އަންނަ މަހު ވިލާއަށް ކާޑެއްދޫ އެއާޕޯޓް ހަވާލު ކުރަނީ

ކާޑެއްދޫ އެއާޕޯޓް: އަންނަ މަހު އެ އެއާޕޯޓް ވިލާއެއާއާ ހަވާލު ކުރަން ވަނީ ނިންމައިފައި-- ފޮޓޯ: ހޮލިޑިފައި

ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ގޮތަށް އަންނަ މަހުގެ ތެރޭގައި ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގައި ތަރައްގީކޮށް، ބެލެހެއްޓުމަށް ވިލާ އެއާއަށް 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2017 ވަނަ އަހަރު އެ އެއާޕޯޓު ހަވާލު ކުރި އެއްބަސްވުން ބާތިލުކޮށް އެތަން ވަނީ ސަރުކާރަށް ނަގައިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭމަހު ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏާ އަލުން އެ އެއާޕޯޓް ހަވާލު ކުރުމަށް ހުކުމް ކޮށްފައެވެ.

ހުކުމް ކުރިތާ އަށް މަސް ވެގެން ދިޔައިރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ވިލާ އެއާއާ އެ އެއާޕޯޓް ހަވާލު ކޮށްފައެއް ނުވެއެވެ. ޓްރާންސްޕޯޓް މިނިސްޓަރަކީ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު މިއަދު "ސަން" އަށް ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އެގްރިމެންޓް ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"ވިލާއަށް ބަދަލުގައި ލިބެން ޖެހޭ ކަންކަން ނިންމުމާއެކު ހަވާލު ކުރެވޭނެ. އަޅުގަނޑުމެން މިބަލަނީ ފެބްރުއަރީ މަހު ހަވާލު ކުރެވޭނެ ކަމަށް،" ޒުހައިރު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ސަރަހައްދީ އެއާޕޯޓު ހުންނަ ކާޑެއްދޫގެ މައި ޖެޓީ ހުކުރު ދުވަހު ވެއްޓި އެ ރަށަށް އަރައިފޭބުމުގައި ދަތިތަކާ ކުރިމަތިލާން މިހާރު ވަނީ ޖެހިފައެވެ. ޖެޓީ ހަލާކުވާން މެދުވެރިވީ ބަނދަރުގެ ފާރުގެ ދަށުން މޫދަށް ވެލިގަނޑު ދަމައިގަންނާތީއެވެ.

އެކަމާ ގުޅޭގޮތުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ނާޝިދު އިއްޔެ "ސަން"އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓްގެ ހާލަތު މިދިޔަ އަހަރު ފަހުކޮޅު އެ ކުންފުނީގެ ވެރިން ބެއްލެވި ކަމަށާއި ވިސްނުން ހުރީ އެ ރަށުގައި އާ ބަނދަރެއް ހެދުމަށް ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރެވެން އަންނަނީ އެ ކުންފުންޏާ އެ އެއާޕޯޓް ރަސްމީކޮށް ހަވާލު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަވާލު ކުރާ ހިސާބުން އެކަންކަން [ބަނދަރު ހެދުން] ހައްލު ކުރަން ފަށާނެ. ކުންފުނީގެ ޓޮޕް ލެވަލްއިން ސައިޓް އިންސްޕެކްޝަން ހަދާފައިވަނީ،" ނާޝިދު ވިދާޅުވިއެވެ.

https://sun.mv/161286

"އަޅުގަނޑުމެން ސަރުކާރާއެކު އެއްބަސްވެފައިވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނަން ހަވާލު ކުރާ ހިސާބުން."

ނާޝިދު ވިދާޅުވީ އެގްރިމެންޓް ހެދުމަށްޓަކައި އެކުންފުނިން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުން ވަރަށް އަވަހަށް އެގްރިމެންޓް ހަދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް