ސީރިއާއިން އައި އަންހެން މީހާއާއި ހަތަރު ދަރިން ބަންދަށް

އިރު އުތުރު ސީރިއާގައި ހުންނަ އަލް ހައުލް ކޭމްޕް: މި ކޭމްޕުގައި ދިވެހީން ވެސް އުޅޭ --

ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެއަށް ގެނައި ދިވެހި އަންހެންމީހާއާއި އޭނާގެ ހަތަރު ދަރިން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މީހުން ރާއްޖެ ގެނައީ މިދިޔަ ހުކުރު ދުވަހެވެ. އެ އާއިލާގައި 33 އަހަރުގެ އަންހެނަކާއި، 18 އަހަރުން ދަށުގެ ހަތަރު ކުދިން ހިމެނެއެވެ.

ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ އަންހެންމީހާ މީގެ ކުރިން އުޅެފައިވަނީ ސީރިޔާގެ އިދްލިބްގައެވެ. ހަނގުރާމަވެރި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.

އެ އާއިލާގެ މެންބަރުން ބަންދުކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމީހުން ބަންދުގައި ތިބީ ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވާ ކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން، ރިސްކް އެސެސްމަންޓް ހަދައި، ޖިނާއީ ދައުވާއެއް އުފުލަން ޖެހޭ ފަރާތެއް ވާނަމަ، އެކަން ފުރިހަމަ ކުރަންޖެހޭނެކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި އާއިލާގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން ރާއްޖެއިން ބޭރުގައި އުފަންވި ދެ ކުދިންގެ ޑީއެންއޭ ކަށަވަރު ކުރުމަށް ފަހު، ރަށްވެހިކަމާ ބެހޭ ކަންކަން ފުރިހަމަ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެ އަންހެން މީހާގެ 15 އަހަރުން ދަށުގެ ހަތަރު ކުދިން ތިބިއިރު އެކުދިންވެސް އޭނާއާ އެކު ބަންދުކުރާ މަރުކަޒެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

އެ މީހުން ތިބީ އިދާރީ ބަންދެއްގައި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި އާއިލާ ރާއްޖެ ގެނެވުނުކަން އިޢުލާނުކުރަމުން ހޯމް މިނިސްޓްރީން ބުނެފައިވަނީ އެއީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާ އާއިލާތައް އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.

ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ކުދިން ރެޖިސްޓްރީ ކުރުމުގެ އުސޫލެއް ހެދީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.

އެ އުސޫލުގައި ވާގޮތުން، އެފަދަ ސަރަހައްދަކަށް އުފަންވެފައިވާ ކުއްޖެއް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނީ, އެ ކުއްޖަކީ ދިވެއްސެއްގެ ދަރިއެއް ކަން ޝަރުއީ ކޯޓުން ނިންމުމުންނެވެ.

ކޯޓުން ގޮތެއް ނިންމާތާ ހަތަރު ދުވަސް ތެރޭގައި އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތް ކުރަން ޖެހެއެވެ. އެކަމުގައި އަމަލުކުރަން ޖެހޭ ގޮތާ އެހެން ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާ ތަފާތެއް ނެތެވެ. ނަމަވެސް ފޯމާއެކު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓް ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް