މުހިންމު، ނުރައްކާތެރި ތަނެއް! ސަމާލުވޭ!

އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލަކުން ޖެހިފައި ----

ދާދި މިދާކަށް ދުވަހު، ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެއް ކިޔާފައި ހިތާމައިން ހިތް ފުރުނެވެ. މަގު ހުރަސްކުރަން ހިނގައިގަތް މީހެއްގެ ގައިގައި، ދުއްވާފައި އައި ސައިކަލަކުން ޖެހި، ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގި ވާހަކަ ލިޔެފައި އޮއްވައި ފެނުމުންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާއަކީ ދެކެފަރިތަ މީހަކަށް ވާތީ ވެސް މެއެވެ. އޭނާ އަދި ވެސް އޮތީ އައިސީޔޫގައި، މަރާ ހަނގުރާމަކޮށްކޮށެވެ. ގަދަވެ ސަލާމަތުން ހުރި މީހަކަށް ކުއްލިއަކަށް މި ކުރިމަތިވީ، ކޮންމެ ފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ. އާއިލާއަށާއި ރަޙުމަތްތެރިންނަށް ކުރިމަތިލާން ޖެހިފައި މި ވަނީ ކޮންފަދަ ބޮޑު ހިތާމައަކާ ހެއްޔެވެ؟ ބެދޭ މަޅިއެއް ނުފެންނާނެއޭ ބުނެއެވެ. އެހެންނަމަވެސް ރައްކާވެ ތިބިއްޔާ ދަތުރެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި، ހިތާމަވެރި ހާދިސާތަކަކީ ގުނާ އަދަދު ނުކުރެވޭހައި ގިނަ ހާދިސާތަކެކެވެ. އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު، ރާއްޖޭގެ އެކި ރަށްރަށުގައި މި ފަދަ ތަފާތު ހާދިސާތައް ހިނގައެވެ. އެ ފަދަ ކޮންމެ ހާދިސާއަކާ އެކު، އެތައް ލޯތަކެއް ކަރުނައިން ފޯވެއެވެ. އެތައް ހިތްތަކެއް ހިތާމައިން ފުރެއެވެ. އެތައް ހަށިތަކެއް ވޭނާއި ކެކުޅުމުން ކުރުގެޅެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ސިޓީތަކުގައި، މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަކީ، މިހާރު ވަރަށް ޢާންމުވެފައިވާ ކަމެކެވެ. މި ފަދަ ކޮންމެ އެކްސިޑެންޓަކީ އާއިލާތަކަށާއި މުޖުތަމަޢަށާއި ގައުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ހާދިސާއެކެވެ. ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސް، ބައެއް ފުރާނައެއް ދުނިޔެއިން ވަކިވާ ފަހަރު ވެސް އާދެއެވެ. ވީއިރު މި ކަމާ މެދު މިހާރަށްވުރެ ފުންކޮށް ވިސްނާން އެބަ ޖެއެވެ. ސަމާލުވެ ރައްކާތެރިވާން އެބަ ޖެހެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި ހުރި މަގުމަތީގެ އެކްސިޑެންޓްތަކަށް ނަޒަރުހިންގައިލާއިރު، ގިނަ އެކްސިޑެންޓްތަކަކީ، ކޮންމެވެސް މީހެއްގެ، ނުވަތަ ބަޔެއްގެ އިހުމާލާ ގުޅިގެން ހިނގާފައި ހުރި އެކްސިޑެންޓްތަކެވެ. ދުއްވާން އޮންނަ މިންގަނޑަށްވުރެ ބާރަށް ދުއްވިގެންނެވެ. ބަލާންވާ ވަރަށް ނުބެލިގެންނެވެ. ހިނގާށާއި ހުރަސްކުރާން ކަނޑައަޅާފައި އޮންނަ ޖާގަ ދޫކޮށްލެވިގެންނެވެ. އަދިވެސް މި ފަދަ ތަފާތު ސަބަބުތަކާ ހުރެއެވެ.

ގަބޫލުރަން ޖެހޭ ހަގީގަތަކީ، މިއަދު މާލެސިޓީގެ މަގުތަކަކީ ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވާ މީހުންތަކުން ބަރާވެ ތޮއްޖެހިފައިވާ މަގުތަކެއްކަމެވެ. އެ ފަދަ މަގުތަކަކަށް ނިކުމެ، ހިނގައިގަންނައިރު ނުވަތަ އުޅަނދަކަށް އަރައި ދުއްވައިލާއިރު، ސަމާލުކަމުގެ ކަށި އަބަދުވެސް ހުންނާން ޖެހޭނީ މަގުތަކާ ދިމާއަށެވެ. ފިކުރާއި ޚިޔާލު ހުންނާންވާނީ ތިމާއަށާއި އަނެކާގެ ރައްކާތެރިކަމަށެވެ. އަތުގައި އޮންނަ ފޯނަށް ސަމާލުކަން ހުއްޓާލައިގެން ދަތުރަށް ފަށައިފި ނަމަ، ދަތުރަށް ތިޔަ ފެށުނީ ރައްކާތެރި ގޮތަކަށް ނޫނެވެ. ނުރައްކާ ވާނީ، ތިމާއަށް ކަމެއް ނުވަތަ އަނެކާއަށް ކަމެއް ނޭނގެއެވެ. ހިނގާފައި ހުރި ބައެއް ހާދިސާތަކުގައި، ކުށެއް ނެތް މީހުން ޝިކާރައަކަށް ވެފައިވަނީ ވެސް މަދެއްކޮށް ނޫނެވެ.

މިހާރަކަށް އައިސް މާލެ ސިޓީގެ ބޮޑެތި މަގުތަކުގައި، ގިނަ މީހުން މަގު ހުރަސްކުރާތަން ފެންނަނީ ކަފިހި ހުރަސް މަތީންނެވެ. ހުރަސްކުރާ މީހުންނަށް ޓަކައި، ދުއްވާ މީހުންގެ ވަގުތުން ހިނދުކޮޅެއް ޤުރުބާންކޮށްލައެވެ. މިއީ ވަރަށް އުފާވެރި މަންޒަރެކެވެ. ނުހަނު ހެޔޮ ބަދަލެއް ވެސް މެއެވެ. އެހެންނަމަވެސް މި އުފާވެރި މަންޒަރާ އެކު ފާހަގަކޮށްލާންޖެހޭ ކަމެއް އެބަ އޮތެވެ. ހުރަސްކުރާ މީހުންނާއި ދުއްވާ މީހުންގެ ތެރެއިން ބައެއް މީހުންގެ އަމަލުތައް އަދިވެސް އެހައި ހިތްގައިމެއް ނޫނެވެ. ކަފިހި ހުރަހަށް އެރުމުން ރައްކާތެރިކަމުގެ ކޯޓެއް ލެވުނީކަމަށް ހީކުރެވި، މަގުގެ ދެކޮޅުން ކުރެ ކޮޅަކަށް ބަލައިލުމެއް ނެތި ހިނގައިގަނެވެއެވެ. އެ ގޮތް ރައްކާތެރިއެއް ނޫނެވެ. ދުއްވާ މީހުންގެ ކެތްތެރިކަން ކުޑަވެ، ކަފިހި ހުރަސްމަތީން މީހުން ހުރަސްކުރަމުން ދާއިރު، މަޑުކޮށް ނުލައި ކުރިއަށް ދެވެއެވެ. އެ ގޮތް ވެސް ރަނގަޅެއް ނޫނެވެ.

މަގުމަތީގެ ރައްކާތެރިކަމަށާއި ސަލާމަތަށް ހަމަ ކޮންމެ މީހަކު ވެސް ޚަބަރުދާރުވާން ޖެހެއެވެ. މަގުމައްޗަށް ނުކުމެ ދަތުރަށް ފެށުމުގެ ކުރިން، މަގުމަތީގެ ރައްކާތެރިކަމަށް ޓަކައި ކިޔާން ހުންނަ ދުޢާތައް ކިޔާން އާދަކުރާށެވެ! މަގުމަތީގެ ގަވާއިދާ އެއް ގޮތަށް ނޫނީ އެންމެ އިންޗިއަކަށް ވެސް ކުރިއަށްޖެހި ނުލާށެވެ! ހިނގާ ބިނގާވުމަށް ދުވާރުގެ ބޭނުން ހިފާށެވެ! މަގު ހުރަސްކުރުމަށް ކަފިހި ހުރަސް ޚިޔާރުކުރާށެވެ! ތިމާ ނޫން އެތައް ބަޔަކު މަގުތަކުގެ ބޭނުން ހިފަމުންދާކަން ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާނުލާށެވެ! ތިބާއަށާއި އަނެކާގެ ނަފުސުގެ ސަލާމަތަށް ޓަކައި ކުރެވޭ ވަރަށް ބޮޑު ހެޔޮ ކަމަކަށްވާނެއެވެ.

comment ކޮމެންޓް