ނަޝީދު އުޅުއްވަނީ އެމްޑީޕީން އޭނަ ވަކިކުރަން މަޖުބޫރުކުރުވަން: ރީކޯ

ރައީސް ނަޝީދު އަދި ރީކޯ މޫސާ މަނިކް: ނަޝީދުގެ އަމަލުފުޅުތައް މިހާރު ހުންނެވީ އެމްޑީޕީން އޭނާ ވަކިކުރުވަން މަޖުބޫރުކުރުވާ ގޮތައް ކަމަށް ރިކޯ ވިދާޅުވި ----

ރައީސް މުޙައްމަދު ނަޝީދުގެ އަމަލުފުޅުތައް މިހާރު ހުރީ އެމްޑީޕީން އެމަނިކުފާނު ވަކިކުރަން މަޖުބޫރުކުރުވާ ހިސާބުގައި ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކް (ރީކޯ) ވިދާޅުވެއްޖެއެވެ.

ރީކޯ އެހެން ވިދާޅުވެފައިވަނީ, އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕް ލައިނާ ޚިލާފަށް ވޯޓު ދެއްވުމަށް އެކުލަވާލި ލިސްޓްގެ ދެވަނައަށް ރައީސް ނަޝީދުގެ ނަން އޮތުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުއެ ޙަސަން ލަތީފް އިއްޔެ ފޮނުއްވި މެސެޖުގައި ވަނީ, ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓުލާން ބޭނުންނުވާ މެންބަރުން ނަން ނޯޓު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"އާންމު މެންބަރުންނަށް ސާފުވާނެ. ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު. އަޅުގަނޑު އުންމީދުކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް," ޙަސަން ލަތީފް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެއެވެ.

އެ ލިސްޓުގެ ދެވަނައަށް ނަން ޖެއްސެވީ ރައީސް ނަޝީދެވެ. ހަވީރު ފަހެއް ޖެހުމާ ހަމައަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 18 މެންބަރުން ވަނީ އެ ލިސްޓުގައި ނަން ޖައްސަވާފައެވެ.

"ނަޝީދުގެ ބޭނުމަކީ އެމްޑީޕީން އޭނަ ވަކިކުރުން. އޭނައަކަށް ނެތް ޕާޓީ ތެރޭގައި ހުރެގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަކަށް ފުރުސަތެއް ނެތް," 13 އަހަރު ރައީސް ނަޝީދުއާ އެކު އެމްޑީޕީގައި މަސައްކަތް ކުރެއްވި މޫސާ މަނިކް ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ހިސާބުން މައްސަލަ އިތުރަށް ގޯސްވެފައިވާކަން ފާހަގަކޮށް މޫސާ މަނިކް ވިދާޅުވީ, ރައީސް ޞާލިޙާ ވާދަކުރައްވަން ނުކުންނަވަން ރައީސް ނަޝީދަށް ކެރިފުޅު ނުގަންނަވާ ކަމަށެވެ.

"ނަޝީދު ކަމެއް ނުކުރައްޗޭ ބުނެފިނަމަ އޭގެ މާނައަކީ އޭނައަށް ކޮށްދޭށޭ އެކަންތައް. ނަޝީދު ކަމެއް ނުކުރާނަމޭ ބުނެފިއްޔާ އެކަމެއް ކުރާނެ. ކަމެއް ކޮށްނުދެއްޗޭ ބުނެފިއްޔާ އެއީ އެކަމެއް ކުރަން އޭނަ ބޭނުންވަނީ," މޫސަ ވިދާޅުވިއެވެ.

2010 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިންގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ރައީސް ނަޝީދުގެ ވިސްނުންފުޅަކީ އެމްޑީޕީން ވަކިކުރަން މަޖުބޫރުކުރުމަށްފަހު އަމިއްލަ ޕާޓީއެއް ހެދުން ކަމަށް، 2015 ވަނަ އަހަރާ ހަމައަށް އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރީކޯ މޫސާ މަނިކް ވިދާޅުވިއެވެ.

"އެހެންވީމަ މިހާރު އޭނަ (ރައީސް ނަޝީދު)އަށް އޮތް ހަމައެކަނި ޗޮއިސްއަކީ އެކަހަލަ ބަހަނާއެއް ދައްކާފައި އެމްޑީޕީން ބޭރުވުން," ރީކޯ މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މިހާރު ވެސް ދައުލަތުން އަންނަނީ ބޮޑު ހޭދަތަކެއް ކުރަމުންކަން ފާހަގަކޮށް މޫސަ ވިދާޅުވީ, އޭނަގެ ނަސޭހަތަކީ ނަޝީދު އިސްވެ ހުންނަވައިގެން ވިޕް ލައިނާ ޚިލާފް ވިޔަސް އަދި އެހެން ކަމެއް ކުރެއްވި ނަމަވެސް އެމްޑީޕީން ވަކި ނުކުރުން ކަމަށެވެ.

"އެމްޑީޕީން އޭނަ (ރައީސް ނަޝީދު) ވަކިކޮށްފިއްޔާ ދައުލަތަށް އަނެއްކާ އިތުރު ބުރައެއް އުފުލަން ޖެހިދާނެ," މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ އެމްޑީޕީގެ މެންބަރުކަމުން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރަން ވޯޓު ނުދިނުމަށް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިންވިޕެއް ނެރެފައި ވަނިކޮށް އެއާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެއީ 2016 ވަނަ އަހަރެވެ.

comment ކޮމެންޓް