ނުރައްކާ ބޮޑު! ދުރުހެލިވޭ!

މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެއަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ. ދުންފަތާ ގުޅުވައިގެން މި ފަދަ ދުވަހެއް ފާހަގަކުރުމުގައި ސަބަބުތަކެއް އޮންނާނޭކަން ކަށަވަރެވެ. އެންމެ މުހިންމު ސަބަބަކީ ދުންފަތަކީ އިންސާނާގެ ސިއްޙަތަށް ގެއްލުންދޭ، ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ އެއްޗަކަށް ދުންފަތް ވާތީއެވެ. ދުންފަތުގެ ބޭނުންކުރާ ނަމަ، އިންސާނާގެ ސިއްހަތުގެ ދުޅަހެޔޮކަން ނަގައިލުމުގެ އިތުރުން، ތަފާތު އެހެނިހެން ގެއްލުންތައް ވެސް ލިބެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ލިބޭ ސިއްޙީ ގެއްލުންތަކުގެ ވާހަކަތަކަކީ ވަރަށް އާންމު ވާހަކަތަކެކެވެ. އެ ކަމުގެ ސަބަބުން އެކި ކަހަލަ ބަލިބައްޔަށް އިންސާނާ ހުށަހެޅޭ ވާހަކައެވެ. އެ ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާ ވާހަކައެވެ. އޭގެތެރޭގައި ފުއްޕާމެޔަށާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޖެހޭ ބަލިބައްޔާއި ހިތުގެ ތަފާތު ބަލިތަކާއި ކެންސަރާއި މި ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. މި ފަދަ ބަލިތަކުގެ ވާހަކަތައް ދުންފަތާ ގުޅުވައިގެން ވަރަށް ގިނައިން އަޑުއިވެއެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ދިމާވަނީ، ހަމައެކަނި މި ފަދަ ބަލިބައްޔެއް ނޫނެވެ. ބައެއް ކަހަލަ ބަލިތައް ހުންނަ މީހުންގެ ބަލި އިތުރަށް ބޮޑުވެ ނުރައްކާ ވުމަކީ ވެސް ދިމާވާ ކަމެކެވެ.

ހަކުރުބައްޔަކީ މިއަދު މުޅި ދުނިޔޭގައި ވެސް ވަރަށް ހަލުއި ކަމާ އެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ހުންނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ، ބަލީގެ ނުރައްކާ ދެ ގުނައަށް އިތުރުވާކަން ދިރާސާތަކުން ދައްކައެވެ. ނިއުޔޯކުގެ "ކްލިނިކަލް ޑައިބެޓީސް ސެންޓަރ އެޓް މޮންޓިފިއޯ މެޑިކަލް ސެންޓަރ"ގެ ޑިރެކްޓަރ ޑރ. ޖޮއެލް ޒޮންސްޒޭން ހާމަކުރައްވާ ގޮތުގައި، ހަކުރުބަލީގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާ ނަމަ ހަކުރު ލެވަލް ކޮންޓްރޯލުކުރަން ދަތިވާނެއެވެ. އޭގެ ސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލަތަކާ ކުރިމަތިލާންޖެހޭ މުއްދަތު އަވަސްވެއެވެ. މީގެ އިތުރުން ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި އަވަސްއަވަހަށް ރޯގާ ޖެހުމާއި ކެއްސުން ފަދަ ބަލިތައް ޖެހި، ގިނަ ދުވަހަށް މި ފަދަ ބަލިތައް ދެމިގެންދެއެވެ.

ދުންފަތުގެ އިސްތުއުމާލުކުރާ މީހުންނަށް ދިމާވަނީ ހަމައެކަނި ސިއްޙީ ބަލިމަޑުކަމެއް ނޫނެވެ. އެ ނޫން ތަފާތު ގެއްލުންތަކާ ވެސް އެ މީހުންނަށް ކުރިމަތިލާންހެއެވެ. އެ ގޮތުން ފާހަގަކުރެވޭ އެއްކަމަކީ ބޮލުން އިސްތަށި ފޭބުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ ފިރިހެނުން، އުމުރުން ތިރީހަކަށް އަހަރުވާއިރު ބޯ ތަލަވެއެވެ. ނުވަތަ އެ ކަމުގެ ނިޝާންތައް ފެންނާން ފަށައެވެ. މީގެ މައިގަނޑު ސަބަބަކީ، ދުންފަތުގައި އެކުލެވޭ ނިކޮޓިންގެ ސަބަބުން އިސްތަށީގެ ބުޑުތަކުގެ ބާރު ދެރަކޮށްލުމެވެ. މީގެ އިތުރުން ހަށިގަނޑުގެ ލޭދައުރުވުމުގެ ނިޒާމަށް ހުރަސްއެޅުމެވެ. މި ކަންކަމުގެ ނަތީޖާއަކަށް ވަނީ، ބޮލުން އިސްތަށި ފޭބުން އިތުރުވެ، ޒުވާން އުމުރުގައި ބޯ ތަލަވުމެވެ.

ކޮންމެ މީހަކީ ވެސް އުމުރުގެ ގިނަ ދުވަސްތަކެއް ޒުވާންކަމުގެ ކުލަތަކުން ކުލަޖެހިލައިގެން ހުންނާން ބޭނުންވާނެ މީހެކެވެ. ސާޅީހުން މައްޗަށް ދާއިރަށް ހަންގަނޑު ދޫވެ، ކުރަކިވެ، ރޫޖެހޭކަށް އެކަކު ވެސް ނޭދޭނެއެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތުޢުމާލުކުރާ މީހުންނަށް މި ކަމުގައި ވެސް ހިތްދަތި ތަޖުރިބާތައް ކުރާން ޖެހިދާނޭކަން ސައިންސްގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. ދިރާސާއިން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ ހަންގަނޑުގެ ދުޅަހެޔޮކަން ވަރަށް އަވަހަށް ގެއްލެއެވެ. އަދި ހަމުގައި ރޫޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ސަބަބަކީ ދުންފަތުގެ ވިހައިގެ ސަބަބުން ހަންގަނޑުގައި ހިމެނޭ ސެލްތަކަށް ލިބެން ޖެހޭ އޮކްސިޖަންއާއި މުހިންމު ނިއުޓްރިއެންޓްސް، އެންމެ ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސް އަޅާތީއެވެ. އެއީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ނާރުތަކުގައި ކުނިޖެހި، ލޭ ކިލަނބުކޮށްލާތީކަމަށް ދިރާސާއިން ދައްކައެވެ.

ހިނިތުންވެލުމަކީ ޞަދަޤާތެކެވެ. ސަވާބު ވެސް ލިބޭ ކަމެކެވެ. އޭގެ އިތުރުން ހިނިތުންވެލުމަކީ، މީހާގެ މޫނުމަތީގެ ތީރިކަމާއި އުޖާލާކަން އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެކެވެ. މި ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، އެ މީހަކަށް ލިބިފައިވާ ދަތްޕިލައިގެ ހުދުކަމާއި ސާފުކަމެވެ. ދަތްތަކުގެ ކުލަ ފަނޑުވެ، ރަތްވެފައިވާ ނަމަ އެ ހިނިތުންވުމުން އަނެކާގެ ހިތަށް ލިބޭނެ މާ ބޮޑު ފިނިކަމެއް ނޯންނާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ، މި ދެންނެވި ރީތި ހިނިތުންވުމުގެ ވެސް ދުޝްމަނެކެވެ. ސަބަބަކީ ދުންފަތުގެ ބޭނުންކުރާ މީހާގެ ދަތްތަކުގެ ހުދުކަމާއި އޮފުކަން، ދުންފަތުގެ ދުމުގެ ސަބަބުން، ނެތިގެންދާތީއެވެ. ދުންފަތުގައި ހުންނަ ތާރާއި ނިކޮޓިންއަކީ ދަތްތައް މަޑު ރީދޫކުލައަކަށް ވަރަށް ފަސޭހައިން ބަދަކުކޮށްލާ މާއްދާތަކެކެވެ.

ތަފާތު އެކި ކަހަލަ ގެއްލުންތައް ލިބެމުންދާ އެއްޗަކަށް ދުންފަތްވެފައިވާތީ، މި ވަބާއިން ދުރުހެލިވެ ތިބުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ނުވާނެ ކަމެއް ނޫނެވެ. ބޭނުންވަނީ ހިތްވަރާއި ނުގުޑާ ފަދަ ޢަޒުމެކެވެ. ޔުނިވަސިޓީ އޮފް ބަފަލޯ ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދުންފަތާ ދުރުހެލިވުމަށް ޓަކައި ގިނައިން މޭވާއާއި ތަރުކާރީ ކެއުމަކީ ކުރެވިދާނެ މުހިންމު ކަމެކެވެ. އެއީ އޭގެ ސަބަބުން ނިކޮޓީންނަށް ހަށިގަނޑު ބަރޯސާވާ މިންވަރު ކުޑަވާތީއެވެ. މީގެ އިތުރުން ދުންފަތުގެ ރަހަ ނުބައިކޮށް ދިނުމަށް ވެސް މޭވާއާއި ތަރުކާރީ އެހީތެރިވެދެއެވެ. އެގޮތުން ކެވިދާނެ މޭވާގެ ގެތެރޭގައި އޮރެންޖާއި ކިވީއާއި ސްޕިނިޗާއި ކެރެޓް ހިމެނެއެވެ. މީގެ އިތުރުން ގިނައިން ފެން ބުއިމަކީ ވެސް މި ކަމަށް ފަހިކޮށްދޭ މަގެއްކަމަށް ދިރާސާތަކުން ދައްކައެވެ.

comment ކޮމެންޓް