ކަހައިލައިފި! ވެއްޓިއްޖެ!

ވާރޭވެހި، މަގުމަތީގައި ފެންބޮޑުވެފައި އޮއްވާ ބާރަށް ދުއްވި އުޅަނދެއް އެކްސިޑެންޓުވެފައި -- ފޮޓޯ/ ނާއިލް ހުސައިން

ނިމިގެން މި ދިޔަ ހޯމަދުވަހަށް އިރު އޮއްސުނީ، މުޅި ގައުމުގެ ލޮލުން ކަރުނަ އޮހިގަތް ހިތާމަވެރި ޚަބަރަކާ އެކުގައެވެ. މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި، ޒުވާން އަންހެން ކުއްޖަކު ދުނިޔެ ދޫކުރި ހިތާމަވެރި ޚަބަރާއި އިތުރު ހަތަރު މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި، އައިސީޔޫގައި ފަރުވާދެމުން ގެންދާ ހިތި ޚަބަރުންނެވެ. އެ ބައިމީހުން ނިސްބަތްވާ އާއިލާތަކަށް މިއީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ. ކޮންފަދަ ބޮޑު ހިތްދަތިކަމެއްތޯއެވެ. ދެ ލޮލުން އޮހޭ ކަރުނައަކަށް އަދި ނިމުމެއް ނާންނާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ ދުނިޔެ ދޫކުރި ފުރާނައަށް ފުއްސެވުމާއި ރުއްސެވުމެވެ. ބަލިހާލަތުގެ ވޭނުގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ. އާމީން!

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެކެވެ. ވާރޭވެހުމުން މާލޭގެ މަގުތަކުގެ ހާލަތު އޮންނަނީ ރައްކާތެރިކަމުގެ ފޭރާމެއްގައެއް ނޫނެވެ. ނުރައްކާތެރި ފައްތަރެއްގައެވެ. ގިނަ މަގުތަކުގައި އަތުރާފައި ހުރި ގާތައް އޮމާންވެފައި ހުރުމުން، ދުއްވާފައި ދާ އުޅަނދުގެ ފުރޮޅު ކަހައިލުމަކީ، ނުހަނު ފަސޭހައިން ދިމާވާ ކަމެކެވެ. މި ކަމަށް ހޭއަރައި ސަމާލުވާން ތިބި މީހުންނަކީ އަހަރެމެންނެވެ. ހޯމަދުވަހު ހިނގި ނުރައްކާތެރި، ބޮޑު އެކްސިޑެންޓަކީ ވެސް، ވާރޭވެހި މަގުމަތީގައި ފެންހެދިފައި އޮތް ވަގުތަކު، މާ ބާރަށް ދުއްވުމުގެ ނަތީޖާއެވެ. އޭގެ ތަފުސީކަށް ދާކަށް ނެތީމެވެ.

"މިއީ މިހާރު ދުއްވަން ހެޔޮވާވަރުގެ މަގުތަކެއް ނޫން! އަމުދުން ވާރޭ ވެހި މަގުތައް ތެމުނީމަ ހެޔޮނުވާނެ ދުއްވާ އެއްޗެއްގައި ނިކުންނާކަށް." ދާދިފަހުގެ ރެއެއްގައި، ވާރޭ ވެހެމުންދިޔަ ވަގުތު މަޖީދީމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހައިލައިގެން ވެއްޓުނު މަންޒަރު ފެނިފައި، މި ތަން ދެކޭން ހުރި ދުވަސްވީ މީހަކު ބުނި އަޑު އިވުނެވެ. އޭނާގެ އެ ވާހަކައަށް، އެ ތަނުގައި ތިބި އެއް ބަޔަކު ތާއީދުކުރިއެވެ. އެހެން މީހަކު ވާހަކަ ދެއްކީ އޭގެ އަނެއް ކޮޅަށެވެ.

"ވާރޭ ވެހުނީމާ މަގުތައް ހުންނާނީ ތެމިފައިކަން، ދުއްވާ މީހުންނަށް ވެސް އެނގެންވާނެ. ފަސޭހައިން ކަހައިލާނޭކަން ވެސް އެނގެންވާނެ. ހެސްކިޔާފަ ބާރަށް ދުއްވާފައި އައިސް، ކުއްލިއަކަށް ބުރެކި ޖެއްސީމަ ވާނީ އެހެން." އޭނާގެ ވާހަކައަށް ވެސް އެ ތަނުން ބަޔަކު ތާޢީދުކުރިއެވެ.

މި ދެ މީހުންގެ ވާހަކަ އަޑުއަހާން އެ ތަނުގައި ހުރެވުނުއިރު، ދެ ޚިޔާލުގެ ދެ މީހުންގެ ވާހަކައަށް ވެސް ޖެހުނީ ބޯޖަހައިލައި، އަތް އުފުލައިލާށެވެ. އެ ދެ މީހުން ވެސް އެ ދެއްކީ ހަމަ އެންމެ ރަނގަޅު ވާހަކައެވެ. ވިއްސާރަ ދުވަސްވަރު މާލޭގެ ގިނަ މަގުތަކުގައި ދުއްވުން އެހައި ރައްކާތެރިއެއް ނޫނެވެ. އަމުދުން ބާރަށް ދުއްވުމަކީ، ވަރަށް ނުރައްކާތެރި ކަމެކެވެ. ބައެއް މަގުތަކުގައި އަޅާފައި ހުރި ގާތައް މިހާރު އިންތިހާއަށް އޮމާނެވެ. އެހެން ހުއްޓާ ވާރޭވެހި، ތެމުނީމާ އޭގެ އޮމާންކަން އެތައް ގުނައަކަށް އިތުރުވެއެވެ. އެ ހާލަތުގައި ހިނގާ މީހުނަށް ވެސް އެހައި ރައްކާތެރިއެއް ނޫނެވެ. އެ ކަމަށް ހެކިބަސްދިނީ، މީގެ ދެ ރެއެއް ކުރިން ފެނުނު މަންޒަރެކެވެ. ވާރޭވެހި މަގުމަތި ތެމިފައި އޮތް ވަގުތަކު، އަމީނީމަގު ދިރާގު އޮފީސް ކައިރިން ހިނގާފައި އައި ޒުވާނަކު، ހަމަ ކުއްލިއަކަށް ކައްސައިލައިގެން ވެއްޓި ޖެހުނެވެ. އޭނާ ތެދުވެ ހިނގައިގަތް ގޮތުން، ގައިގެ ތަންތަނަށް ވަރަށް ބޮޑަށް ތަދުވެފައި ހުރިކަން އެނގުނެވެ. ވީއިރު މި ފަދަ މަގުތަކުން ހިތުހުރި ވަރަކަށް ދުއްވާން ހެޔޮވާނެ ހެއްޔެވެ؟

މީގެ ތިން ހަތަރު ދުވަސް ކުރީން، ލިލީމަގުން، ހަލުއި ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހައިލައިގެން، ދެ މީހަކު ގުޅައަކަށް ޖެހުނުތަން ދުށީމެވެ. ޖެހިގެން އައި ދުވަހުގެ ރޭ، އޮލިންޕަސް ކުރިމައްޗަށް، ސައިކަލަކާ އެކު ޒުވާނަކު ވެއްޓި ޖެހުނުތަން ފެނުނެވެ. އޭގެ އަނެއް ދުވަހު ހަވީރު މަޖީދީ މަގު ސަންފްރޮންޓް ކުރިމައްޗަށް ވެސް، ސައިކަލަކާ އެކު ކަހައިލައިގެން މީހަކު ވެއްޓި ޖެހުނުތަން ފެނުނެވެ. މިއީ މި ވޭތުވެދިޔަ ތިންހަތަރު ދުވަހެއްގެ ތެރޭގައި އަޅުގަނޑު ދުށް މަންޒަރުތަކެވެ. މި ފަދަ ކޮންމެ ހާދިސާއަކީ ވެސް، ބާރަށް ދުއްވާފައި ދިޔުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ. އެހެންނަމަވެސް ބައެއް ފަހަރު ނުހަނު މަޑުން ދުއްވާފައި ދާ މީހާ ވެސް މި ހާލަތު ތަޖުރިބާކުރާން ޖެހިފައި އެބަ ހުއްޓެވެ. ހިތަށް އަރަނީ މި ފަދަ ކިތައްކިތައް ހާދިސާ މި ދުވަސްކޮޅު މާލޭގެ މަގުތަކުގައި ހިނގާފައި ހުންނާނޭ ބާވައެވެ.

މި ދެންނެވި ކޮންމެ ކަހައިލުމަކާއި ވެއްޓުމަކުން ވެސް ފެނުނީ ހިތަށް ތަދުވާ ފަދަ މަންޒަރެކެވެ. ވެއްޓުނު މީހުންނަށް ބޮޑެތި އަނިޔާތައް ލިބުނު ތަނެވެ. ކޮންމެ މީހަކު ވެސް ތެދުވެ ހިނގައިގަންނަނީ ފާޑަކަށް ކޮރުޖަހަމުންނެވެ. އަތަށް ފަޔަށް ބުރަކައްޓަށް ނޫނީ ކޮންމެވެސް އެހެން ތަނަކަށް އަޅާ ވޭނަށް ކެތްކުރަމުންނެވެ. ބައެއް މީހުންގެ އަތް ފައިން ލޭ ކޮށިފައި ހުރި މަންޒަރު ވެސް ފެނުނެއެވެ. ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުންތައް ހުންނަނީ ލިބިފައެވެ. އެހެންނަމަވެސް ހައިރާންވާންޖެހެނީ، ބައެއް މީހުން ދެން ވެސް ދުއްވާލަނީ، ހަމަ އެހައި ބާރަށެވެ. ކަމެއް ދިމާވުމުން އެ ކަމުން އިބުރަތް ހާސިލުކުރާނޭ ނަމައެވެ.

މި ފަދަ ކޮންމެ ހާދިސާއަކީ ވެސް ނުރައްކާތެރި ހާދިސާއެކެވެ. ހީނުކުރާ ފަދަ ބޮޑެތި ގެއްލުންތަކާއި ހިތާމަ ލިބިދާނެ ހާދިސާއެކެވެ. އެހެންކަމުން މި ކަންކަމާ މެދު، މިހާރަށް ވުރެ ފުންކޮށް ވިސްނާން އެބަ ޖެހެއެވެ. ވާރޭވެހި މަގުތައް ތެމިފައި ހުންނަ އިރު، މާ ބާރަށް ދުއްވާން ނުހަދާށެވެ! ހަމަ ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް، ބުރެތްކަށް ހިފައިލާން ޖެހިދާނެއެވެ. ބާރަށް ދުއްވާފައި ދަނިކޮށް މި ފަދަ ދަނޑިވަޅެއް އަތުވެއްޖެ ނަމަ، ކަހައިނުލައި ސަލާމަތް ވުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ކިތަންމެ އަވަހަށް ތަނަކަށް ދާންޖެހުނަސް، ބަލައިގެން މަޑުމަޑުން ދުއްވާން އާދަކުރާށެވެ! އެންމެ ފުރަތަމަ ވިސްނާން ޖެހޭނީ އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށެވެ. އެހެންކަންކަމަށް ވިސްނާންވާނީ އޭގެ ފަހުންނެވެ.

comment ކޮމެންޓް