ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ހާމަވީ އެޖެންޑާ19އަށް އޮތް ތާއީދު: އެމްޑީޕީ

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީން މިރޭ ބޭއްވި ޕްރެސްކޮންފަރެންސް --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސެއިން

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހާމަވީ އެޖެންޑާ19 އަށް އޮތް ތާއީދު ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއިން ކުރި ހޯދައިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ.

މި ކާމިޔާބީއާ ގުޅިގެން އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެޖެންޑާ19އަށް ލިބުނުފަދަ ކާމިޔާބީއެއް މިއަދު ބޭއްވި އިންތިހާބުން ނުފެނުނީ ތިން ކެންޑިޑޭޓުން ބައިވެރިވުމުން ކަމަށެވެ.

"މިއަދު ނިމުނު އިންތިހާބުގައި ވާދަކުރީ ތިން ކެންޑިޑޭޓުން، އެހެންވީމަ ދެ ކެންޑިޑޭޓަކު ވާދަކޮށްގެން ނަގާ ވޯޓަކަށް ވުރެ ތަންކޮޅެއް މަދުވުން އެއީ އާންމު އުސޫލު ހަމަ. އެއީ އެ އިންތިހާބެއްގަ ތިން ކެންޑިޑޭޓަކު ވާދަކުރާނަމަ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ލިބޭ ވޯޓުގެ އަދަދު އެ ތަފާތު ހުންނާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މިއަދު ބޭއްވި އިންތިހާބުން އެޖެންޑާ19 އަށް ތާއީދު އޮތް ކަން ހާމަވިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެޖެންޑާ19އަށް އޮތް ތާއީދު ފެނިގެން އެ ދިޔައީ ކޮމަންޑޫ ދާއިރާއިން ވެސް، އެޖެންޑާ19ގައި ކުރެވިފައި ހުރި މަސައްކަތްތައް އެ ވެސް ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައި އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ މިހާރު އެޖެންޑާ19ގައި ވައުދުވި ކަންކަމުގެ ތެރެއިން 70 އިންސައްތަ ކަންކަން ރައްޔިތުންގެ މަޖިލިސް ތެރެއިން ކޮށް ނިމިފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެޖެންޑާ19 އަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބޭނުން ކުރި ޝިއާރެވެ. އޭގެ ދަށުން އެމްޑީޕީން މަޖިލިހަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނޭ މައިގަނޑު ފަސް ކަމަކީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ.

އެޖެންޑާ 19 ގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އިތުބާރު ކުރެވޭ ސިއްހީ ނިޒާމާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދިނުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ބޯހިޔާވަހިކަން ހޯދައި ދިނުމާއި ފެނާއި ކަރަންޓު އަގުހެޔޮ ކުރުން ފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް