އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެ ސިޓީގައި 30 މެގަވޯޓްގެ ޕަވާ ޕްލާންޓެއް ގާއިމުކުރަން ފެނަކަ ކޯޕަރޭޝަނުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން ދިމާވެފައިވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް އެތައް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކުރަން, ކުރީ ސަރުކާރުތަކުން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް މުއާޒް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ޕަވާ ޕްލާންޓް ގާއިމުކުރެވުމާ އެކު ކުރިއަށް އޮތް 25 އަހަރަށް އެ ސިޓީގެ ކަރަންޓު މައްސަލަ ދާއިމީކޮށް ހައްލުވެގެންދާނެ ކަމަށެވެ.
މިއީ އެންމެ ޒަމާނީ ތަކެއްޗާ އެކު ޖުމްލަ 30 މެގަވޯޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިގެންދާނެ ޕަވާ ޕްލާންޓެކެވެ.
"މި ޕަވާ ޕްލާންޓާ އެކު އައްޑޫ ސިޓިގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ. އަޅުގަނޑުމެން މި ޕްލާންޓް ގާއިމުކުރަނީ ފޭސްތަކަކަށް ބަހާލައިގެން،" އޭނާ ވިދާޅުވިއެވެ
އެގޮތުން އެންމެ ފުރަތަމަ އިންސްޓޯލްކުރާނީ 9.8 މެގަވޯޓް ދެ ޖެންސެޓާއި 5.8 މެގަވޯޓްގެ ދެ ޖެންސެޓް ކަމަށާއި މި ފްރޮޖެކްޓަކީ 50 މެގަވޯޓާ ހަމައަށް ކެޕޭސިޓީ އިތުރުކުރާނެ ޕްރޮޖެކްޓެއް ކަމަށް މުއާޒް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ ހުޅުދޫ މީދުއާ ބުރިޖަކުން ގުޅާލެވުނީމަ އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓު ތެރެއިން އެ ދެ ރަށަށް ވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ވަރުގަދަ ޕްރޮޖެކްޓެއް މި ޕްރޮޖެކްޓަކީ،" މުއާޒް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޗައިނާ ކުންފުނިން ފައިނޭންސްކުރާ ޕްރޮޖެޓެއްކަން ފާހަގަކޮށް މުއާޒް ވިދާޅުވީ އެ ފައިސާ ފެނަކައިން ދައްކާ ނިންމަން ޖެހެނީ 12 އަހަރުން ކަމަށްވުމާ އެކު އާމްދަނީއެއް އެއްވެސް މައްސަލައެއް ދިމާނުވެ، މި ޕްރޮޖެކްޓަށް ފައިނޭންސް ކުރެވޭނެ ކަމަށެވެ.
ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ އާންމުވެފައެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. މި މައްސަލަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.