ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ މައްސަލަ ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އެ މައްސަލާގައި ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލައެވެ.
ޕީޖީގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްސަލަ ފުލުހުން މިހާރު ޕީޖީއަށް ފޮނުވާފައިވާކަމަށެވެ.
"ފުލުހުން މިހާރު އޮތީ ފޮނުވާފަ އެ މައްސަލަ މިކޮޅަށް. އަދި ދައުވާ ކުރާކަށް ނުނިންމާ. މައްސަލަ އަދި ބަލައިވެސް ނުގަނޭ. އެހެންވީމަ އަދި އެ މައްސަލަ ދަނީ ޕީޖީއިން ދިރާސާކުރަމުން،" އޭނާ ވިދާޅުވިއެވެ.
އެ ތިން މީހުންގެ އިތުރުން ފުލުހުން ވަނީ އެ މައްސަލާގައި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްވެސް ހައްޔަރުކޮށްފައެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ގިނަ މައްސަލަތަކެއް މިހާރު ފެންމަތިވަމުންދާއިރު ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކު ސަސްޕެންޑް ކުރުމުގެ މަސައްކަތް އިއްޔެ މިނިސްޓްރީން ވަނީ ފަށާފައެވެ.
އެންމެ ފަހުން އެ މައްސަލާގައި ސަސްޕެންޑުކޮށްފައިވަނީ އެމްއެންޑީއެފް މީހެކެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު ވަނީ އެކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.