މިދިޔަ މަހު މީރާއިން 2.92 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފި

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު --

މިދިޔަ ޖޫން މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖުމުލަ 2.92 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފިއެވެ.

މީރާއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ޖެނުއަރީން މާރިޗު މަހުގެ ނިޔަލަށް) ދައުލަތަށް 11.70 ބިލިއަން ރުފިޔާ ބަލައިގަނެ، ރެކޯޑު އާމްދަނީއެއް ވަނީ ހޯދައިފަވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22.4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މީރާއިން އެ ކުއާޓަރަށް ލަފާކުރި އާމްދަނީއަށްވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި، ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 11.6 އިންސައްތަ އިތުރުވުމެވެ.

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން 80 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެއީ ޖުމްލަ 9.37 ބިލިއަން ރުފިޔާއެވެ. ބާކީ ހުރި 2.34 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ބަލައިގަތް ފައިސާއެވެ.

މީގެ އިތުރުން ލިބުނު ޖުމްލަ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެމެރިކާ ޑޮލަރެވެ. އެގޮތުން އާމްދަނީގެ 71 އިންސައްތަ ނުވަތަ 540.29 މިލިއަން ޑޮލަރު ބަލައިގަނެފައި ވަނީ ބޭރު ފައިސާއިންނެވެ.

އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކޮށްފައި ވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)އެވެ. ޖީއެސްޓީގެ ގޮތުގައި 5.66 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 48.3 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. އެއީ 2.34 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 734.53 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ވަކިވަކި މަސްތަކަށް ބަލާއިރު، މާރިޗު މަހަކީ އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަހެވެ. އެ މަހު އެކަނިވެސް 4.03 ބިލިއަން ރުފިޔާ ލިބުނެވެ. މީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ (59.6 އިންސައްތަ) އަދި ރިސޯޓުތަކުގެ ބިމުގެ ކުލީގެ ގޮތުގައި 440 މިލިއަން ރުފިޔާ (10.9 އިންސައްތަ) ލިބުނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 248 މިލިއަން ރުފިޔާ މާރިޗު މަހު ލިބިފައިވެއެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ---- ފޮޓޯ/ އެމްއޭސީއެލް

ފެބްރުއަރީ މަހު މީރާއަށް ލިބުނީ 2.80 ބިލިއަން ރުފިޔާއެވެ. އެއީ ޖެނުއަރީ މަހަށް ލަފާކުރި ވަރަށްވުރެ 11.6 އިންސައްތަ ދަށް އަދަދެކެވެ. ފެބްރުއަރީ މަހުގެ އާމްދަނީ ދަށްވީ ރިސޯޓު ކުއްޔާއި އެއާޕޯޓް ފީތައް ދެއްކުން ލަސްވުމާއި، ޓެކްސް ސުންގަޑިތައް ބަންދު ދުވަސްތަކާ ދިމާވުމުންނެވެ. އޭޕްރީލް މަހު ލިބުނީ 2.63 ބިލިއަން ރުފިޔާއެވެ. މިއީ ލަފާކުރި ވަރަށްވުރެ 16.6 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި ދައުލަތަށް ނުލިބި ހުރި ބާކީ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ފިޔަވަޅު އަޅައިގެން 2.09 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި އޭޕްރީލް މަހު ލިބުނު އާމްދަނީގެ 32.6 އިންސައްތައަކީ ކުރީގެ މުއްދަތުތަކަށް ދައްކަންޖެހޭ ބާކީ ފައިސާއެވެ.

ނަމަވެސް، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު އަދިވެސް ހުރީ 14.47 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން 5.97 ބިލިއަން ރުފިޔާއަކީ ރިސޯޓުތަކުގެ ބިމުގެ ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާއެވެ. ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓް ފްރީޒްކުރުމާއި، ގާނޫނީ ފިޔަވަޅު އެޅުން ފަދަ ކަންކަން މީރާގެ "ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން" ގެ ދަށުން މިހާރު ދަނީ ވަރުގަދަކުރަމުންނެވެ.

comment ކޮމެންޓް