ވެރިކަން ވެއްޓުނުއިރު އިމްރާންޚާން ގެންދެވީ ޓެކްނޮލޮޖީގައި އިސްލާމީ ބޮޑު ބާރެއް އުފައްދަން މަސައްކަތް ކުރައްވަމުން

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އިމްރާންޚާން

ޕާކިސްތާނުގެ ޕާލަމެންޓާއި އިންތިޚާބީ ސަރުކާރު އިއްޔެވަނީ އުވާލާފައެވެ. ޕާލަމެންޓް އުވާލީ މިކަމުގައި ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރު އެއްގަލަކަށް އަރުއްވައިގެންނެވެ.

މިއީ ޕާކިސްތާނުގެ އިދިކޮޅުން ވަރަށް ނުރުހުންވި ކަމެކެވެ. ހިތްހަމަނުޖެހުނު ކަމެކެވެ. އިދިކޮޅު އުޅުނީ އިތުބާރުނެތްކަމުގެ ވޯޓަކުން އިމްރާންޚާންގެ ވެރިކަން ވައްޓާލާށެވެ. އޭރުން ކޯލިޝަނެއް ހަދައިގެން އަވަސްގޮތަކަށް ވެރިކަމަށް އައުމުގެ ފުރުސަތު އިދިކޮޅު ދެ ޕާޓީގެ ތެރެއިން ކޮންމެވެސް އެއްޕާޓީއަކަށް ފަހިވެގެންދާނެތީއެވެ.

ނަމަވެސް ކަންތައް ވީ މިހެނެއްނޫނެވެ. އިމްރާންޚާންއާއި އާރިފް ޢަލްވީ އެއްގަލަކަށް އަރުއްވައި ޕާލަމެންޓް އުވާލައްވައި އާންމު އިންތިޚާބަކަށް މަގުފަހި ކުރުވީއެވެ. އިތުބާރުގެ ވޯޓު ނަގައިގެން ހާސިލްކުރަން ބޭނުންވި އެންމެ ބޮޑު ލަނޑުދަނޑި ޕާކިސްތާނުގެ އިދިކޮޅަށް ގެއްލުނީއެވެ.

ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް

އިންތިޚާބެއް ބާއްވައިގެން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމަކީ ޕާކިސްތާނުގެ އިދިކޮޅު ދެ ޕާޓީ ކަމަށްވާ މުސްލިމް ލީގް ނަވާޒް އަށްވެސް އަދި ޕީޕީޕީ އަށްވެސް ފަސޭހަ ކަމެއްނޫނެވެ. ކޮރަޕްޝަން ބޮޑު އެ ދެ ޕާޓީއަށް ޕާކިސްތާނުގެ އާންމުންގެ ގިނަ ބައެއްގެ އިތުބާރުވަނީ ގެއްލިފައެވެ. އެ ދެ ޕާޓީއަށްވުރެ މިފުރުސަތު ބޮޑީ މިހާރުގެ ބޮޑުވަޒީރު އިމްރާންޚާންގެ ތަހްރީކޭ އިންސާފު ޕާޓީއަށްކަން އެ ދެ ޕާޓީއަށް ވެސް ވިސްނެއެވެ. ނަމަވެސް އިމްރާންޚާންގެ ޕާޓީއަށް ވެސް މިކަމުގައި ޔަގީންކަމެއް ނެތެވެ.

އަލުން އާންމު އިންތިޚާބެއް ބާއްވައިގެން ސަރުކާރެއް އެކުލަވާލެވެންދެން ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވާނީ އުވާލި ސަރުކާރުގައި ވެސް ބޮޑުވަޒީރުކަމުގައި ހުންނެވި އިމްރާންޚާން ކަމަށް ޕާކިސްތާނުގެ ރައީސް އާރިފް ޢަލްވީ މިއަދުވަނީ ހަމަޖައްސަވާފައެވެ.

ޢަލްވީ ސޮއިކުރައްވައި ޕާކިސްތާނުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގައި އަލުން އާންމު އިންތިޚާބެއް ބާއްވައިގެން ސަރުކާރެއް އެކުލަވާލެވެންދެން ވަގުތީ ބޮޑުވަޒީރެއްގެ ގޮތުން ބޮޑުވަޒީރުކަމުގެ މަގާމުގައި ދެމިހުންނަވާނީ އިމްރާންޚާން ކަމުގައެވެ.

2007 ވަނަ އަހަރު ބޮމުގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ (ޒުލްފިގާރު އަލީ ބުއްޓޫގެ ދަރިކަނބަލުން)

ޕާކިސްތާނުގެ ގާނޫނު އަސާސީ 224 ވަނަ މާއްދާގެ 1 ވަނަ ނުކުތާ ބުނާގޮތުން ޕާލަމެންޓް އުވާލައިފި ހާލަތެއްގައި އުވާލި ސަރުކާރުގެ ބޮޑުވަޒީރަށް 15 ދުވަހުގެ މުއްދަތުގައި އޮޓަމެޓިކުން ބޮޑުވަޒީރުކަމުގައި ދެމިހުންނެވޭނެއެވެ. އެ މުއްދަތުގައި ޕާކިސްތާނުގެ ދައުލަތުގެ ރައީސް ޖެހިވަޑައިގަންނަވާނީ ވަގުތީ ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަން ކުރައްވާށެވެ.

މިއަދު ޕާކިސްތާނުގެ ރައީސް މިވަނީ މިކަން ކުރައްވާފައެވެ. އިމްރާންޚާންގެ އެދިވަޑައިގަތުމަކަށް ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ އެގައުމުގެ ޕާލަމެންޓް އުވާލެއްވީ އިއްޔެއެވެ. ޕާލަމެންޓް އުވާލުމާއެކު އިމްރާންޚާން ގެ ސަރުކާރު ވެސް ވަނީ އުވާލާފައެވެ. އެއީ ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އުފައްދަނީ ޕާލަމެންޓްގެ ތެރެއިން ކަަމަށްވެފައި ސަރުކާރަކަށް ދެމި އޮވެވޭނީ ޕާލަމެންޓް އޮވެގެން ކަމަށްވާތީއެވެ.

ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް މުހައްމަދު ޒިޔާއުލްހައްގު

ޕާލަމެންޓް އުވާލުމަށް އިމްރާންޚާން އެދިވަޑައިގެންނެވީ އޭނާގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ޕާލަމެންޓްގައި މިއަދު ނެގުމަށް ހަމަޖެހިފައިވާ ވޯޓު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވެ ވަޑައިގަތުމުންނެވެ. އިތުބާރުގެ ވޯޓުނަގަން އިދިކޮޅުން އުޅުނީ އިމްރާންޚާންގެ ވެރިކަމުގައި ޕާކިސްތާނުގައި އިންފްލޭޝަން މަތިވުމާއި އިގްތިސާދު އަޑިއަޅާލުން ފަދަ ކަންކަން ހުރެގެންކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކޮވިޑްގެ ވަބާއާއެކުވެސް އިމްރާންޚާންގެ ސަރުކާރުވަނީ ޕާކިސްތާނުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. ކޮރަޕްޝަނާ ދެކޮޅަށް ކާމިޔާބު ކަމާއެކު ތެދުވެފައެވެ.

އިމްރާންޚާން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން ނެގުމަށް ހަމަޖެއްސި ވޯޓުގެ ފަހަތުގައިވަނީ ބޭރުގެ ނުފޫޒުތަކެވެ. ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ޕާކިސްތާނުގެ ސިޔާސަތު ބަދަލުކުރުމަށް ބޭރުގެ ފަރާތްތަކުން ކުރާ މަސައްކަތްތެކެވެ. އެންމެ ފަހު ވަގުތު އިމްރާންޚާން ވަނީ ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ބޭރުގެ މައިބާރަކީ އެމެރިކާ ކަމަށް ވެސް ސީދާގޮތެއްގައި ވިދާޅުވެފައެވެ.

އެމެރިކާ، އިމްރާންކާން ގެ ސަރުކާރު ދެކެ ރުޅިއަންނަ ސަބަބުތަކުގެ ތެރޭގައި އޭނާގެ ސަރުކާރުން ޗައިނާއާ އަދި ރަޝިއާއާ ގުޅުންތައް ބަދަހިކުރަމުން ގެންދިޔުމުގެ އިތުރުން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ފާރަލުމަށް އެމެރިކާ ހިންގާ ކަންތައްތަކަށް އެއްބާރުލުން ދިނުމަށް ދެކޮޅުހަދާ މައްސަލަ ހިމެނެއެވެ.

މީގެ ތެރޭގައި ތާލިބާނުންނަށް ފާރަލުމަށްޓަކައި ޕާކިސްތާނުގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދިނުމަަށް އިމްރާންޚާން ދެކޮޅު ހެއްދެވުން ހިމެނެއެވެ. އިމްރާންޚާންވަނީ މިކަމަށް ދެކޮޅު ހަދާފައިވާނެކަން މިދިޔަ އަހަރު ހަމަކުރައްވާފައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫ

މީގެ އިތުރުން އެމެރިކާއަށް ބަރޯސާނުވާ މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް އިމްރާންޚާން ގެންގުޅުއްވުމާއި ޗައިނާއާއި ތުރުކީ އަދި އީރާނާ ގުޅިގެން ޕާކިސްތާނުން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި ޗައިނާގެ 60 ބިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓަކާއެކު ޕާކިސްތާން ކުރިޔަށްގެންދާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ މަޝްރޫއަކީވެސް އެމެރިކާ ވަރަށްބޮޑަށް ހިތްހަމަ ނުޖެހޭ ކަންކަމެވެ.

ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަކީ އިމްރާންޚާން ވެރިކަމަށް އައުމުގެ ކުރިން ޕާކިސްތާނުގައި ވެރިކަންކުރި ނަވާޒް ޝަރީފުގެ ސަރުކާރުން ވެސް އަދި ޕީޕީޕީގެ ސަރުކާރުން ވެސް ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. އެ ދެ ޕާޓީގެ ސަރުކާރުތަކަކީ ވެސް ޗައިނާއާ ވަރަށް ބޮޑަށް ގާތް ދެ ސަރުކާރެވެ.

އެމެރިކާ ޕާކިސްތާނާމެދު އަމަލުކުރަނީ ފެނުކެއްކި ބޮލީގެ އުސޫލުން ކަމަށް ބުނެ އެ ދެ ޕާޓީގެ ދެ ސަރުކާރުވެސް ފަހަކަށް އައިސް ވަނީ އެމެރިކާއާ ދުރުވުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. ނަމަވެސް އިމްރާންޚާންގެ ސަރުކާރު ވައްޓާލުމަކީ ސިޔާސީ ގޮތުން މަންފާ ލިބޭނެ ކަމެއް ކަމަށްވާތީ އެކަމުގައި އެމެރިކާގެ ވާގިވެރިކަން ހޯދުމަކީ ދުރުކަމެއްނޫނެވެ.

ބުއްޓޫ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް ގައްޒާފީގެ އަރިހުގައި

އިމްރާންޚާންގެ ވެރިކަމުގައި ޕާކިސްތާން ވަނީ މެލޭޝިއާއާއި އިންޑޮނީޝިއާއާއި ތުރުކީއާއި އީރާން އާ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ފައްޓަވާފައެވެ. މީގެތެރޭގައި ތުރުކީ އާއި އީރާންއާ ގުޅިގެން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި އިސްލާމީ ފައިޓާޖެޓެއް އުފެއްދުމުގެ މަޝްރޫއެއް ފެށުމާއި ރަޝިއާއާ ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރުމާއި އީރާނާއި ރަޝިއާގެ ގޭސް ހޮޅިތައް ޕާކިސްތާނުގެ ތެރެއިން އިންޑިއާއަށާއި ޗައިނާއަށް ގެންދިޔުމުގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

މުސްތަގިިއްލު ބާރުގަދަ ޕާކިސްތާނެއް ބިނާކުރުމުގެ ސިޔާސަތެއް މިފަހަކަށް އައިސް ފެއްޓެވީ އިމްރާންޚާންއެވެ. އޭގެ ކުރިން އެ ސިޔާސަތު ގެންގުޅުއްވީ ޕީޕީޕީގެ ކުރީގެ ޒަައީމް މަރުހޫމް ޒުލްފިގާރު އަލީ ބުއްޓޫއެވެ. ލީބިއާގެ ރަންޒަމާނުގައި (ގައްޒާފީގެ ރަންޒަމާނުގައި) ލީބިޔާގެ މާލީ އެހީގައާއި ސައޫދީގެ މާލީ އެހީގައި ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމް އުފައްދައި އަދި ނިއުކްލިޔާ ބޮން އުފެއްދޭވަރަށް އެ ޕްރޮގްރާމް ތަރައްގީ ކުރެއްވީ މަރުހޫމް ޒުލްފިގާރު އަލީ ބުއްޓޫއެވެ.

ބުއްޓޫއަށް ފަހު ޖެނެރަލް ޒިޔާއުލްހައްގުގެ ވެރިކަމުގައި ޕާކިސްތާން އެމެރިކާއަށް ވަރަށް ބޮޑަށް ދީލާލި ނަމަވެސް ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގައި ގައުމީ ވިސްނުމުގައި ޒިޔާއުލްހައްގު ވެސް ދެމި ހުންނެވިއެވެ. އެމެރިކާއަށް ދީލާލައްވައިގެން ހުންނެވި ނަމަވެސް އެކަމުގައި އެމެރިކާގެ ފިއްތުންތަކާ ޖެނެރަލް ޒިޔާ ކުރިމަތި ލެއްވިއެވެ. އެއަށްފަހު ބޭނަޒީރު ބުއްޓޫއާއި ޖެނެރަލް ޕަރުވޭޒް މުޝައްރަފް އަދި ނަވާޒް ޝަރީފުގެ ސަރުކާރުތަކުން ގެންދިޔައީ އެމެރިކާއަށް ވަރަށް ބޮޑަށް ދީލާލައި އެމެރިކާއަށް ވާގިވެރިވަމުންނެވެ.

ބުއްޓޫ ސައޫދީ ގެ ކުރީގެ ރަސްގެފާނު ކިންގް ފައިސަލް އާއެކު

ޚާއްސަކޮށް ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގާ އެމެރިކާއާ ބައިވެރިވުމުން އެމެރިކާގެ ބޮމުގެ އަމާޒަކަށް ޕާކިސްތާންގެ އާންމުން ވެގެންދިޔައެވެ. ޕާކިސްތާނުގެެ ކުށެއްނެތް އެތައް ހާސް ބަޔަކު އެމެރިކާއިން ޕާކިސްތާނުގެ ވަޒީރުސްތާން ސަރަހައްދަށް ބޮންއަޅަައި މަރާލިއެވެ.

އެމެރިކާގެ މަކަރުވެރިކަމާއި ނުބައިކަމާ އެމެރިކާ ޕާކިސްތާނަށް ދެނީ ފެނުކެއްކި ބޮލީގެ އިއްޒަތްކަން ޕާކިސްތާނަށް ވިސްނުނީ ވަގުތު ފާއިތުވިފަހުންނެވެ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގާ އެމެރިކާގެ މަގްސަދު ހާސިލް ވުމުން ޕާކިސްތާނާ އަޅާނުލައި އެހީއެއް ނުދީ ޕާކިސްތާނުގެ އާންމުންގެ އެތައް ހާސް ބަޔަކު މަރާލައި ހިންގި ޖަރީމާތަކުގެ ރޭވުން އެނގުމުން ނަވާޒް ޝަރީފުވެސް އަދި ޕީޕީޕީ ވެސް އެމެރިކާއާ ދުރުވުމުގެ ސިޔާސަތެއް ގެންގުޅެން ފެށިއެވެ.

ނަވާޒް ޝަރީފުގެ ވެރިކަމުގައި ވެސް އަދި ޕީޕީޕީގެ ވެރިކަމުގައި ވެސް ޕާކިސްތާން ގެންދިޔައީ ޗައިނާއާ ގުޅިގެން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންނެވެ. އިމްރާންޚާން ގެންދަވަނީ އެމެރިކާ ހިންގާ އަތްގަދަ ކުރުމުގެ ހަރަކާތްތަކަށް ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކު ފާޑު ވިދާޅުނުވާ ވަރަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. އަދި އިމްރާން ޚާން ވަނީ ޗައިނާއާ ގުޅިގެން ޕާކިސްތާނުގެ ފަޒާގެ ޕްރޮގްރާމް ދިރުވުމުގެ މަސައްކަތް ވެސް އަލުން ފައްޓަވާފައެވެ.

އިތުބާރުގެ ވޯޓުން ސަލާމަތްވުމަށްޓަކައި ޕާލަމެންޓް އުވާލުމަށް އިމްރާންޚާން ނިންމެވުމާއެކު ޕާކިސްތާންގެ ރައީސް އެކަން ކޮށްދެއްވުމުން ޕާކިސްތާނުގެ އިދިކޮޅު ވަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެއީ އެކަމުގެ ސަބަބުން އާންމު އިންތިޚާބަކަށް ދާންޖެހޭތީއެވެ. އާންމު އިންތިޚާބެއް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ އިދިކޮޅު މައި ދެޕާޓީއަށްވުރެ އިމްރާންޚާންގެ ޕާޓީއަށެވެ.

ޕާކިސްތާނުގެ ބޮޑު ދެ ޕާޓީކަމަށްވާ މުސްލިމް ލީގް ނަވާޒް ޕާޓީއާއި ޕާކިސްތާން ޕީޕަލްސް ޕާޓީއަކީ ކޮރަޕްޝަންގެ ސަބަބުން ޕާކިސްތާނުގެ އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ދެޕާޓީއެވެ. އިމްރާންޚާންގެ ޕާޓީއަކީ ކޮރަޕްޝަންގެ މައްސަލަ ވަރަށް ކުޑަ ޕާޓީއެއްގެ ގޮތުގައި ޕާކިސްތާނުގެ ގިނަ ބަޔަކު ދެކޭ ޕާޓީއެކެވެ.

އެހެންކަމުން ކުރިއަށްވުރެ ބޮޑު ތަފާތަކުން އިމްރާންޚާންގެ ޕާޓީ ހިމެނޭ ކޯލިޝަން އިންތިޚާބު ކާމިޔާބު ކޮށްފާނެކަމުގެ ބިރު އިދިކޮޅު ބޮޑު ދެ ޕާޓީ އިހްސާސް ކުރެއެވެ. ޕާކިސްތާނުގެ ޕާލަމެންޓް އުވާލުމަކީ ގާނޫނު އަސާސީގައި އެގައުމުގެ ރައީސަށް ލިބިދީފައިވާ ބާރެއް ކަމަށްވިޔަސް އެއީ ޣައިރު ގާނޫނީ ނިންމުމެއްކަމަށް ސިފަކޮށް ޕާކިސްތާނުގެ އިދިކޮޅު ވަނީ، އެ މައްސަލަ އެ ގައުމުގެ ސުޕްރީމް ކޯޓަށް ވައްދާފައެވެ. މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ ސްޕްރީމްކޯޓުން އެ މައްސަލަ ބަލަންފަށާނެއެވެ.

comment ކޮމެންޓް