މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވަން ނަގާ ވޯޓުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން އެ ޕާޓީއަށް ވަންނަމުން ދަނިކޮށް، ޕާޓީގެ 'ވަގުތީ ވެރިން' އެ ކަމަށް ހުރަސް އަޅާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ތުހުމަތުކުރައްވައިފައެވެ.
އެމްޑީޕީން އިއްޔެ ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށް ބުނެ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޕާޓީން ވަނީ އިންތިޚާބުގައި ވޯޓުލެވޭނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބުނެފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، މެއި 23، 2022 ގައި އެ މަގާމާ ހަވާލުވި ފައްޔާޒް, މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ފައްޔާޒުގެ ތާއިދާ އެކު ވަގުތީ ގޮތުން އެ މަގާމު ހަވާލުކުރީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)އާއެވެ.
ގަޕޯ ވަގުތީ ޗެއާޕާސަން ކަމަށް އައްޔަންކުރަން ހުށަހެޅީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ފެކްޝަނުންނެވެ. ދާދި ފަހުން، ޞާލިޙާއި ނަޝީދުގެ ވާދަވެރިކަން އަނެއްކާ ވެސް ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ބޮޑުވެ، ޣަފޫރު ވަކިކުރަން މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް، ގައުމީ މަޖިލީހުގައި ނަޝީދު ހިމަނައި، ޕާޓީ ހިންގުމުގައި ވެސް ބައިވެރިވާން ކުރި މަޝްވަރާތަކާ އެކު އެ މައްސަލަ އަނބުރާ ގެންދިޔައީއެވެ.
އެއަށް ފަހު، ނަޝީދާއި ފައްޔާޒު މިދިޔަ އާދިއްތަ ދުވަހު ވަނީ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ގެންނަން ބޭނުންފުޅުވާ ބަދަލުތަކެއް ހާމަކުރައްވައިފައެވެ. އަދި، ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވައި، ފައްޔާޒު ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވިއެވެ.
ނަޝީދު އެގޮތަށް އިއުލާންކުރެއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ޗެއާޕާސަން ކަމަށް ވާދަކުރައްވަން އިއުލާންކުރައްވާފައި ވަނިކޮށެވެ. އަދި، ޞާލީޙް ފެކްޝަންގައި ހިމެނޭ މެންބަރުން، މީކާއީލަށް ތާއިދުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ނަޝީދު ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވަން ފެއްޓެވުމާ އެކު، އެ މަނިކުފާނަށް ތާއިދުކުރާ މީހުން އެމްޑީޕީއަށް ވަނުމަށް ވެސް ކެމްޕޭންތައް ވަނީ ފަށައިފައެވެ. ނަޝީދުގެ ފަރާތުން މިއަދު ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއެއްގައި އެ މަނިކުފާނު ވަނީ، އިއްޔެ ޕާޓީއާ ވަރަށް ގިނަ މީހުން ގުޅިފައިވާ ކަމަށް ވިދާޅުވެ، އެކަމާ ވަރަށް އުފާވާ ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ ތެރޭގައި ބާއްވާ ވާދަވެރި އިންތިޚާބުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޕާޓީއަށް މެންބަރުން އިތުރުކުރުން ކަމަށެވެ. ނަމަވެސް، އެ އިންތިޚާބުގައި ވޯޓުލެވޭނެ މީހުން ކަނޑައަޅާއިރު، އަލަށް ގުޅެން ބޭނުންވާ މީހުންނަށް ދޭ ވަގުތު ކުރުކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަަމަށް ނަޝީދު ވިދާޅުވިއެވެ.
ދެން ވަރަށް ހިތާމަވެރި ދެރަކަމެއް އެއީ ޕާޓީގެ ވަގުތީ ބެލެނިވެރިން، އިތުރު މީހުން ޕާޓީއަށް ވަނުމަށް ހުރަސްއެޅުމުގެ ނިޔަތުގައި މި ވަގުތު ކުޑަކޮށްލިކަން. އެހެންނަމަވެސް ތި ބޭފުޅުން މާ ހުޝިޔާރު، އެހެން މީހަކު ޖަހާ ދަންތުރައެއްގައި ނުބެދޭނެ. ވަރަށް ގިނަ އަދަދެއްގެ، 10،000އަށް ވުރެ ގިނަ މެންބަރުން މިވަނީ އަލަށް ގުޅިފައި، އެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުހަބާ،
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވަނީ ހުރިހާ އާ މެންބަރުންނާ އެކީގައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅޭ ގޮތުން ފައްޔާޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންގާރަ ދުވަހު އެ ޕާޓީގައި ތިބީ 44،000 މީހުން ކަމަށާއި ނަމަވެސް އިއްޔެ އެ އަދަދު 50،000އަށް އަރާފައިވާ ކަމަށެވެ.
"އަދި ވިސްނުންތެރިކަމާ އެކު ފުރުސަތު ދީގެން މިކަން ކުރިނަމަ ޕާޓީގެ މެންބަޝިޕް 60،000 އަށް އެރުވޭނެ ފުރުސަތު މި ގެއްލުނީ،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގައި ޗެއާޕާސަން ކަމަށާއި ރިޔާސީ ޓިކެޓަށް ވެސް ވަނީ ވާދަވެރިކަން އިތުރުވެފައެވެ. އެގޮތުން، ޞާލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އެމްޑީޕީ ތެރޭގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ވެސް، ޞާލީޙާއި ނަޝީދާ ދެމެދު ދެބަސްވުން އުފެދި ޕާޓީ ދެބައިވިއެވެ. އޭރު ނަޝީދު ޕާޓީ ދޫކުރައްވައި އައު ޕާޓީއެއް ވެސް އުފެއްދެވިއެވެ. އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވައިޑައިގަތީ މިދިޔަ ޖޫން މަހެވެ.