ބަލިވުމާއެކު އިންތި ޓީމް "ގެއްލިއްޖެ"

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް މުޙައްމަދު ނަޝީދުގެ ފަޅިން ވާދަ ކުރެއްވި އިމްތިޔާޒް-- ސަން ފޮޓޯ

އިއްޔެ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދުގެ ފަޅިން ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ބަލިވުމާއެކު އެ ޓީމް "ގެއްލިއްޖެ"އެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހޯދީ ޖުމްލަ ވޯޓުގެ 58 އިންސައްތަ ކާމިޔާބުކޮށްގެންނެވެ. އޭނާއާ ވާދަކުރެއްވި އިމްތިޔާޒް ފަހުމީއަށް ލިބުނީ ޖުމްލަ ވޯޓުގެ 42 އިންސައްތައެވެ.

https://sun.mv/164863

ނަތީޖާއާމެދު ދެކޭގޮތެއް ބެލުމަށް އިމްތިޔާޒްގެ އިތުރުން އޭނާގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދަށް ގުޅައި މެސެޖް ކޮށްގެން ވެސް އެއްވެސް ޖަވާބެއް ނުދެއްވައެވެ. ނަތީޖާ އިއުލާން ކުރި ފަހުން އެއިން ބޭފުޅަކު ޓްވީޓެއްވެސް ކޮށްފައެއް ނުވެއެވެ.

ވަހީދުގެ އެންމެ ފަހުގެ ޓްވީޓްތަކަށް ބަލާއިރު މުޅިންހެން ހުރީ އިންތިހާބާ ގުޅޭ ޝަކުވާތަކެވެ. އެގޮތުން ވޯޓްގެ ސައްހަކަމާމެދު ސުވާލު އުފައްދާފައިވާ ގިނަ ޓްވީޓްތަކެއް އިއްޔެ އޭނާ ކުރެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދާއެކު އިންތިހާބު ކާމިޔާބު ކުރެއްވި، ފައްޔާޒުގެ ޓީމުން ގެންދަނީ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. ފައްޔާޒު ވިދާޅުވާގޮތުގައި މިކާމިޔާބީން އެނގިގެން ދިޔައީ ރައީސަށް އޮތް ތާއީދެވެ. އަދި 2023 ކާމިޔާބު ކުރަން އެ ޕާޓީ ސަރުކާރާއެކު އޮންނަން މެމްބަރުން ބޭނުންވާކަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން ނަޝީދަށް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ނަޝީދާ ދެކޮޅު އެންމެން ޖެހުނީ ޕާޓީއާ ދުރަށް ދާށެވެ.

comment ކޮމެންޓް