އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ރާއްޖެއަށް ފުށް ލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން މިއަދު ބުނެފިއެވެ.
ޔޫކްރެއިންގެ ހަނގުރާމައާއި ހޫނު ގަދަވުމުގެ ސަބަބުން ދިމާވި ކަންކަމާހުރެ ގޮދަންފުށް އުފެއްދޭ މިންވަރު ދަށްވުމުން އިންޑިއާއިން ވަނީ އެ ގައުމުން ފުށް އެކްސްޕޯޓް ކުރުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.
އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ހުކުރު ދުވަހު ނެރުނު ނޯޓިސްއެއްގައި ބުނީ ގޮދަން ފުށުގެ އާ ޝިޕްމަންޓްތައް ވަގުތުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިވުމަށް ހާލުގައި ޖެހިފައިވާ ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ރާއްޖެއަށް ކާޑުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ އެސްޓީއޯގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވިގޮތުގައި ގޮދަން ފުށުގެ ރަނގަޅު ރިޒާވެއް މިވަގުތު ވެސް އެބަހުއްޓެވެ. އޭގެ އިތުރުން އިންޑިއާއިން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ގޮދަން ފުށް އެތެރެ ކުރަނީ ހަމައެކަނި އިންޑިއާއިން ނޫން ކަމަށާއި ތުރުކީން ވެސް އެތެރެ ކުރާތީ ރާއްޖެ ފުށަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި ގޮދަން ފުށުގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، ބައެއް ސްޕޮޓް މާކެޓްތަކުގައި ޓަނަކަށް 25،000 ރުޕީސް (320 ޑޮލަރު)އަށް އަރާފައިވެއެވެ.
އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ގޮދަން ފުށް އުފައްދާ ގައުމެވެ. އެންމެ ގިނައިން ގޮދަން ފުށް އުފައްދަނީ ޗައިނާއިންނެވެ. ތިން ވަނައަށް ރަޝިއާއިން އުފައްދާއިރު ހަތަރު ވަނައަށް އެންމެ ގިނައިން ގޮދަން ފުށް އުފައްދަނީ އެމެރިކާއިންނެވެ.