"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ހައްޔަރުކުރި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މުޒާހަރާގެ ތެރެއިން ސައީދު އާއި ޣައްސާން ހައްޔަރު ކުރުމަށްފަހު، މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރީ ބިޑި އަޅުވައިގެންނެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޣައްސާނާއި ސައީދު ވަރަށް އަނިޔާވެރިކޮށް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މެންބަރުން ހައްޔަރު ކުރުމުގެ ކުރީން އެ ދެ މެންބަރުންގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރަށް، ހައްޔަރު ކުރުމަށްފަހު ދެ އަތުގައި ބިޑި އަޅުވާ 24 ގަޑިއިރަށް ވުރެ ގިނައިރު ދޫނިދޫގައި ބަންދު ކުރި ކަމަށް ވެސް މައްސަލައިގައިވެއެވެ.
މީގެ އިތުރުން މެންބަރަކު ބަންދުކޮށްފި ކަމުގެ މަޢުލޫމާތު މަޖިލީހުގެ ރައީސަށް ލިބިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް، މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އެއްކުރަން ވާނެ ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް މައްސަލައިގައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 236 ވަނަ މާއްދާގައި މެންބަރަކު ބަންދު ކުރަން ޖެހިއްޖެ ހިނދެއްގައި ބަންދު ކުރާތާ ގިނަވެގެން އެއް ގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް އަންގަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވެސް މައްސަލައިގައިވެއެވެ.
"ނޭވާ ހޮޅިއަށް" މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ 17 މީހުންނެވެ. އޭގެ ތެރެއިން އަށް މީހުން ދޫކޮށްލުމަށްފަހު ނުވަ މީހަކަށް ވަނީ މުއްދަތު ޖަހާފައެވެ. އިއްޔެ ދޫކޮށްލި މީހުންގެ ތެރޭގައި ޣައްސާނާއި ސައީދު ހިމެނެއެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި ހުކުރު ދުވަހު އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ނުކުރުމަށް ފުލުހުން އަންގާފައިވަނިކޮށެވެ.
މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފެށުމުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ޤާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.