ވާދަވެރިކަމާއި އެކުވެރިކަން

ގައުމީ ފުޓްބޯޅަ ޓީމުގެ ސަޕޯޓަރުންތަކެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މީގެ ދެތިން ރެއެއްގެ ކުރިއެވެ. ވަގުތަކީ ޢިޝާނަމާދު ފަހުގެ ވަގުތެވެ. ފޭސްބުކަށް ވަދެލި ވަގުތު ފެނުނީ، ޒުވާނަކު ކޮށްފައި އޮތް ޕޯސްޓެކެވެ. ލިޔެފައި އޮތެވެ. "މާތް ﷲގެ ތަނަވަސް ރަހުމަތާ އެކު، މާދަމާ ހެނދުނު 9:00 ގައި ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ކުރެވޭ އަޅުގަނޑުގެ އޮޕަރޭޝަނަކީ ކާމިޔާބު އަދި ފަސޭހަ އޮޕަރޭޝަނެއްކަމުގައި ލައްވާށި! އާމީން!"

ޕޯސްޓް ކޮށްފައި އޮތީ، ދަންނަ ގާތް ޒުވާނެކެވެ. އެހެންކަމުން ވަގުތުން އޭނާއަށް މެސެންޖައިން މެސެޖެއްކޮށްލީމެވެ. ވީ ގޮތް ސާފުކޮށްލުމަށެވެ. ބަލިވެ އުޅޭކަން އެނގިފައި ނެތީމައެވެ. މެސެޖުކޮށްލުމުން އޭނާ ފޮނުވީ ފޮޓޯތަކެކެވެ. އެ ފޮޓޯތައް ފެނިފައި ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ މުޅި އަނގަމަތި އޮތީ ފުނޑުފުނޑުވެފައެވެ. ތިރީ ތުންފަތާއި މަތީ ތުންފަތް ވަނީ ޒަޚަމްވެ، ދުޅަވެ އަރާފައެވެ. ތިރީ ދަތްޕިލައިގެ ތިންހަތަރު ދަތް ނެތެވެ. އޭނާ ބުނިގޮތުން، ހިރުގަނޑުގެ ކަށިގަނޑު ގުޑާފައި ހުރުމުން، ތިރީ ދަތްޕިލައިން ހަތް ދަތް ނަގާންޖެހޭކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

މި ފޮޓޯތައް ފެނިފައި ލިބުނު ސިހުމާ އެކު، މިއީ ކިހިނެއް ހިނގި ކަމެއްތޯ އަހައިލެވުނެވެ. އޭނާ ވަރަށް ކުރުގޮތަކަށް ވީ ގޮތް ބުނެދިނެވެ. އޭނާ ބުނިގޮތުން، އެއީ އެ ރަށުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެކަމުގެ ރުޅީގައި ބަޔަކު ހިފި ބަދަލެއްގެ ނަތީޖާއެވެ. އޭނާއަކީ އެ ކަމާ ނުވެސް ބެހޭ މީހެއްކަމަށް ވެސް ބުންޏެވެ.

ކަންވީ ގޮތް އިތުރަށް ސާފުވީ، އެ ރަށު މީހަކާ ދިމާވެގެން އަހައިލުމުންނެވެ. އޭނާ ބުނީ އެ ރަށުގައި ހިނގި ހަމަނުޖެހުމުގެ އަސްލަކީ، އެ ރަށާއި އަވައްޓެރި ރަށަކާ ދެމެދު ކުޅެވުނު ފުޓްބޯޅަމެޗެކެވެ. އެ މެޗުގެ ފޯރިގަދަވެ، އެ ފޯރި، އެންމެ ފަހުން ހަމަނުޖެހުމަކަށް ބަދަލުވެ، ތަޅާފޮޅާ ހިސާބަށް ވެސް ދިޔައީއެވެ. އެ ކަމުގެ ރުޅިވެރިކަން ކުރިލައި، ކައިރީގައި އޮތް އެހެން ރަށަކާ ހަމައަށް ވެސް ފޯރީއެވެ. ބަދަލު ހިފުމުގެ ގޮތުން ދެފަރާތުން ވެސް ހަމަލާތައް ބަދަލުކުރީއެވެ. އެ ފަދަ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އެ ޒުވާނާގެ އަނގަ މައްޗަށް އަރައި، އޭނާއަށް ބޮޑު އަނިޔާއެއް ލިބުނީއެވެ. އެހެންނަމަވެސް އެ ޒުވާނާއަކީ، މި ހަމަނުޖެހުމާ ގުޅުން ހުރި ޒުވާނެއްކަމަކަށް ނުވެއެވެ.

މި ވާހަކަތައް އަޑުއަހާފައި ކަންބޮޑުވިއެވެ. ދެރަވިއެވެ. މި ފަދަ ހޭލުންތެރި ތަންދޮރު ފިލާފައިވާ ޒަމާނެއްގައި، އިންސާނިއްޔަތުކަން ފަސްކޮށް، ޖާހިލުކަން އިސްކުރީތީއެވެ. ކަމެއްދަމެއް ބޮޑުވާ ދުވަހު، އެންމެ ފުރަތަމަ އެހީއަކަށް އެދި ގޮވައިލާން ތިބި އަވައްޓެރިންނާ މައްސަލަޖެހި، ނުރައްކާތެރި ހާދިސާތައް ހިނގާތީއެވެ. ކުށެއް ނެތް މައުޞޫމު މީހުން މި ފަދަ ކަންކަމުގެ ޝިކާރައަކަށް ވާތީއެވެ.

އަވައްޓެރި ރަށްރަށާ ދެމެދު މި ފަދަ ފުޓްބޯޅަމެޗުތައް ރާވައި ކުޅެ ހެދުމަކީ، ރާއްޖޭގައި ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ކަމެކެވެ. މި ފަދަ ކަންކަމުގެ ބޭނުމަކީ، ދެ ރަށުގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ގޮށެއް އިތުރު ކޮށްލުމެވެ. އެކަން އެނގެނީ މިގޮތަށް ކުޅޭ މެޗަށް ނަންދެނީ ވެސް "އެކުވެރި" މި ނަމުންކަމަށްވާތީއެވެ.

މި ފަދަ ކޮންމެ މެޗަކަށް ތައްޔާރުވެގެން އައިސް ދެ ޓީމުގެ ކުޅުންތެރިން ދަނޑަށް އަރާއިރު، އެ ދެ ޓީމުގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ވެސް ކަށަވަރުވާ އެއް ކަމެއް އޮންނާނެއެވެ. ދެ ޓީމު މޮޅު ނުވާނެކަމެވެ. ކޮންމެވެސް އެއް ޓީމެއް ބަލިވާނެކަމެވެ. ނޫނީ ވާނީ އެއްވަރެވެ. ކަން މިހެން އޮތް އިރު، ބައެއް ފަހަރު ބަލި ގަބޫލުކުރަން ދަތިވަނީ ކީއްވެ ބާވައެވެ؟ މެޗުން މޮޅުވާނެ ބަޔަކީ ތިމާމެންކަމަށް މާ ކުރިން ވެސް ޔަޤީންކުރެވިފައި އޮންނަނީ ބާވައެވެ؟

އެކުވެރިކަމުގެ ނަމުގައި ކުޅޭ މެޗުތަކާ ގުޅިގެން، ރުޅި އިސްކުރެވި، ޒުވާބަކަށް ބަދަލުވެ، ހަމަލާ ބަދަލުކުރެވި، ބޮޑު ހަނގުރާމައަކަށް ބަދަލުވަނީ، ތަފާތު އެތައް ސަބަބުތަކެއް މެދުވެރިވެގެންނެވެ. ރެފްރީގެ ހަރަކާތް ވެސް ބަލައިނުގަނެވިދާނެއެވެ. ލައިންސްމަނުންގެ ފިޔަވަޅު ވެސް ކަތިވެދާނެއެވެ. އިންތިޒާމުގެ މައްސަލަތަކެއް ވެސް ހުރެދާނެއެވެ. ކުޅުންތެރިން ނުވަތަ ބެލުންތެރިންގެ ތެރެއިން ވެސް ހިތާނުވާ ފަދަ ކަންކަން ފެނިދާނެއެވެ. މި ފަދަ ކޮންމެ ކަމެއް ދިމާވިޔަސް، މަސްލަޙަތު އިސްކޮށް، މަޤުޞަދު ހަނދާންބެހެއްޓުމަކީ އެންމެ ރީތި ގޮތެވެ. މޮޅުގޮތެވެ. ތިމާމެންގެ ހިތްވަރުހުރިކަމާއި ކެރުންތެރިކަން ވެސް ފެންނާނީ އެ ގޮތަށް އަމަލުތައް ބެހެއްޓިގެންނެވެ. އެހެންނަމަވެސް ގިނަ ފަހަރު ކަން ވަނީ އެހެނެއް ނޫނެވެ. ހިތްހަމަނުޖެހޭ ކަމެއް ދިމާވުމާ އެކު، ދެ ލޯ ބޮޑުވެ، މޫނުމަތި ރަތްވެ، ދެ ދަތްފިލަ ކައިރިވެ، ކަރުން ނާރުހިލެއެވެ. މީގެ ނަތީޖާ ފެންނަނީ ވަރަށް ހިތިކޮށެވެ.

އަބަދުވެސް ހަނދާން ބަހައްޓަންވީ އިންސާނުންނަށްވީތީ، އަތުން ދޫވާ ކަންކަން ހުންނާނޭކަމެވެ. އެ ފަދަ ކަންކަން ބޮޑެތި ޖަރީމާތަކުގެ ސިފައިގައި ކުރިމައްޗަށް އަޔަނުދޭށެވެ! އެ ފުރުސަތު ދީފި ނަމަ، ކުޅުންތެރިންގެ ލޭ ކެކޭން ފަށާނެއެވެ. ބެލުންތެރިންގެ މޫނުމަތިން ރަންކަނި ބުރާން ފަށާނެއެވެ. އެކުވެރިކަމުގެ ރޫހު ހަށިން ބީވެ، ދުޝްމަންކަމުގެ ފޭރާން ގަޔަށް މަހާލެވެއެވެ. ސުލްޙައިގެ ފިނި މާހައުލު، ހަނގުރާމައިގެ ހޫނު މައިދާނަކަށް ބަދަލުވެދާނެއެވެ. ނަތީޖާއަކަށްވަނީ، ފަހުން އެކަމަކާ ހިތާމަކުރާން ޖެހޭ ފަދަ އެތައް ކަމެއް ހިނގުމެވެ. އިންޑިޔާގައި އޮޕްރޭޝަނަށް ތައްޔާރުވަމުން ދިޔަ ޒުވާނާއަކީ ވެސް މި ފަދަ ކަމަކުން ނިކުތް ހިތި ނަތީޖާއެއްގެ ޝިކާރައެކެވެ. ﷲގެ ހެޔޮ ރަހުމަތާ އެކު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން، މި ފަދަ ކަންކަން ރާއްޖޭގައި ޒަމާނުއްސުރެ އަންނަނީ ހިނގަމުންނެވެ. އެހެންނަމަވެސް އެފަދަ ކަންކަން މާޒީއަށް ހަދާން އެބަ ޖެހެއެވެ. އެކުވެރިކަމުގެ ނަމުގައި ރާވާލެވޭ، އެކުވެރިކަމުގެ ކުޅިވަރު ހަރަކާތްތައް، އެކުވެރިކަމާ އެކު ނިންމާލެވޭތޯ ބަލާން އެބަ ޖެހެއެވެ. އިންތިޒާމުކުރާ ފަރާތާއި ދައުވަތު ލިބޭ ފަރާތުން ވެސް، މި ނިޔަތް އިސްކުރުމަކީ މުހިންމު ކަމެކެވެ. ކުޅުންތެރިންގެ މެދުގައި ބަދަހި ގުޅުމެއް އުފެދޭނީ އޭރުންނެވެ. ބެލުންތެރިންގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެންނާނީ އޭރުންނެވެ. ކުޅެވުނު ކުޅިވަރުގެ ހަޤީޤީ މަޤްޞަދު ހާސިލުވާނީ މި ގޮތަށް މިކަން ކުރެވިގެންނެވެ.

comment ކޮމެންޓް