އެއްކަމަކާމެދު ދެއިލްމުވެރިޔަކު ދެޙުކުމެއް ބުނެދޭފަހަރު އާދެއެވެ. މިވެނި ކަމެއް އެއީ ދީނުގައި ވާޖިބެކޭ އެކަކު ބުނާއިރު، ހަމަ އެކަންތައް އެއީ ވާޖިބެއްނޫނޭ އަނެކަކު ބުނެފާނެއެވެ. މިހެން ވުމުން، އެތަނުން ރަނގަޅު ގޮތަކީ ކޮބައިކަމެއް މިހާރަކު ނޭނގުނޭ ބައެއް މީހުން ބުނެ އުޅެއެވެ. އަދި މިއީ ކޮންކަހަލަ އިލްމުވެރިންނެއްހޭ ދެމީހަކު އެކައްޗެއް ނުކިޔައޭ ބުނެ ނުރުހުމުގެ ބަސްތައް ބޭރުކޮށްލާ ފަހަރުވެސް އާދެއެވެ.
އިސްލާމީ ޝަރީޢަތުގެ ބައެއް ޙުކުމްތަކާމެދު އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތު ވުމަކީ އާއްމު ކަމެކެވެ. އަދި އެއީ އިއްޔެއަކު މިއަދަކު ފާޅުވެގެން އުޅޭ އައު ކަމެއްވެސް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައިވެސް މިކަން ހިނގާފައިވެއެވެ. އަޙުޒާބު ހަނގުރާމައަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި، ބަނީ ޤުރައިޟާގައި ނޫނީ އަސުރު ނަމާދު ނުކުރެއްވުމަށް، އިތުރު އެކަލޭގެފާނު އަޞްޙާބުންނަށް އެންގެވުމުން، އެބޭކަލުން ކަންތައް ކުރެއްވި ގޮތަކީ މީގެ މިސާލެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. لَا يُصَلِّيَنَّ أَحَدٌ الْعَصْرَ إِلَّا فِي بَنِي قُرَيْظَةَ (ބުޚާރީ) 'ބަނީ ޤުރައިޟާގައިނޫނީ ތިޔައިގެތެރެއިން އެކަކުވެސް (މިއަދުގެ) އަސުރު ނަމާދު ނުކުރާހުށިކަމެކެވެ.' ބައެއް ބޭފުޅުން ބަނީ ޤުރައިޟާއަށް ވަޑައިގެންނެވި މަގު މަތީގައި (އަސުރު ވަގުތު ޖެހުމުން) ނަމާދު ކުރެއްވިއެވެ. އަދި އަނެއްބައި ބޭފުޅުން، މަޣުރިބު ވަގުތު ޖެހުނުއިރުވެސް ބަނީ ޤުރައިޟާއަށް ވަޑައިގެންނެވެންދެން އަސުރު ނަމާދު ނުކުރައްވައި މަޑުކުރެއްވީއެވެ. މިތަނުގައި މި ހިނގި ޚިލާފަކީ؛ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސްފުޅު މާނަކުރެއްވުމުގައި، ދެބައިމީހުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތު ވުމެކެވެ. ވަގުތު ޖެހުމުން ދަތުރުމަތީގައި ނަމާދު ކުރެއްވި ބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި އެ ބަސްފުޅުގެ މުރާދަކީ ވީހާވެސް އަވަހަކަށް ބަނީ ޤުރައިޟާއަށް ދިއުމަށް ހިތްވަރު ދެއްވުމެވެ. އެހެންނަމަވެސް އަނެއްބައި ބޭފުޅުން އަމަލު ކުރެއްވީ ސީދާ ހަދީސްފުޅުގެ ލަފުޒީ މާނައަށެވެ. މިކަން ހިނގި ގޮތުގެ ޚަބަރު ލިބިވަޑައިގެންނެވުމުން، ދެބައިމީހުންކުރެ އެއްވެސް ބައެއްގެ އަމަލު ގޯސް ކަމަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅެއް ނުވެއެވެ.
ދަތުރެއްގައި ވީހިނދު، ފެން ލިބޭން ނެތުމުން ތަޔަންމުމު ކޮށްގެން ނަމާދު ކުރެއްވި ދެބޭފުޅުންގެ ހާދިސާއަކީވެސް މިފަދަ ހާދިސާއެކެވެ. ދެބޭފުޅުންވެސް ތަޔަންމުމު ކޮށްގެން ނަމާދު ކުރެއްވިފަހުން ފެން ލިބުނެވެ. އެހެންކަމުން އޭގެ ތެރެއިން އެއްބޭފުޅަކު (އެ ފެނުން) ވުލޫކޮށްގެން އަލުން ނަމާދު ކުރެއްވިއެވެ. އަދި އަނެއް ބޭފުޅާ ނަމާދު އިޢާދައެއް ނުކުރައްވައެވެ. މިޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވުމުން، ނަމާދު އިޢާދަ ނުކުރައްވާ ބޭފުޅާ ސުންނަތާ އެއްގޮތަށް އަމަލު ކުރައްވައިފި ކަމަށާއި އޭނާ ކުރި ނަމާދުގެ އަޖުރު އޭނާއަށް ދެއްވާނެ ކަމަށް ހަދީސް ކުރެއްވިއެވެ. އަދި ވުޟޫކޮށްގެން ނަމާދު އިޢާދަ ކުރެއްވި ބޭފުޅާއަށް ދެއަޖުރު ދެއްވާނެކަމަށް ހަދީސް ކުރެއްވިއެވެ. ކޮންމެއަކަސް މިދެބޭފުޅުންވެސް އަމަލުކުރެއްވި ގޮތް ރަނގަޅުކަން އެނގިގެން ދިޔައެވެ.(އަބޫ ދާއޫދާއި ނަސާއީ)
ޝަރީޢަތުގެ އުޞޫލީ އެއްވެސް ކަމަކާމެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައެއް ނުވެއެވެ. މިއާ ޚިލާފަށް، އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވަނީ ދީނުގެ ފަރުޢީ ބައެއް މައްސަލަތަކާމެދުގައެވެ. މިސާލަކަށް ބަލާއިރު؛ ނަމާދުގެ ވާޖިބުކަމާއި އޭގެ ރަކުޢަތްތަކުގެ އަދަދާއި، ޒަކާތާއި ޙައްޖާއި ރޯދައިގެ ވާޖިބުކަން ފަދަ ކަންކަން ހިމެނެނީ ފިޤުހުގެ އަޞްލީ މައްސަލަތަކުގެ ތެރޭގައެވެ. މި ކަންކަމަކީ ވާޖިބެއްނޫންކަމަކަށް އެއްވެސް އިލްމުވެރިޔަކު ނުބުނާނެއެވެ. އަދި މެންދުރު ނަމާދުގައި ވަނީ ތިންރަކުޢަތޭ ފަތިސް ނަމާދުގައި ވަނީ ހަތަރު ރަކުޢަތޭވެސް ނުބުނާނެއެވެ. ނަމާދުގައި މައުމޫމުން އިމާމާގެ ފަހަތުން ކިޔެވުމާއި، ނަމާދުގެ އެއްރުކުނުން އަނެއް ރުކުނަށް ނަގުލުވާއިރު ދެއަތް އުފުލުމާއި، ވިތުރި ނަމާދު ކުރާ ގޮތާ މިފަދަ ކަންކަން ހިމެނެނީ ފިޤުހުގެ ފަރުޢީ މައްސަލަތަކުގެ ތެރޭގައެވެ. މިބާވަތު މައްސަލަތަކާމެދު އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތު ވެފައި ވެއެވެ.
އުޞޫލީ ކަންކަން އާއްމު ގޮތެއްގައި ސާބިތުވަނީ ޤަޠުޢީ ދަލީލު (definitive proof) ތަކުންނެވެ. ޤަޠުޢީ ދަލީލެއްނަމަ އެއިން ތަފާތު ދޭހަތަކާއި ޙުކުމްތައް ނެގުމުގެ ފުރުސަތެއް ނޯންނާނެއެވެ. ވީމާ، އުޞޫލީ މައްސަލަތަކުގައި އިލްމުވެރިންގެ ތަފާތު ގިނަ ރައުޔުތަކެއް ނޯންނާނެއެވެ. އެހެންނަމަވެސް، ފަރުޢީ ގިނަ މައްސަލަތައް އާއްމު ގޮތެއްގައި ސާބިތުވަނީ ޡަންނީ (presumptive) ދަލީލު ތަކުން ކަމަށްވާތީ، މިފަދަ ދަލީލުތަކުން ތަފާތު ދޭހަތައް ނެގުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ފަރުޢީ މައްސަލަތަކުގައި އާއްމުކޮށް އިލްމުވެރިންގެ ތަފާތު ރައުޔުތައް ހުރެއެވެ. މިބުނި ދެބާވަތުގެ ދަލީލުތަކުގެ މައްޗަށް ބަލައި، އިލްމުވެރިންގެ ރައުޔު ތަފާތުވުން، ތިރީގައިވާ ފަދައިން ބަޔާން ކުރެވިދާނެއެވެ.
(ހ) ތަފާތު ދޭހަތައް ނެގުމުގެ ފުރުސަތު އޮންނަ (ޡަންނީ) ދަލީލު + އިލްމުވެރިންގެ ތަފާތު ދޭހަވުންތައް (ތަފާތު އަންޑަސްޓޭންޑިންގ) = ތަފާތު ރައުޔުތައް.
(ށ) ތަފާތު ދޭހަތައް ނެގުމުގެ ފުރުސަތު ނޯންނަ (ޤަޠުޢީ) ދަލީލު + ހުރިހާ އިލްމުވެރިންގެ އެއްދޭހައެއް = ރައުޔު އެއްގޮތްވުން.
ޝަރުޢީ މައްސަލަތަކުގެތެރެއިން އިލްމުވެރިންގެ ރައުޔު ތަފާތުވަނީ ފިޤުހީ މައްސަލަތަކުގައި އެކަނިކަމަށް، އިހުގެ ފޮތްތަކުގައި ބުނެފައިވިޔަސް އެއީ މުޅިން ރަނގަޅު ވާހަކައެއްނޫންކަމަށް ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. ފިޤުހީ މައްސަލަތަކުގައި ރައުޔު ތަފާތުވުން އާއްމު ކަމަކަށްވާއިރު، ޢަޤީދާއާ ގުޅޭ ބައެއް ކަންކަމުގައިވެސް އިލްމުވެރިންގެ ރައުޔު ތަފާތު ވެފައިވާކަން ފެންނާން އެބަހުއްޓެވެ. މިސާލަކަށް؛ މިޢުރާޖުގެ ރޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ތަޢާލާ ފެނިވަޑައިގެންނެވި ގޮތާމެދުގައްޔާއި، ކުރުސިކޮޅުގެ ސިފައާމެދުގައްޔާއި އަދި މިނޫންވެސް ޢަޤީދާގެ ބައެއް މައްސަލަތަކުގައި އިލްމުވެރިންގެ ރައުޔު ތަފާތު ވެފައި ވެއެވެ.
ދީނުގެ މައްސަލަތަކުގައި އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވާން މެދުވެރިވާ ގިނަ ސަބަބުތަކެއް ވެއެވެ. އަދި މިފަދަ ސަބަބުތަކަކީ ތަބީއީ ގޮތުން ބައެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުމަށް އޮތް މަގުބޫލު ސަބަބުތަކެއްކަން އިލްމުގެ އަހުލުވެރިން ދަނެއެވެ. މީގެތެރޭގައި ހިމެނޭ މައިގަނޑު ސަބަބުތައް ކުރުކޮށް ބަޔާން ކުރަމެވެ.
ނައްޞު (ދަލީލު) ސާބިތުވުމާއި ނުވުމުގައި އިޚްތިލާފު އުފެދުން: ކަމެއްގެ ޙުކުމް ހިމެނޭ ދަލީލު(ތައް) އެއްއިމާމަކާ ހަމައަށް ފޯރާފައިވިޔަސް ހަމަ އެދަލީލު(ތައް) އަނެއް އިމާމަކާ ހަމައަށް ފޯރާފައިނުވާ ހާލަތު އާދެއެވެ. ހަމަ މިއާއެކު، އިމާމާ ހަމައަށް ދަލީލު ފޯރާފައިވިޔަސް، އެ ދަލީލެއް ސާބިތުކުރުމުގައި ނުވަތަ އެއަށް އަމަލުކުރުމުގައި އިމާމުން ގެންގުޅޭ މިންގަނޑުތައް ތަފާތުވުމަކީވެސް އެއްމައްސަލައެއްގައި ދެއިމާމެއްގެ ރައުޔު ތަފާތު ވުމަށް މެދުވެރިވާ ސަބަބެކެވެ. ހަދީސްގެ ސަނަދުގައި ހިމެނޭ ރާވީން ނުވަތަ ރާވީއަކީ އަދުލުވެރި ފަރާތަކަށް ނުވުމުން ނުވަތަ ސަނަދު މެދުކެނޑިފައިވުމުން އެ ހަދީސަށް އަމަލުނުކުރުން ފަދަ ކަންތައްތައް މީގެތެރޭގައި ހިމެނެއެވެ.
ނައްޞު ފަހުމުވުމުގައި އިޚްތިލާފު އުފެދުން: އެއްނައްޞަކުން ތަފާތު މާނަތައް ނެގެވޭ ފަދަ ދަލީލުތައް ހުރެއެވެ. މިފަދަ ދަލީލުތައް ފަހުމުވުމުގައި އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދޭ ފަހަރު އާދެއެވެ. ނައްޞެއްގައި ހިމެނޭ ލަފުޒަކުން އެއްއިލްމުވެރިޔަކު ހަގީގީ މާނަ ނަގާއިރު އެހެން އިލްމުވެރިޔަކު ހަމަ އެނައްޞުން މަޖާޒީ މާނަ ނަގާފާނެއެވެ. ނުވަތަ އެ ލަފުޒުން ދޭހަވާ ތަފާތު އެހެން މާނައަކަށް އިސްކަން ދީފާނެއެވެ. މިހެން ދިމާވަނީ 'ބަހުގެގޮތުން' ބަލާއިރު ތަފާތު ދޭހަތައް ނެގުމުގެ އިޙްތިމާލު (ޕޮސިބިލިޓީ) އޮންނަ ލަފުޒު(ތައް) އައިސްފައިވާއިރު، ނައްޞުގައި ބޭނުންކުރެވިފައިވާ ހަގީގީ މާނައަކީ ކޮބައިކަން އެނގޭނެ ޤަރީނާއެއް ނޯންނަ ހާލަތުގައެވެ. މިސާލަކަށް؛ ޢަބްދުﷲ ބުނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. لا يَمَسَّ القرآنَ إلَّا طاهِرٌ (ތާހިރު ހާލަތުގައިމެނުވީ ޤުރުއާނުގައި ބީހުމެއްނުވެއެވެ.) އައްޞަންޢާނީ ވިދާޅުވާގޮތުގައި، މި ހަދީސްގައި އެވާ 'طاهر' މިއީ ތަފާތު މާނަތަކެއްގައި ބޭނުންކުރެވޭ ލަފުޒެކެވެ. އެހެންކަމުން މި ހަދީސް މާނަކުރުމުގައި އިލްމުވެރިން ތަފާތު ދޭހަތައް ގެނެސްފައިވެއެވެ. މިގޮތުން ހަދީސްގައި އެވާ 'طاهر' ގެ މާނައަކީ ކުޑަ ހަދަސާއި ބޮޑު ހަދަސުން ތާހިރުވުންކަމަށް ބައެއް އިލްމުވެރިން މާނަކޮށްފައި ވެއެވެ. އަދި އޭގެ މާނައަކީ ހަށިގަނޑުގައި ނަޖިހެއް ނެތުން ކަމަށް އަނެއްބައި އިލްމުވެރިން މާނަކޮށްފައި ވެއެވެ. ފުރަތަމަ މާނަކުރުމަށް ބަލާއިރު، ދެހަދަސުން ތާހިރުނުވެ ޤުރުއާނުގައި ބީހުން ހުއްދައެއްނުވާނެއެވެ. އަދި ދެވަނަ މާނަކުރުމަށް ބަލާއިރު، ހަށިގަނޑުގެ ބޭރުފުށުގައި ނަޖިހެއް ނެތްނަމަ ޤުރުއާނުގައި ބީހުން ހުއްދަވާނެއެވެ.
(ނުނިމޭ)