ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ގައުމުން ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތުމުން ގައުމުގެ ވަގުތީ ރައީސަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށް ބޮޑުވަޒީރުގެ އޮފީހުން އިއުލާނުކޮށްފިއެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނިގޮތުގައި ސްރީލަންކާގެ ވެރިކަމާ ވަގުތީ ރައީސަކު ހަވާލުވަންދެން ވަގުތީ ރައީސެއްގެ ދައުރު އަދާކުރައްވާނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ބޮޑުވަޒީރުގެ އޮފީހުން މިކަން މިގޮތަށް އިިއުލާނުކުރުމާއެކު ސްރީލަންކާގެ އާންމުންވަނީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި ބޮޑުވަޒީރު ރަނިލްގެ އޮފީސް ކައިރިއަށް އެއްވެފައެވެ.
ލަންކާގައި އަނެއްކާވެސް ކާފިއު އިއުލާނުކޮށްފި
އާންމުން އެއްވުމާއެކު ރަނިލް ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަންބޯ ހިމެނޭގޮތަށް އެގައުމުގެ ހުޅަނގު ސަރަހައްދުތަކުގައި ކާފިއު އިއުލާނުކުރުމުގެ ކުއްލި އަމުރެއް ނެރުއްވާފައެވެ. ނަމަވެސް އާންމުން ގެންދަނީ މި އަމުރަށް ގޮންޖަހަމުންނެވެ. އަމުރަށް ތަބާނުވެ ރަނިލްގެ އޮފީސް ކައިރިއަށް ޖަމާވަމުންދާ އާންމުން ހުއްޓުވޭ ގޮތް ނުވުމުން ރަނިލް ވަނީ މަގުތަކަށް ނުކުންނަ މީހުން ހައްޔަރު ކުރުމަށް ސަލާމަތީ ބާރުތަކަށް އަމުރު ކުރައްވާފައެވެ.
ލަންކާގެ އާންމުން ގެންދަނީ ރަނިލް ނެރުއްވާ އަމުރުތަކަށް ގޮންޖަހަމުން
ނަމަވެސް އާންމުން ގެންދަނީ ރަނިލް ނެރުއްވާ އަމުރުތަކަށް ގޮންޖަހަމުންނެވެ. އެ މީހުން ދަނީ ރަނިލްގެ އަމުރުތަކަށް ތަބާނުވެ އޭނާގެ އޮފީސް ކައިރިއަށް އެއްވެ އިސްތިއުފާއަށް ގޮވަމުންނެވެ.
މިކަން ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތައް މިހާރު ވަނީ އެއްވެފައިވާ އާންމުންގެ ތެރެއަށް ކަރުނަގޭސް ޖަހަން ފަށާފައެވެ. ކަރުނަގޭހުގެ އިތުރުން ލަޓިބުރިވެސް އާންމުންނާ ދެކޮޅަށް ބޭނުންކުރަމުން ގެންދާ މަންޒަރުތައް ޓީވީތަކުން ދަނީ ދުރަށް ދައްކަމުންނެވެ.
ގޮތަބަޔަ ފިއްލަވައިގެން ދިވެހިރާއްޖެ ވަޑައިގެންނެވީ ދިގު މުއްދަތަކަށް ރާއްޖޭގައި ހުންނަވާކަށް ނޫން
ރައްޔިތުން އުތުރި އެރުމާއެކު އަމިއްލަ ގައުމުގެ އެތެރޭގައިވެސް ފިއްލަވައިގެން އުޅުއްވި ސްރީލަންކާގެ ރައީސް ގޮތަބަތަ ރާޖަޕަކްސަ ގައުމުން ފިއްލަވައިގެން ދިވެހިރާއްޖެ ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ގޮތަބަޔަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވީ ސްރިލަންކާ ސިފައިންގެ އަސްކަރީ ޓްރަންސްޕޯޓް މަތިންދާބޯޓެއްގައެވެ. އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިންނާއެކުގައެވެ.
މިކަން ދިވެހިރާއްޖޭގެ ސަރުކާރުން ކަށަވަރުކޮށް ނުދިންނަމަވެސް ސްރީލަންކާގެ ސިފައިން ވަނީ ގޮތަބަޔަ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެވަޑައިގެންނެވިކަން ކަށަވަރުކޮށްދީފައެވެ.
ރިޕޯޓްތައް ބުނާގޮތުން ގޮތަބަޔަ ފިއްލަވައިގެން ދިވެހިރާއްޖެ ވަޑައިގެންނެވީ ދިގު މުއްދަތަކަށް ރާއްޖޭގައި ހުންނަވާކަށް ނޫނެވެ. އެހެންް ގައުމަަކަށް ފިއްލެވުމަށްޓަކައި ވަގުތީގޮތުން މަޑުކޮށްލެއްވުމަށެވެ. ރާއްޖޭގައި ގޮތަބަޔަ ހުންނެވި ތަނެއް އެނގިފައި ނުވިނަމަވެސް އޭނާ ހުންނަވާނެކަމަށް ބެލެވިފައިވަނީ މާލެއާ ކައިރި ރިސޯޓެއްގައެވެ.
ގޮތަބަޔަ ރާއްޖޭން ފުރާވަޑައިގަންނަވާނެކަމަށް ބެލެވެނީ ޔޫއޭއީއަށް
ސްރީލަންކާގެ ބައެއް މަސްދަރުތައް ބުނާގޮތުން ގޮތަބަޔަ ރާއްޖޭން ފުރާވަޑައިގަންނަވާނެކަމަށް ބެލެވެނީ ޔޫއޭއީ އަށެވެ. ޔޫއޭއީގެ ދުބާއި އަށެވެ. އެހެންކަމުން މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއިއަށް ފުރާ ކޮންމެވެސް ފްލައިޓަކުން ގޮތަބަޔަ ދުބާއިއަށް ފުރާވަޑައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ސްރީލަންކާގެ ބައެއް މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ރިޕޯޓްތައް ބުނެއެވެ.
ގޮތަބަޔަ އިސްތިއުފާ ދެއްވާނީ ރާއްޖެ ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަތުމަށް ފަހު
ގޮތަބަޔަ އިސްތިއުފާ ދެއްވާނީވެސް ރާއްޖެ ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަތުމަށް ފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ގޮތަބަޔަ ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތުމުން ސްރީލަންކާގެ އާންމުން ގެންދަނީ އޭނާ އިސްތިއުފާ ދެއްވުން ފަސްކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކުރިން ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބޮޑުވަޒީރު ރަނިލް އާއި ރައީސް ގޮތަބަޔަ އިސްތިއުފާ ދެއްވާގޮތަށެވެ.
ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ސަރުކާރާއި އިސްވެރިންނާ ދެކޮޅަށް އުތުރިއެރީ
ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ސަރުކާރާއި އިސް ވެރިންނާ ދެކޮޅަށް އުތުރިއަރައި ގައުމުގެ އިސް މުއައްސަސާތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމުން ގޮތަބަޔަ އާއި ރަނިލްވެސްވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި އެކަން ކަށަވަރުކޮށް ދެއްވާފައެވެ.
ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ރިޔާސީ ގަނޑުވަރަށާއި ރިޔާސީ އޮފީހަށް އަރައިގަނެ އެތަންތަނުގެ ކޮންޓްރޯލް ނެގުމާއެކު ހަގީގަތުގައި ގޮތަބަޔަގެ ވެރިކަންވަނީ ވެއްޓިފައެވެ. ސްރީލަންކާގައި މިހާރު އެއްވެސް ވެރިއެއްގެ ބާރެއް ނެތެވެ. ރަނިލްގެ އަމުރުތަކަށްވެސް އާންމުން ގެންދަނީ ގޮންޖަހަމުންނެވެ.
މިިދިޔަ ހުކުރު ދުވަހު ލަންކާގެ އާންމުން ޖެހި ސަކަރާތަކީ އާދައިގެ ކަމެއްނޫން
މިިދިޔަ ހުކުރު ދުވަހު (އަޟްޙާ އީދު ދުވަހު) ސްރީލަންކާގެ އާންމު ރައްޔިތުން އެގައުމުގެ އެންމެ އިސް މުއައްސަސާތަކަށް އަރައިގަނެ އެތަންތަނުގެ ކޮންޓްރޯލް ނަގައި ނުކިޔަމަންތެރިކަން ފާޅުކޮށް ހިންގި އާދަޔާ ޚިލާފު ކަންތައްގަނޑަކީ އެގައުމުގެ ތާރީޚުގައިވެސް މިހާތަނަށް ހިނގާފައިނުވާ ޒާތުގެ ކަމެކެވެ.
ރައީސްގެ ރަސްމީ ގަނޑުވަރަށް އާންމުން ހަމައެކަނި ވަދެގަތީކީ ނޫނެވެ. ގޮތަބަޔާ ދިރިއުޅުއްވާ ރަސްމީ ގަނޑުވަރުގެ ކޮންޓްރޯލް އެއްކޮށް އާންމުން ނެގީއެވެ. އެގަނޑުވަރުގެ ސްވިމިންޕޫލަށް އެރި ފެންވަރައި މަޖާކޮށް ހެދީއެވެ. ގޮތަބަޔަ ދިރިއުޅުއްވަމުން ގެންދެވި ކޮޓަރިކޮޅަށްވެސް ވަދެގަތީއެވެ. ގޮތަބަޔަ އަވަހާރަފުޅު ލައްޕަވާ އެނދުކޮޅުގައި އާންމުން ނިދައިހެދީއެވެ. ކޮޓަރިކޮޅުގެ ފާޚާނާއިން އާންމުން ފެންވަރައި ހެދީއެވެ.
ރިޔާސީ ގަނޑުވަރުގައި އާންމުން ކައްކައި ކައިބޮއި މަޖާކޮށް ލަވަކިޔައި ނަށައި ހެދީ
ރިޔާސީ ގަނޑުވަރުގައި ކައްކައި ކައިބޮއި މަޖާކޮށް ލަވަކިޔައި ނެށުންފަދަ ހުރިހާ ސަކަރާތެއް ޖެހީއެވެ. މާނައަކީ ހުކުރު ދުވަހުން ފެށިގެން ސްރީލަންކާގެ އާންމުންގެ ގިނަބަޔަކު ރަސްމީ ގަނޑުވަރަށް ވެރިވެގަނެ އެތަނުގައި ދިރިއުޅެން ފެށީއެވެ.
އެ ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް އެތަނުގެ ކޮންޓްރޯލްވެސް އަދި ރިޔާސީ އޮފީހުގެ ކޮންޓްރޯލްވެސް އޮތީ ސްރީލަންކާގެ އާންމުންގެ އަތުގައެވެ. އާންމުން ބުނާގޮތުން އެތަނުން ނުކުންނާނީ ގޮތަބަޔަ އާއި ރަނިލް އިސްތިއުފާ ދެއްވުމަށްފަހު އައު ރައީސަކާއި ބޮޑުވަޒީރަކު ސްރީލަންކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުންނެވެ.