ދޫނިތައް މަރާލި މައްސަލަ ބަލައި ފިޔަވަޅު އަޅާނަމޭ ބުންޏަސް، އެކަން ވާނެތަ!؟

މަރާލި ދޫނިތަކުގެ ފޮޓޯ --

ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ދިރޭތަކެތި ނައްތާލުމުގެ ގޮތުން މެރުމަކީ އަލަށް ކުރާ ކަމެއް ނޫނެވެ. އެކަމަކު، އެއީ އާންމުންގެ ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކަށް ވެދާނެއެވެ. ނުވަތަ މާ ބޮޑަށް އާންމުން އެކަމަށް ހޭލުންތެރި ނުވަނީއެވެ.

މިކަމަކީ ހިނގާކަމެއްކަން މީހުންނަށް އެނގުނު ނަމަވެސް ކުރިން މާ ބޮޑު މައްސަލައަކަށް ނުވެއެވެ. އެކަމަކު، ދޫނިތައް މަރާލާތަން ދައްކުވައިދޭ ވީޑިއޯތަކާއި މަރާލުމަށްފަހު ނަގައިފައިވާ ދޫނިތަކުގެ ފޮޓޯއެއް ފެނުމުން އާންމުންގެ ރުޅިގަނޑު ކޮންޓްރޯލެއް ނުވިއެވެ.

ފުރަތަމަ ޚަބަރު ފެތުރުނީ އެކި ވައްތަރުގެ 120 ގުރާ މަރާލިކަމަށެވެ. ނަަމަވެސް އިންޖެކްޝަން ޖަހައިގެން ދެ ދުވަސް ކުރިން ފިޝަރީޒް މިނިސްޓްރީން މަރާލި ދޫނިތަކުގެ އަދަދު 500އަށްވުރެ ވެސް މައްޗަށް އަރާކަން ފަހުން ވަނީ ހާމަވެފައެވެ.

އެ ދޫނިތައް މަރާލުމުގެ މައްސަލަ ހޫނުވެ، އެކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ތައްޔާރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު މިހާރު ވަނީ އަންގަަވައިފައެވެ.

ގަވާއިދުގައި ބުނަނީ ނައްތާލެވޭނެ ކަމަށް، އެކަމަކު އަނބުރާ ފޮނުވައި ވެސް ލެވޭނެ!

ކިތަންމެ ވަރަކަށް، އާންމުން ނުރުހުން ފާޅުކުރި ކަމުގައި ވިޔަސް ގަވާއިދު އޮތީ ދޫނިތައް ނައްތާލެވޭ ގޮތަށެވެ. އަދި އެކަން ކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭ ކަމެކެވެ.

ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، އެ ގަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރެވޭ ދޫނި ޕްލާންޓް އެންޑް ކޮރަންޓީން ސާވިސަސްއިން ކޮންފިސްކޭޓްކޮށް ނައްތާލެވޭނެއެވެ.

ގަވައިދާ ޚިލާފަށް ދޫނި އެތެރެކުރާ ފަރާތަކާމެދު އެޅޭނެ ދެ ފިޔަވަޅު ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެ ފިޔަވަޅުތަކަކީ އެ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ރާާއްޖެއަށް ދޫނި އެތެރެކުރުމުގެ ލައިސަންސް އެއް އަހަރު ދުވަހުގެ މުއްދަތަށް ބާތިލު ކުރުމެވެ.

އެ ގަވާއިދުގައި ދޫނިތައް ނައްތާލެވޭނެކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް އެއީ މަރާލަން ޖެހޭ ސަބަބެއް ނޫނެވެ. އެ ގަވާއިދުގައި އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ވެސް ވަނީ ބަޔާން ކޮށްފައެވެ.

އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދޫނި ގައުމަށް އަނބުރާ ފޮނުވާލުމަށާއި ނައްތާލުމަށް ދާ ހުރިހާ ޚަރަދެއްގެ ޒިންމާ އުފުލަންޖެހޭނީ ވެރިފަރާތް ނުވަތަ ދޫނި އެތެރެކުރި ފަރާތުންނެވެ.

ހުޅުމާލޭ މަތީގައި ދޫނިތަކެއް އުދުހެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މައްސަލަައިގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ދޫނިތައް މަރާލީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް، މިކަމުގައި އެ އޮފީހުގެ ބަސް ތަފާތެވެ. އޭޖީ އޮފީހުން ބުނެފައިވަނީ އެ ދޫނިތައް ރާއްޖޭން ބޭރަށް ފޮނުވާލަން ފިޝަރީޒް މިނިސްޓްރީއަށް ލަފާދިން ކަމަށެވެ.

ޖިނާއީ ދައުވާ ކުރެވޭނެ!

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވިގޮތުގައި އެއީ ޖިނާއީ ދައުވާ ކުރެވޭނެ ކުށެކެވެ. އަދި އާންމު ރައްޔިތަކު އެކަން ކުރިނަމަ ދައުވާކޮށް ޖޫރިމަނާ ކުރާނެ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

"އާދައިގެ ދެރަ ނިކަމެތި މީހާ ވެއްޖިއްޔާ ފިޔަވަޅު އަޅާނެ ބަރާބަރަށް. އެކަމަކު ބާރުގަދަ މީހާ ވީމަ ގާނޫނެއް ނުހިނގާ،" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ގަވައިދާ ޚިލާފަށް ދޫނި އެތެރެކުރުމުން ކަންކުރާނެ އިތުރުގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ދޫނިތައް މަރައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދޫންޏެއް ނޫންތާ ގޯސްވާންވީ. އެ ގެނައި މީހާއަށްތާ ފިޔަވަޅު އަޅަންވީ،" އަލީ ވިދާޅުވިއެވެ.

ކުޑަކުދިންގެ ބަގީޗާގައި ދޫންޏެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން ވެސް، ހިމާޔަތްކޮށްފައިވާ ދޫނި ހިފައިގެން، ނުވަތަ ގަވައިދާ ޚިލާފަށް ދޫނި އެތެރެކޮށްގެން އެތައް ބަޔަކު ޖޫރިމަނާ ކޮށްފައި އެބަހުއްޓެވެ.

އެހެން ނަމަވެސް އަނިޔާވެރިކަމާއެކު ޖަނަވާރަކަށް އަމަލުކޮށްގެން ރާއްޖޭގައި ޖިނާއީ ދައުވާއެއް އުފުލައިފައިވާކަން އެނގޭކަށް ނެތެވެ.

ސަރުކާރުން ދައްކަނީ ބަހަނާ؟

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުން ދޫނިތައް މެރުން ދިފާއުކުރައްވައި ވާހަކަ ދެއްކެވިއެވެ. އަދި އެކަމަށް ބަހަނާ ދައްކަވަން އުޅުއްވިހެން ވެސް ހީވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ވިދާޅުވީ އެގޮތަށް ދޫނިތައް މަރާލުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއްވާނެ ކަމަށެވެ.

އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތީން ކަން ފާހަގަކޮށް، ނަޝީދު ވިދާޅުވީ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށް އަދި 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނުވަތަ ގާނޫނުން ޖާގަ ދޭ ކަމަށެވެ.

"މި ގަވާއިދުގަ އެބަ ބުނޭ އެތެރެކުރާ ދިރޭ ޖަނަވާރު ނައްތާލުމަށް. މި ގަވައިދުގަ އެބަ ބުނޭ. ދެން ނައްތާލި ތަން އަޅުގަނޑުމެންނަށް ފެނުނީމަ އެ ކަމުގެ ހައިރާން ކަން އަަދި އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ،" ނަޝީދު ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ދިފާއުކުރެއްވިއެވެ. އޭނާ ވިދާޅުވީ "ދެ ތިން ހަތަރު ދޫނި މަރައިގެން" ކަންބޮޑުވާ ވަރު ނުވާ ކަމަށެވެ. އަދި ދޫނީގެ ސަބަބުން ފެތުރޭ، އެޗްވަންއެންވަން އާއި ބާޑްފްލޫ ފަދަ ބަލިތަކަކީ އިންސާނިއްޔަތަށް ނުރައްކާތެރިވާފަދަ ބަލިތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ދޫނިރޯގާގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގައި އެތައް ހާސް ދޫންޏެއް މަރާލެވުނު ކަމަށާއި "ދެ ތިން ހަތަރު ދޫނި މަރައިގެން ކަންތައް ބޮޑުވެގެން" އުޅޭއިރު، އެ ދޫނިތަކުން ފެތުރޭނީ ކޮން ކަހަލަ ބައްޔެއް ކަން ވެސް ނޭނގޭ ކަމަށެވެ.

"ކޮން ކަހަލަ ބައްޔެއް ކަމެއް، ކޮން ކަހަލަ އެއްޗެއްތޯ ފަތުރާނީ އަޅުގަނޑުމެންނަށް ކިހިނެއްތޯ އެނގޭނީ، ކީއްވެގެންތޯ މަރާލީ. ރާއްޖޭގަ ފެސިލިޓީއެއް ނެތް އެ ކަރަންޓީނުކޮށް ބެލެހެއްޓޭނެގޮތެއް. އެ މީހުންގެ ދޫންޏަށް ޒިންމާ ވާކަށް ނޯވޭ،" ޝަރީފް ވިދާޅުވިއެވެ.

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް -- ފޮޓޯ/ މަޖިލިސް

އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން މި މައްސަލައާ ދެން ގުޅުވާލީ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި މައްސަލައާއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ އެންވައިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް (ސައްލޭ) ވިދާޅުވީ ގާނޫނުގައި އޮތް ނަމަވެސް ދޫނިތައް މަރާލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންނަމަވެސް ދިވެހިންގެ ވިސްނުމުގައި ދިރޭ ތަކެތި "މެރުމުގެ" ވިސްނުން ހުންނަނީ ގާނޫނުތައް ނެތިގެން ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން ސައްލޭ ނެންގެވީ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތެވެ.

"އަޅުގަނޑުމެންނަށް ގާނޫނާއި ގަވައިދުތައް ތަންފީޒު ނުކުރެވެނީ، އެކަމުގެ ހެއްކެއްގެ ގޮތުން، އިއްޒަތްތެރި ރައީސް ބައްލަވާ ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީ ގޮތް،" ސައްލެ ވިދާޅުވިއެވެ.

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމަކަށް ކިނބޫ މަރާލެވިފައިވާ ކަމަށް ތުހުމަތުކުރައްވައި ސަލީމް ވިދާޅުވީ އެ މައްސަލަ ބަލާނެ ކަމަށް މީގެ ކުރިން ސިފައިން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް ބެލިފައިނުވާ ކަމަށެވެ.

ސުވާލަކީ ކުރީގެ ސަރުކާރުން ކުރި ކަމަކަށް ފާޑުކިޔައިގެން ދޫނިތައް މަރާލުން ދިފާއުކުރެވޭނެ ހެއްޔެވެ؟ އަދި ކުރިން އެފަދަ ކަމެއް ކޮށްފައި އޮތުމަކީ މިއަދު އެފަދަ ކަމެއްް ކުރަން ޖެހޭ ސަބަބެއް ހެއްޔެވެ؟ އެއީ ބަހަނާއެއް ކަމުގައި ގަބޫލުކުރެވޭ ހެއްޔެވެ؟

ކުރިން ވެސް މިކަހަލަ މައްސަލައެއް ފެންމަތިވި!

މީގެ ހަތަރު އަހަރުކުރިން ވެސް ރަހުމުކުޑަ ގޮތަކަށް ދޫންޏެއް މަރާލާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވިއެވެ. އެފަހަރު ވެސް އާންމުން އެކަމާ ނުރުހުން ފާޅުކުރިއެވެ. އެކަމަކު އަބަދުވެސް ކަންހިނގާ އުސޫލުން އެކަން މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާނުން ފޮހެވިއްޖެއެވެ.

ސޯޝަލް މީޑިއާގައި 2017ވަނަ އަހަރު އާންމުވި ވީޑިއޯއެއްގައި ފެންނަނީ ކަސްޓަމްސް މުވައްޒިފުންގެ ހާޒިރުގައި "އެފްރިކަން ގްރޭ" ދޫނިތަކެއް ކަތިލާ މަންޒަރެވެ.

ދޫނިތައް ކަތިލަނީ، މިއީ 2017ވަނަ އަހަރު އާއްމުވި ވީޑިއޯއެއްގެ ސްކްރީންޝޮޓެއް --

އޭރު ކަމާބެހޭ އިދާރާތަކުން ބުނީ ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރާ ދޫނިފަދަ ތަކެތި ކަތިލައި ނައްތާލަނީ އެތަކެތި ގެނައި ގައުމުތަކަށް ފޮނުވުމަށް ފުރުސަތު ދިނުމަށް ފަހު ނުފޮނުވުމުން ކަމަށެވެ.

ގާނޫނާއި ގަވާއިދަށް ބަދަލުގެންނަން ޖެހޭ!

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީން ދެކޭ ގޮތުގައި މި ކަންކަމަށް ހައްލު ގެނެވޭނީ ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެންނެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެ ކުރާ ދިރޭ ތަކެތި މަރާލުމަށް ގަވާއިދުތަކުން ދީފައިވާ ހުއްދަތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"އެކަން [މަރާލެވޭ ގޮތަށް] ގަވާއިދުތަކުގައި އޮންނަނީ. އެކަމަކު ރަނގަޅު ގޮތެއް ނޫން އެއީއެއް. އެފަދަ މާއްދާތަކަށް ބަދަލު ގެންނަން ޖެހޭ. އެއަށް ވުރެ ރަނގަޅަށް އެކަން ކުރެވެން ވާނެ،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން އީޕީއޭއިން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ހުރިހާ ދިރޭ އެއްޗެއް ވެސް މެރުން ނޫން އެހެން ގޮތެއް ހޯދޭތޯ. ކާޅުވިޔަސ،ް ވާ ވިޔަސް އެހެން އެއްޗެއް ވިޔަސް،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ދޫނިތައް މަރާލި މައްސަލައިގައި ފިޔަވަޅު އެޅުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ކަންކަން ގޯހުންގޯހަށް ދަނީ ފިޔަވަޅު ނޭޅި ލަސްވާތީ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފިޔަވަޅު އެޅޭނެތަ؟

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ދޫނިތައް މަރާލި މައްސަލަ ބަލަމުންދާ ކަމަށާއި އެކަމުގައި އެއްވެސް މީހަކު ގާނޫނާއި ގަވައިދާ ޚިލާފުވެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަޅުގަނޑަށް ވެސް މިކަން ހިނގައިފައި އޮތްގޮތް އެސްޓަބްލިޝް ކުރަންވެގެން ކަމާބެހޭ މީހުންނާ ގުޅިގެން މި ބަލަނީ. ދެން މިކަން ހިނގައިފައި އޮތީ މިވެނި ގޮތަކަށޭ ދަންނަވާކަށް ނޭނގެ،" ހުސެއިން ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި "ގާނޫނާއި ގަވައިދާ ހިލާފުވެފައިވާނަމަ" ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ގަވާއިދު ބުނާ ގޮތުންނަމަ ގަވައިދާޚިލާފަށް ރާއްޖެ އެތެރެކުރާ ދޫނި މަރާލުމުގެ ނުވަތަ ނައްތާލުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެން ވެސް އަމަލުކުރަން ޖެހެނީ ގާނޫނާއި ގަވައިދުގައި އޮތްގޮތަށް ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްގެން ނުބައި ނަތީޖާ ނުކުންނަކަމުގައި ވަނީނަމަ ރައްޔިތުން އެދޭ ގޮތަށް ނުވަތަ ގައުމުގެ މަސްލަހަތު އޮތްގޮތަށް ގާނޫނު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭޖީގެ ލަފާގެ މަތިން މިޝަރީޒް މިނިސްޓްރީން މަރާލައިފައިވާ ދޫނިތަށް

އެހެންކަމުން، ގާނޫނާއި ގަވައިދާ ޚިލާފު ވެގެން މި މައްސަލައިގައި އެޅޭނެ ފިޔަވަޅެއް އޮތްކަމަކަށް ނުފެނެއެވެ. ސަބަބަކީ އެކަން ކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވާތީއެވެ. އެ އަމަލަކީ ކިތަންމެ ރަހުމުކުޑަ އަމަލެއް ކަމުަގައި ވިޔަސް ގާނޫނުން އެކަމަށް ޖާގަދެއެވެ.

މިކަމުން އިބުރަތް ލިބިގަނެ ކުރިއަށް އޮތްތަނުގައި ގާނޫނުތައް އިސްލާހުކުރުމަކީ ދެން އޮތް ގޮތް ކަމަށް ވެދާނެއެވެ.

comment ކޮމެންޓް