ރިސޯޓުން ވިލާއެއް ވިއްކުމަށް ރާޖަޕަކްސައާ މަޝްވަރާއެއް ނުކުރަން: ސޮނޭވާ

ސޮނޭވާ ޖާނީ ރިސޯޓް

އިސްތިއުފާ ދެއްވި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ރިސޯޓުން ވިލާއެއް ވިއްކުމުގެ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ސޮނޭވާއިން މިއަދު ބުނެފިއެވެ.

ރާއްޖޭގެ ހަބަރުތައް އިނގިރޭސި ބަހުން ގެނެސްދޭ ވެބްސައިޓަކުން މިއަދު ތުހުމަތު ކޮށްފައިވާ ގޮތުގައި ރައީސް މުޙައްމަދު ނަޝީދު މެދުވެރިވެގެން، ރާޖަޕަކްސަ އާއިލާގެ ހިމާޔަތަށް ސޮނޭވާއިން ވިލާއެއް ގަތުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެ ވިލާ ވިއްކުމަށް ސޮނޭވާގެ ވެރިޔާ ސޯނޫ ޝިވްދާސާ އެއްބަސްވެފައިވާ ކަމަށް ވެސް އެ ވެބްސައިޓުގައި ތުހުމަތު ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ސޮނޭވާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާޖަޕަކްސައަށް އެ ރިސޯޓުން އެއްވެސް ތަނެއް ވިއްކުމަށް ނިންމާފައި ނުވާ ކަމަށެވެ.

"ސޮނޭވާގެ ސީއީއޯ ސޯނޫއާ ރާޖަޕަކްސައާ ބައްދަލުވެފައެއް ނުވޭ. ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ރާޖަޕަކްސައާ މުއާމަލާތްކޮށްފައެއް ނުވޭ،" ބަޔާނުގައިވެއެވެ.

އެފަދަ ދޮގު ވާހަކަތައް ފަތުރާތީ އެ ރިސޯޓުން ހިތާމަ ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަމިއްލަފުޅަށް އެދިގެން، ލަންކާއަށް ބޭރު ފައިސާ ހޯދުމަށް އެހީތެރިވުމުގެ މަސައްކަތް ނަޝީދު ވަނީ ފައްޓަވައިފައެވެ. ދާދި ފަހުން ލަންކާއަށް ވަޑައިގެން އެ ގައުމުގެ ސިޔާސީ އިސް ބޭފުޅުންނާ ވެސް ނަޝީދު ވަނީ ބައްދަލުކުރައްވައިފައެވެ.

މާލީ ދަތިތަކުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކާއެކު އިސްތިއުފާ ދެއްވާފައިވާ ރާޖަޕަކްސަ މިހާރު އުޅުއްވަނީ ސިފައިންގެ ހިމާޔަތުގައެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ވަނީ ރާޖަޕަކްސަގެ ގެތަކެއްގައި ވެސް އަލިފާން ޖަހައިފައެވެ.

comment ކޮމެންޓް