އިމްރާންޚާންއާ ދެކޮޅަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ހުކުމްކުރި ނަމަވެސް ހަނި ފުރުސަތެއް އަދިވެސް އޭނާއަށް އެބައޮތް

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާންޚާން

ކޮލަންބޯ (އެޕްރީލް 7): ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާންގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ޕާލަމެންޓްގައި ވޯޓެއް ނަގަން ތައްޔާރުވެފައިވަނިކޮށް ޕާލަމެންޓް އުވާލީ ގާނޫނުތަކާ ޚިލާފަށް ކަމަށް އެގައުމުގެ ސްޕްރީމް ކޯޓުން ހުކުމްކުރުމުން އިމްރާންޚާނަށް ސިޔާސީ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވެއްޖެއެވެ. ނަަމަވެސް އަދިވެސް އެއްފުރުސަތު އެބައޮތެވެ. އެއީ ޕާލަމެންޓްގައި ހިމެނޭ އިމްރާންޚާން އަށް ވަފާތެރި ހުރިހާ މެންބަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމެވެ.

ޕާލަމެންޓް އުވާލި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ޕާކިސްތާނުގެ މައި އިދިކޮޅު ޕާޓީކަމަށްވާ މުސްލިމް ލީގް ނަވާޒް ޕާޓީންނެވެ. އެޕާޓީގެ ބޭނުމަކީ އިމްރާންޚާންގެ މައްޗަށް ޕާލަމަންޓްގައި ނެގުމަށް ހުށަހަޅާފައިވާ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓު ކާމިޔާބުކޮށް (އިމްރާންޚާންގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްކޮށް) އެއަށްފަހު އެޕާޓީގެ ދެވަނަ ވެރިޔާ އަދި އިދިކޮޅު ލީޑަރު ޝަހުބާޒް ޝަރީފަށް ބޮޑުވަޒީރުކަން ހޯދައި ދިނުމެވެ.

މިކަން ކުރުމަށްޓަކައި އިދިކޮޅު މައި ދެޕާޓީ ގުޅިގެންވަނީ އިމްރާން ޚާންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގޭވަރަށް ޕާލަމެންޓްގެ މެންބަރުންގެ ތާއީދު ހޯދާފައެވެ. ތާއީދު ހޯދީ އިމްރާން ޚާންގެ ޕާޓީ ކަމަށްވާ ތަހްރީކޭ އިންސާފު ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ކުދި ޕާޓީތަކާ ވާހަކަދައްކައިގެން އެޕާޓީތަކުގެ ޕާލަމެންޓް މެންބަރުން ކޯލިޝަނުން ވަކިކޮށް އިދިކޮޅާ ގުޅުވައިގެންނެވެ. މީގެ އިތުރުން ޚުދު އިމްރާންޚާންގެ ޕާޓީގެ ދެތިން މެންބަރަކުވެސްވަނީ އިދިކޮޅާ ގުޅިފައެވެ.

މި ވޯޓުން ސަލާމަތް ވުމަށްޓަކައި އިމްރާން ޚާން ޕާކިސްތާނުގެ ރައީސްގެ ކިބައިން އެދިވަޑައިގަތީ ޕާލަމެންޓް އުވާލުމަށެވެ. މިއާއެކު މި އެޕްރީލް މަހުގެ ތިން ވަނަ ދުވަހު ޕާކިސްތާނުގެ ރައީސް އާރިފު އަލްވީ ވަނީ ޕާލަމެންޓް އުވާލައްވާފައެވެ. ނަމަވެސް އިދިކޮޅުން މިމައްސަލަ ސްޕްރީމް ކޯޓަށް ވެއްދުމުން ރޭގެ ވަގުތެއްގައި ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ނިންމާފައިވަނީ ޕާލަމެންޓް އުވާލީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.

ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު

މީގެއިތުރުން މާދަމާ 10:30ގެ ކުރިން، އިމްރާން ޚާންގެ މައްޗަށް ޕާލަމެންޓްގައި އިތުބާރުގެ ވޯޓު ނެގުމަށްވެސް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވެއެވެ. ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އުމަރު ޢަތޯ ބަންދިއާލް އިސްކޮށް ހުންނެވި ބެންޗުން މިގޮތަށް ނިންމައި އަމުރު ނެރުއްވާފައިވަނީ އެބެންޗްގައި ހިމެނޭ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މަގާމު ދިފާއު ކުރެއްވޭ ވަރުގެ ވޯޓު ޕާލަމެންޓްގެ ތެރެއިން ނުލިބޭނެކަން އިމްރާން ޚާނަށް ކަށަވަރުވާއިރު އިމްރާން ޚާންގެ ކުރިމަތީގައި އޮތީ އެންމެ ގޮތެކެވެ. އެއީ އޭނާއާއި އޭނާއަށް ވަފާތެރި ޕާލަމެންޓްގެ މެންބަރުން އެއްކޮށް އެއް ވަގުތަކު މެންބަރުކަމުން އިސްތިއުފާ ދެއްވުމެވެ.

ޕާކިސްތާނުގެ ޕާލަމެންޓްގައި 342 މެންބަރުން ހިމެނޭއިރު އޭގެތެރެއިން އިމްރާން ޚާނަށް ވަފާތެރި 132 މެންބަރުން އެބަތިއްބެވެ. އެހުރިހާ ބޭފުޅުން އެއްވަގުތަކު އިސްތިއުފާ ދެއްވައިފިނަމަ ވަކިވަކިން އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބައިއިލެކްޝަންތައް ބާއްވައިގެން އަލުން އެގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަކީ އަމަލީގޮތުން ކުރެވޭނެ ކަމެއްނޫނެވެ.

އެހެންކަމުން މިފަދަ ހާލަތެއް މެދުވެރިވުމަކީ ގާނޫނީ ގޮތުންވެސް ޕާލަމެންޓް އުވާލަން މަޖްބޫރު ސަބަބަކަށްވެގެންދާނެއެވެ. އެއީ 132 މެންބަރުންނަކީ ޕާލަމެންޓްގެ ހަތަރު ބައިކުޅަ އެއްބައަށްވުރެ ގިނަ އަދަދަކަށްވާއިރު އެއަދަށްވުރެ މަދުން މެންބަރުން ތިބެގެން ޕާލަމެންޓް ކުރިޔަށް ގެންދިޔުން ގާނޫނު ތަންނުދޭތީއެވެ.

މިހާލަތުގައި ޕާލަމެންޓް އުވާލަންޖެހޭނެތީ އިދިކޮޅު ލީޑަރު ޝަހުބާޒް ޝަރީފަށް ބޮޑުވަޒީރުކަމުގައި ދެމިހުންނެވުމުގެ ފުރުސަތު ނުލިބި އަލުން އާންމު އިންތިޚާބަކަށް ދިޔުމުގެ ފުރުސަތު އިމްރާން ޚާނަށް ލިބިވަޑައިގަންނަވާނެއެވެ. އަލުން އާންމު އިންތިޚާބަކަށް ގޮސްފިނަމަ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އިދިކޮޅު ދެޕާޓީއަށްވުރެ އިމްރާން ޚާންގެ ޕާޓީއަށް ބޮޑުކަމަށް ޕާކިސްތާނުގެ ސިޔާސީ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.

އިމްރާން ޚާން މަގާމުން ދުރުކުރުމުގެ ފަހަތުގައި ފަރުދާގެ އަނެއް ފަރާތުގައި އޮތީ އެމެރިކާކަމަށް އިމްރާން ޚާން ވަނީ ތުހުމަތު ކުރައްވާފައެވެ. އިމްރާން ޚާންގެ ބޮޑުވަޒީރު ކަމުގައި ޕާކިސްތާން އެމެެރިކާއަށް ބޯނުލަނބާ މުސްތަގިއްލު ސިޔާސަތެއް ގެންގުޅުއްވާ މައްސަލާގައި އެމެރިކާގެ ފާޑުކިޔުންތައް ވަނީ އިމްރާން ޚާނަށް އަމާޒުވެފައެވެ.

comment ކޮމެންޓް