އެމްއައިބީއާއި ސޮނެވާ ނަމޫނާ ގުޅިގެން ފައިނުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއައިބީއާއި ސޮނެވާ ނަމޫނާ ގުޅިގެން ފައިނުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ތެރެއިން -- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސޮނެވާ ނަމޫނާ އަދި ރ. ފައިނު ކައުންސިލް ގުޅިގެން އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކުރުމަށް ހިންގި ޚާއްސަ މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން ފައިނުގައި ވެސް "ނަމޫނާ ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ މޮޑެލް" ކުރިއަށް ގެންދިއުމަށް އެ ރަށުން ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އަދި އެއީ އެމްއައިބީގެ މާލީ އެހީތެރިކަމާއި ސޮނެވާ ނަމޫނާގެ ފަންނީ ތަޖުރިބާއާއެކު ރަށުގެ މުޖުތަމައު ބައިވެރިކޮށްގެން ކުނި މެނޭޖްކުރާނެ ވަރުގަދަ ބިންގަލެއް އެޅުމަށް ހިންގި ޕްރޮގްރާމެކެވެ.

އެމްއައިބީއާއި ސޮނެވާ ނަމޫނާ ގުޅިގެން ފައިނުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ތެރެއިން -- ފޮޓޯ/ އެމްއައިބީ

މި ޕްރޮގްރާމްގެ ދަށުން ހަތް ދުވަހުގެ ކުނީގެ އޮޑިޓެއް ހެދުމާއި، "ނަމޫނާ ޗޭންޖް މޭކާ" ވޯކްޝޮޕް ބޭއްވުމުގެ އިތުރުން ފައިނަށް ޚާއްސަ ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވާލައި، ކުނި މެނޭޖްކުރާ މުވައްޒަފުންނާއި ރައްޔިތުން ހިމެނޭހެން 50 އަށްވުރެ ގިނަ މީހުން ވަނީ ތަމްރީނުކޮށްފައެވެ.

މީގެ އިތުރުން "ކާދުގެ ސަތޭކަ" ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުން އުފެދޭ ކާބޯތަކެތީގެ ކުނި މަދުކުރުމަށްޓަކައި އެ ރަށުގެ 25 ގެއަކަށް ގޭގައި ކޮމްޕޯސްޓް ކުރާނެ ކިޓުތައް ވަނީ ހަދިޔާކޮށްފައެވެ.

އެމްއައިބީއާއި ސޮނެވާ ނަމޫނާ ގުޅިގެން ފައިނުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ ތެރެއިން -- ފޮޓޯ/ އެމްއައިބީ

މި މަޝްރޫއުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ފައިނުގެ ކުނި މެނޭޖްކުރާ ޕްލޭނަށް ބަދަލުތަކެއް ގެނެސް ސޮނެވާ ނަމޫނާގެ މޮޑެލް ހިމެނުމާއި، 2026 ވަނަ އަހަރުގެ ނިޔަލަށް އެ ރަށުގައި ޕްލާސްޓިކް އެންދުން އެއްކޮށް ހުއްޓާލުމެވެ. އަދި 2030 ގެ ނިޔަލަށް ރަށުގައި ހާމަކަން ބޮޑު ގޮތެއްގައި ކުނި އެންދުން މުޅިން ހުއްޓާލުމަށް ވައުދުވުމެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައި ވާއިރު، މި ނިޒާމުގެ ސަބަބުން ރަށުގެ މުޖުތަމައަށް ދިގުމުއްދަތަކަށް ކުރާނެ ފައިދާތައް ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ފޮލޯ-އަޕް އެސެސްމެންޓްތައް ހަދަމުންނެވެ.

comment ކޮމެންޓް