާ ގޮތަކުން ވެސް ތަފާތު މަންޒިލަކަށް ވާނެ ކަމަށް ބުނެ މި މަޝްރޫޢު އިއުލާނުކޮށް، މި މަޝްރޫއުގެ ޑިޒައިންގެ ފޮޓޯ ހިއްސާކުރަމުން، މީގެ ކުރިން އެމްއެފްއެމްސީން ބުނީ މި މަޝްރޫއުގެ ދަށުން ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަންކެޑެގެ އިތުރުން ކ. ގާފަރުފަޅުގައި ވެސް ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރަން މިދިޔަ ސަރުކާރުން ކަނޑައެޅިއެވެ. އެގޮތަށް ކަނޑައަޅާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ސޮއިކުރައްވާ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ނެރުއްވި ގަރާރެއްގައެވެ.

comment ކޮމެންޓް