އަމާން ދުވަސްތަކަކަށް އެދޭ ނަމަ...

މަސްތުވާތަކެތީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ވެރިރަށް މާލޭގައި، މަސްތުގެ "އައްޑާ"ތައް ދަނީ ގިނަވަމުންނެވެ. އެތަންތަނަކީ ސިއްރިއްޔާތުގައި މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަނެވެ. މިކަން ހުއްޓުވުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރާއްޖޭއަކީ ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން ނަން ލިބިފައިވާ ގައުމެކެވެ. މިއީ މި ގައުމަށް ލިބިފައިވާ ކޮން ފަދަ ބޮޑު އުފަލެއްތޯއެވެ. ކޮން ފަދަ ބޮޑު ޝަރަފެއްތޯއެވެ. ރާއްޖޭން ބޭރުން ދިމާވާ ބިދޭސީން، މި ގައުމަށް ކުރާ ތައުރީފާއި މި ގައުމުގެ އަގު އެ ބައިމީހުންގެ ހިތުގައި އުފުލިފައިވާ މިންވަރާއި މި ގައުމަށް ޒިޔާރަތްކޮށްލަން ބޭނުންވާ މިންވަރު އިހުސާސްކުރެވުމުން މި ދެންނެވި ފަޚުރުވެރިކަމުގެ ތާޖުގެ ވިދުން އެތައް ގުނައަކަށް އަރައެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވެވެއެވެ. އެހެންނަމަވެސް މިއަދު އެހެންތޯއެވެ؟

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބުނާ ގޮތުން ދިވެހިރާއްޖެއަކީ ސަތޭކަ އިންސަންތަ މުސްލިމް ޤައުމެކެވެ. ކޮންމެ ދިވެއްސަކީ މުސްލިމެއްކަމަށް ބަޔާންކޮށްފައި އޮވެއެވެ. އޭގެ މާނައަކީ އިސްލާމްދީން ގަބޫލުނުކުރާ ނުވަތަ އެހެން ދީނަކަށް އުޅޭ އެއްވެސް މީހަކަށް ދިވެއްސެއްގެ ލޭބަލެއް މި ގަމަކުން ނުލިބޭނެއެވެ. ކަންމިހެން އޮތް ނަމަވެސް ގައުމުގައި ހިނގަމުން ދާ ކަންތައްތަކާއި ހިންގަމުން ގެންދާ އަމަލުތަކަށް ނަޒަރު ހިންގާލުމުން ހިތަށް އަރަނީ، ގައުމުގެ އެންމެހައި ފަރުދުންނަށް އެ ޝަރަފު ދެވޭން އެބަ އޮތް ބާވައެވެ؟

މިއަދު މި ގައުމުގައި ނުބައިވެގެން ނުކުރާ ކަމެއް ނެތެވެ. ފާހިޝް އަމަލުތައް ގައުމުގައި ވަނީ ފުނިޖެހިފައެވެ. ވައްކަމާއި ފޭރުމުގެ ބިރުވެރިކަން ވަނީ ގައުމު ވަށާލައިފައެވެ. މަސްތުވާތަކެތީން ގައުމު ވަނީ ކަޅިވެފައެވެ. މާރާމާރީއާއި މީހުން މެރުން އާދައިގެ ކަމަކަށް ވެއްޖެއެވެ. ޒިނޭކުރުމާއި ހަށިވިއްކުން ޢާންމުވެއްޖެއެވެ. ލިވާތުގެ ނުބައި ބަލިން ގައުމު ފޯވެއްޖެއެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ޝިރުކުގެ ބޮޑު ފާފަ ވެސް ކުރަމުން ގެންދާ ދިވެހިން ނެތޭ ބުނެވޭކަށް ނެތެވެ. ގައުމު މި ވަނީ މުންކަރާތްތަކުން ތަޣައްޔަރުވެ ކިލަނބުވެފައެވެ.

މި ކުޑަކުޑަ ދިވެހި އުއްމަތް މިއަދު މި ވަނީ، ފުންމިން ނޭނގޭ ވަޅުގަނޑަކަށް ވެއްޓިފައެވެ. ގައުމުގެ ހާލަތު ހާދަ ދަށު ދަރަޖައަކަށް ވެއްޓިއްޖެއޭ ބުނާ ދޫތައް މިއަދު ވަރަށް ގިނަވެއްޖެއެވެ. އެހެންކަމުން މި ހާލަތުން ގައުމު ސަލާމަތްކޮށްދޭނެ ބަޔަކަށް އިންތިހާ ދަރަޖައަށް މި ވަނީ ބޭނުންވެފައެވެ. އެހެންނަމަވެސް އެ ކަމަށް އަތުކުރި އޮޅައިލާނެ ދަރިއަކު ނުފެނެއެވެ. ގައުމުގެ ހުންގާނުގައި ތިއްބެވި ބޭފުޅުން ވެސް، މި ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދެއްވާތަނެއް ނުފެނެއެވެ. ގައުމު ނަގަހައްޓަން މަސައްކަތްކުރާ މަންޒަރެއް ނުފެނެއެވެ.

އުފެދޭ ސުވާލަކީ ގައުމު ވެއްޓިފައި މި ވާ އަނދަވަޅުން ނަގައި ސަލާމަތުގެ އައްސޭރިއަކަށް ގައުމު ގެންދެވޭނީ ކޮން ކަމެއް ކޮން ގޮތަކަށް ކޮށްގެން ބާވައެވެ؟ ކޮން ކަހަލަ ފިޔަވަޅުތަކެއް އަޅައިގެން ބާވައެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެ ހައްދަވައި، އިންސާނުންގެ މި ބޮޑު ޖަމާޢަތް ދުނިޔޭގައި ލެއްވުމަށްފަހު، އިންސާނުން އުޅޭންވީ ގޮތާއި ނޫޅެންވީ ގޮތް ވަނީ އަންގަވާފައެވެ. އެއާ ޚިލާފަށް އުޅޭ މީހުންނާ މެދު ކަންކުރާންވީ ގޮތް ވެސް ސާފުކޮށް ވަނީ ބަޔާންކޮށްދެއްވާފައެވެ. މި ކަންކަމަށް ކިޔައި އުޅެނީ އިސްލާމީ ޝަރީޢަތެވެ.

މި ގައުމު މި ހާލަތުން ސަލާމަތްކުރުމަށް ޓަކައި ކުރާންވީ ކަމަކާ މެދު ވިސްނައިލުމުން، އަޅުގަނޑުގެ ވިސްނުން ފުރަތަމަ ވެސް ދަނީ އިސްލާމީ ޝަރީޢަތާ ދިމާއަށެވެ. މި ގަމުގައި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން މި ދާ ބޮޑެތި ކުށްތަކާއި ފާޙިޝް އަމަލުތަކާއި މުންކަރާތްތައް ހުއްޓުވައި، ހަމަ މަގަށް ގައުމު ގެންނާން އެދޭ ނަމަ، އިސްލާމީ ޝަރީޢަތުގައި އޮތް ގޮތަށް އަމަލުކުރާން ފަށާން އެބަ ޖެހެއެވެ. ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ގިރާކޮށްގެން ނަމަވެސް، މި ކަމަށް އަމަލީ ސިފަ ގެންނާން މިއަދު މި ވަނީ މަޖުބޫރުވެފައެވެ. އިސްލާމް ދީނުގެ އަދުއްވުންގެ ފުސް މޫނު ރީތިކުރާން މަސައްކަތްކުރުމުގެ ބަދަލުގައި، ހަތް އުޑު މަތިން ﷲ ތަބާރަކަ ވަތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރަން ފެށުން ލަސްކުރާކަށް މިއަދަކު ވަގުތެއްނެތެވެ.

ޝައްކެއްނެތެވެ! އިސްލާމީ ގައުމެއްގައި އިސްލާމީ ޝަރީޢަތް ގާއިމުކޮށްގެން ނިކުންނާނެ ނުބައެއް، އުފެދޭނެ ފިތުނައެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި ފެންނާން ފަށާނީ ސަލާމަތުގެ އައްސޭރިއަކަށް ގައުމު ދަތުރުކުރަމުންދާ މަންޒަރެވެ. އުފާވެރި ދުވަސްތަކަކަށް އަލިވިލޭތަނެވެ. އެ ދުވަހަކުން ގައުމުގައި އޮންނާނީ އަމާންކަމެވެ. ރައްކާތެރިކަމެވެ. އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.

comment ކޮމެންޓް